ވިމެންސް ޕްރިމިއާ ލީގު (ޑަބްލިއުޕީއެލް) ގައި މިރޭ ކުޅުނު އެލިމިނޭޓަރ މެޗުގައި އިންގްލެންޑްގެ އިސީ ވޮންގް ހެދި ހެޓްރިކާއެކު މުމްބާއީ އިންޑިއަންސް އިން 72 ލަނޑުގެ ތަފާތަކުން އުއްތަރު ޕްރަދޭޝް ވޯރިއާސް ބަލިކޮށް، އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއީ މި ފަހަރުގެ ޑަބްލިއުޕީއެލްގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކެވެ. އަދި މިއީ މި ދެ ޓީމު ބައްދަލުކުރި ތިންވަނަ ފަހަރެވެ. މީގެތެރެއިން، ދެ މެޗުން މުމްބާއީ މޮޅުވިއިރު، އަނެއް މެޗުން މޮޅުވީ ޔޫޕީ ވޯރިއާސް އެވެ.
މުމްބާއީގައި ހުންނަ ޑީވައި ޕާޓިލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ޔޫޕީ ވޯރިއާސް އިން ގަސްދުކުރީ ހޮވަން އަރާށެވެ. މުމްބާއީ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް 182 ލަނޑުހެދިއެވެ.
މި އިނިންގްސްގައި މުމްބާއީ އިން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 38 ބޯޅައިން 72 ލަނޑުހެދި ނެޓް ސްކައިވަރ-ބްރަންޓް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ސްކައިވަރ-ބްރަންޓް އެވެ. ދެން އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު އަމެލިއާ ކޭރް ވަނީ 19 ބޯޅައިން 29 ލަނޑުހަދައިފައެވެ. ފުރަތަމަ އިނިންގްސްގައި ޔޫޕީ ވޯރިއާސްގެ ސޯފީ އެކްލްސްޓޯން ދެ ވިކެޓްނެގިއިރު، ޕަރްޝާވީ ޗޯޕްރާ އާއި އަންޖަލީ ސަރްވާނީ ކުރެން ކޮންމެ އުކުންތެރިއަކު ވިކެޓެއްނެގިއެވެ.
ޖަވާބުގައި ކުޅެން އެރި ޔޫޕީ ވޯރިއާސް އަށް ޓާގެޓެއްގެ ގޮތުގައި 183 ލަނޑު ހަދަން ޖެހިފައި އޮތްއިރު، އެ އަމާޒަށް ވާސިލްނުވެވި 17.3 އޯވަރުގެ ތެރޭގައި އެ ޓީމުގެ ހުރިހާ ކުޅުންތެރިން ނުބައިވީ 110 ލަނޑަށެވެ. މިހާ ދަށް ސްކޯއަކަށް ޔޫޕީ ވޯރިއާސްގެ ކުޅުންތެރިން ނުބައިކޮށްލުމުގައި މުހިއްމު ދައުރެއް އަދާކުރީ މުމްބާއީގެ އުމުރުން 20 އަހަރުގެ އިނގިރޭސި އުކުންތެރިޔާ ވޮންގް އެވެ. އޭނާ ވަނީ މެޗުގެ 13 ވަނަ އޯވަރުގައި ޖެހިޖެހިގެން ތިން ބޯޅައިގައި ޔޫޕީ ވޯރިއާސްގެ ތިން ކުޅުންތެރިން ނުބައިކޮށްލައި، ހެޓްރިކް ހަދާފައެވެ. މިއާއެކު، މުޅި މެޗުގައި އޭނާ ވަނީ 15 ލަނޑަށް ހަތަރު ވިކެޓްނަގާފައެވެ.
ދެވަނަ އިނިންގްސްގައި ޔޫޕީ ވޯރިއާސްގެ ކިރަން ނަވްގިރެ ނޫން އެހެން ކުޅުންތެރިއަކަށް ރަނގަޅު ސްކޯއެއް ހެދިފައެއްނުވެއެވެ. ކިރަން ނަވްގިރެ ވަނީ 27 ބޯޅައިން 43 ލަނޑުހަދާފައެވެ. އެ ޓީމުގެ ކެޕްޓަން އެލީސާ ހީލީ ނުބައިވީ 11 ލަނޑަށެވެ. މުމްބާއީގެ އުކުންތެރިޔާ ސައިކާ އިޝާކް ދެ ވިކެޓްނެގިއިރު، ސްކައިވަރ-ބްރަންޓް އާއި ހޭލީ މެތިއުސް އަދި ޖިންޓިމާނީ ކަލިޓާ ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.
މި މުބާރާތުގެ ފައިނަލްގައި އަންނަ އާދީއްތަ ދުވަހުގެ ރޭގަނޑު 7:00 ގައި މުމްބާއީ ނިކުންނާނީ ދިއްލީ ކެޕިޓަލްސްއާ ދެކޮޅަށެވެ.
