ޔޫރޯ 2024 ކޮލިފައިންގައި ރޭ ކުޅުނު މެޗަށް ސްވިޑެންގެ އަބަދަށްފެހި ފޯވާޑް ޒަލަޓާން އިބްރާހިމޮވިޗް އެނބުރިއައިއިރު، އެ މެޗުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހެދި ހެޓްރިކާއެކު އެ ޓީމުން 3-0 ގެ ނަތީޖާއަކުން ސްވިޑެން ބަލިކޮށްފިއެވެ.
މި މެޗަކީ މެދުކެނޑުމަކަށްފަހު ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ސްވިޑެން އަށް އިބްރާހިމޮވިޗް އެނބުރިއައި މެޗެވެ. ރޭގެ މެޗު ކުޅުނުއިރު އިބްރާހިމޮވިޗްގެ އުމުރަކީ 41 އަހަރާއި، ފަސް މަހާއި 21 ދުވަހެވެ. މިއާއެކު، ޔޫރޯ ކޮލިފައިން މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް އިބްރާހިމޮވިޗް މުގުރާލިއެވެ.
ނަމަވެސް ގްރޫޕް ބީ ގައި ރޭ ގްރީސް އަތުން 3-0 އިން ޖިބްރޯލްޓާ ބަލިވި މެޗުގައި އެ ޓީމުގެ ފޯވާޑް ލީ ކަޝިއާރޯ ވަނީ އިބްރާހިމޮވިޗްގެ ރެކޯޑް މުގުރާލައިފައެވެ. އޭނާ އަކީ އިބްރާހިމޮވިޗަށްވުރެ ހަތަރު ދުވަސް ދޮށީ ކުޅުންތެރިއެކެވެ.
ފްރެންޑްސް އެރީނާގައި ރޭ ބެލްޖިއަމް ކުޅުނު މެޗުގައި އެ ޓީމުން ލީޑްނެގީ 35 ވަނަ މިނެޓުގައި ޑޯޑީ ލުކެބަކިއޯ ނެގި ހުރަހަކުން ލުކާކޫ ބޮލުން ވައްދާލި ލަނޑުންނެވެ. މިއީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން ބެލްޖިއަމަށް ލުކާކޫ ޖަހައިދިން ފުރަތަމަ ގޯލެވެ.
މި މެޗުގައި ބެލްޖިއަމުން ޖެހި ދެވަނަ ލަނޑު، 49 ވަނަ މިނެޓުގައި ލުކާކޫ ކާމިޔާބުކޮށްދިނީ ވެސް ލުކެބަކިއޯ ނެގި ހުރަހަކުންނެވެ. އަދި އޭގެފަހުން، މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ބެލްޖިއަމްގެ ތިންވަނަ ލަނޑު، އަދި ލުކާކޫގެ ހެޓްރިކް ފުރިހަމަކުރީ ޔޮހާން ބަކަޔޯކޯ ދިން ބޯޅައަކުންނެވެ.
ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މި ގްރޫޕުގައި ހިމެނޭ އޮސްޓްރިއާ އިން އަމިއްލަ ދަނޑުގައި 4-1 އިން އަޒަރުބައިޖާން އަތުން ވަނީ މޮޅުވެފައެވެ. ގްރޫޕް ޖީގައި ރޭ ސާބިއާ އިން ލިތުއޭނިއާގެ މައްޗަށް 2-0 އިން ކުރިހޯދިއިރު، ގްރޫޕް އީ ގައި ހިމެނޭ ޗެކްރިޕަބްލިކުން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ޕޮލެންޑް ބަލިކޮށްފައެވެ. މި ގްރޫޕުގެ އަނެއް މެޗުގައި މޮލްޑޯވާގެ ދަނޑުގައި ފެރޯ އައިލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
