ޔޫރޯ 2024 ކޮލިފައިންގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި 4-0 އިން ލިޗްޓެންސްޓައިން ބަލިކުރިއިރު އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލު ޖަހައި، ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފިއެވެ.
ރޭގެ މެޗާއެކު ރޮނާލްޑޯ، 38، ވަނީ ޕޯޗުގަލް އަށް 197 ވަނަ މެޗު ކުޅެދީ ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅުމުގެ އައު ރެކޯޑެއް ގާއިމްކޮށްފައެވެ. އަދި ރޭގެ މެޗުގައި ޖެހި ދެ ލަނޑާއެކު ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑުޖަހައިދިނުމުގެ ރެކޯޑް އޮތް ރޮނާލްޑޯ ޖެހި ގޯލްގެ އަދަދު ވަނީ 120 އަށް އަރާފައެވެ.
މި މެޗުގައި ރޮނާލްޑޯ ޖެހި ދެ ގޯލް ވެސް ފެނިގެންދިޔައީ ފަހު ހާފުގައެވެ. އޭގެތެރެއިން، ފުރަތަމަ ގޯލަކީ މެޗުގެ 51 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ކާމިޔާބުކުރި ގޯލެކެވެ. އަދި އޭގެ 12 ވަރަކަށް މިނެޓު ފަހުން ރޮނާލްޑޯގެ ދެވަނަ ލަނޑުޖެހީ ހިލޭޖެހުމަކުން ފޮނުވާލި ބޯޅައަކުންނެވެ. ޕޯޗުގަލް އިން މި މެޗުގައި ޖެހި އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ޔާއޯ ކަންސޭލޯ އާއި ބެނާޑޯ ސިލްވާ އެވެ.
ޔޫރޯ ކޮލިފައިންގައި މި ގްރޫޕުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު އަމިއްލަ ދަނޑުގައި ބޮސްނިއާ އެންޑް ހާޒެގޮވީނާ ވަނީ 3-0 އިން އައިސްލެންޑް ބަލިކޮށްފައެވެ. އަދި ސްލޮވާކިއާ އާއި ލަގްޒެމްބޯގް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކަޒަކިސްތާން އަތުން ރަށުން ބޭރުގައި ސްލޮވީނިއާ ވަނީ 2-1 އިން މޮޅުވެފައެވެ. ގްރޫޕް އެޗްގައި ހިމެނޭ ޑެންމާކުން 3-1 އިން ފިންލެންޑް ބަލިކުރިއިރު، ނޯދަން އަޔަލެންޑުން ވަނީ ރަށުން ބޭރުގައި ސެން މަރީނޯ އަތުން 2-0 އިން މޮޅުވެފައެވެ.
