އިންގްލެންޑުން ޔޫރޯ 2024 ކޮލިފައިން ކެމްޕޭން ފެށީ 1961 ވަނަ އަހަރަށް ފަހު އިޓަލީގައި ހޯދި ފުރަތަމަ މޮޅާއެކު، މި މެޗުގައި ޖެހި ގޯލާއެކު އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ވަނީ މީގެކުރީން އިންގްލެންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ވޭން ރޫނީގެ ރެކޯޑް މުގުރާލައިފައެވެ. މި މެޗުން އިންގްލެންޑް މޮޅުވީ 2-1 އިންނެވެ.
ކޭން، 29، ވަނީ އެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނެޓަކަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ވައްދާލި ގޯލާއެކު މި ތާރީޚީ ރެކޯޑް ގާއިމްކޮށްފައެވެ. މި ގޯލާއެކު އިންގްލެންޑްގެ ގައުމީ ޓީމަށް ކޭން ޖެހި ލަނޑުގެ އަދަދު ވަނީ 54 އަށް އަރާފައެވެ.
ނަޕޯލީގެ ޑިއޭގޯ އާރްމަންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި އިންގްލެންޑުން ލީޑްނެގީ 13 ވަނަ މިނެޓުގައި ޑެކްލަން ރައިސް ޖެހި ގޯލުންނެވެ. މިއީ އެ ޓީމުގެ ކެޕްޓަން ކޭން ފޮނުވާލި ބޯޅައެއް ބްލޮކްކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ރައިސް އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ 44 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން އިޓަލީގެ ޑިފެންޑަރު ޖިއޮވާނީ ޑި ލޮރެންޒޯ ބޯޅައިގައި އަތްލި ކަމަށް ނިންމައި، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއަކުން ކޭން ވަނީ އިންގްލެންޑަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސް އަތުން އިންގްލެންޑް ބަލިވި މެޗުގައި ކޭން އަތުން ޕެނަލްޓީއެއް ބޭކާރުވުމުން އެކަމުގެ ހަނދާން ފިލުވާލަން ލިބުނު ރަނގަޅު ފުރުޞަތެކެވެ.
ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ނޭޕާލްސްގައި އިޓަލީން ކުޅުނު ފުރަތަމަ ބައިނަލްއަގުވާމީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، ދެވަނަ ހާފު ފެށީ ރަނގަޅަށެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަރަކަށް މިނެޓުގެ ތެރޭގައި އިޓަލީގެ ހަމައެކަނި ލަނޑުޖެހީ މަޓެއޯ ރެޓެގީ އެވެ. މިއީ އިންގްލެންޑްގެ ޑިފެންޑަރު ހެރީ މެގުއާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ރެޓެގީ ކާމިޔާބުކުރި ގޯލެކެވެ. މިއީ އާޖެންޓީނާ އަށް އުފަން އުމުރުން 23 އަހަރުގެ ރެޓެގީ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗުވެސް މެއެވެ.
މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް އިންގްލެންޑްގެ ފުލްބެކް ލޫކް ޝޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުގެ ކުޅުން އިހުނަށްވުރެ ދަށްވި ނަމަވެސް، އިޓަލީން އިތުރު ގޯލެއްޖެހިޔަނުދީ ވަނީ ހިފަހައްޓާފައެވެ.
