ފްރާންސްގެ ކެޕްޓަންކަމުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ފުރަތަމަ ގޯލްތަކާއެކު ޔޫރޯ 2024 ގެ ކޮލިފައިން އެ ޓީމު ފެށީ ނެދަލެންޑްސް އަތުން ހޯދީ ބޮޑު މޮޅާއެކު އެވެ. މި މެޗުން ފްރާންސް މޮޅުވީ 4-0 އިންނެވެ.

ނެދަލެންޑްސް އިން ރޭގެ މެޗަށް ނިކުތުމުގެ ކުރީން ފްލޫ ވައިރަސްގެ ސަބަބުން ފަސް ކުޅުންތެރިއަކު އަނބުރައި ގައުމަށް ފޮނުވާލަން ޖެހުމުން އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އަށް ވަނީ މާޔޫސްކަމާ ކުރިމަތިލާންޖެހިފައެވެ. ރޭގެ މެޗުގައި ބަލި ހާލަތު ހުރިގޮތުން ނުކުޅެވުނު ކުޅުންތެރިންނަކީ؛ ކޯޑީ ގަކްޕޯ، މަތައިސް ޑި ލިޓް، ސްވެން ބޮޓްމަން އާއި ޖޯއީ ވާމެން އަދި ކީޕަރު ބާޓް ވާބްރުގެން އެވެ.

ސްޓޭޑް ޑެ ފްރާންސްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 21 މިނެޓުގެ ތެރޭގައި ފްރާންސުން ވަނީ ތިން ލަނޑުގެ ލީޑެއްނަގައިފައެވެ. އެގޮތުން، މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ފްރާންސުން ލީޑްނެގީ އެމްބާޕޭ ދިން ޕާހަކުން އެންޓޮއިން ގްރީޒްމަން އެވެ. އަދި އޭގެ ހަ މިނެޓުފަހުން، ޑަޔޯޓް އުޕަމެކާނޯ ވަނީ ފްރާންސަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ.

މެޗުގެ 21 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އައުރެލިއަން ޗުއަމެނީ ދިން ތުރޫ ޕާހަކުން ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މިއީ އެމްބާޕޭގެ ކެޕްޓަންކަމުގައި ފްރާންސުން ކުޅުނު ފުރަތަމަ މެޗުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އަދި މިއީ ފްރާންސަށް އޭނާ ޖަހައިދިން 37 ވަނަ ލަނޑެވެ.

ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ (މ) ނެދަލެންޑްސްގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

މި މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ފްރާންސްގެ ހަތަރު ވަނަ ލަނޑަކީ އެމްބާޕޭ ކާމިޔާބުކުރި މޮޅު ސޯލޯ ގޯލެކެވެ. މިއީ ނެދަލެންޑްސްގެ ޑިފެންސްލައިންގައި ތިބި ކުޅުންތެރިންނަށް އޮޅުވާލުމަށްފަހު ސިލްސިލާ ފޭއިންޓްތަކާއި ޑަމީތަކުގެ އެހީގައި ޕެނަލްޓީއޭރިޔާގެ އަރިމަތިން ގޯލްގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން އެމްބާޕޭ ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ ފްރާންސްގެ ޖާޒީގައި އޭނާ ކުޅުނު 67 މެޗުގައި ޖެހި 38 ވަނަ ލަނޑެވެ. މިއާއެކު، އެމްބާޕޭ ވަނީ ފްރާންސްގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލަނޑުލިސްޓުގެ ފަސްވަނަ އަށް ޖެހިލާފައެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ނެދަލެންޑްސް އަށް ފަރަގު ކުޑަކޮށްދޭން މެމްފިސް ޑިޕާއީ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާތެރެއިން ފްރާންސްގެ ޑިފެންޑަރު އުޕަމެކާނޯ ބޯޅައިގައި އަތްލުމުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން މި ޕެނަލްޓީ ޑިޕާއީ ފޮނުވާލުމުން ފްރާންސްގެ ކީޕަރު މައިކް މައިގްނަން މަތަކުރިއެވެ.

ޑިޕާއީ ފޮނުވާލި މި ޕެނަލްޓީ މަތަކުރުމަށްފަހު ފްރާންސްގެ ކީޕަރު މައިގްނަން ބުނީ، "އެއީ ސައިކޮލޮޖިކަލް ބެޓްލްއެއް. އަހަރެން ބޭނުންވީ ވީހާވެސް ބޮޑު ޖާގައެއް ނަގަން."

ޔޫރޯ ކޮލިފައިންގައި ރޭ މި ގްރޫޕުގައި ހިމެނޭ ގްރީސް އިން ވަނީ ރަށުން ބޭރުގައި 3-0 އިން ޖިބްރޯލްޓާ ބަލިކޮށްފައެވެ.