ކޮންމެ އަހަރަކުވެސް ދިރާގުން ދަނީ ރަމަޟާން މާހާ ގުޅުވައިގެން ޚާއްސަ ޝިޔާރެއްގެ މައްޗަށް ބިނާކޮށް ޕްރޮމޯޝަންތަކަކާއި ހަރާކަތްތަކެއް ތަޢާރަފްކުރަމުންނެވެ.

މިގޮތުން އެ ކުންފުނީގެ މިއަހަރުގެ ރަމަޟާން މަހުގެ ކެމްޕެއިން ޚާއްސަކުރެވިފައިވަނީ މަންމައިންނަށާއި މަންމަގެ އަގު ވަޒަންކޮށް މަންމައާއެކު އޮންނަ ގުޅުން ބަދަހި ކުރުމަށެވެ. 

މި ޝިޔާރުގެ ދަށުން އެކުންފުނިން ވަނީ ޚާއްސަ ކުރު ފިލްމެއްވެސް ތަޢާރަފްކޮށްފައެވެ. 

'ލޯބި' ނަމަކަށް ކިޔާ މި ކުރު ފިލްމުން ދައްކުވައިދެނީ ލޯ އަނދިރި ކުއްޖަކާއި އޭނާގެ ދައްތަ އެދެބެއިންގެ މަންމަގެ ކަރާ ފަނި ރެސިޕީ ހަމަ އެ ރަހައަށް ހެދުމަށް ކުރާ މަސައްކަތެވެ. އއ. ތޮއްޑޫއިން މަންމަ މާލެއަށް ގޮސްފައިވަނިކޮށް، މަންމަ ހަދާ ހަމަ އެ މީރު ކަރާ ފަނި އެގޮތަށް ހެދުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރެއެވެ.  ނަމަވެސް މަންމަގެ އެ ކަރާ ފަނީގެ ރަހައެއް އެކުދިންނަކަށް ނުގެނެއެވެ. 

މި ފިލްމުން ދައްކުވައިދެނީ އެތައް މީހަކު އެކި ކަންތައް ކޮށްދިނަސް މަންމަ ކޮށްދޭހާ ފުރިހަމަކޮށް ނުވަތަ އެގޮތަށް އެ ލޮތްބާއެކު ނުކުރެވޭނެކަމެވެ. އެހެން ކަމުން ޚާއްސަކޮށް މި ބަރާކަތްތެރި ރަމަޟާން މަހުގައި މަންމަގެ އަގު ވަޒަން ކުރުމަށާއި އޭގެ މުހިންމުކަންވެސް ފާހަގަކުރެއެވެ. 

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނީގެ އެކި އިޝްތިހާރުތަކާއި ކެމްޕެއިންތައް މެދުވެރިކޮށް ތަފާތު މުހިންމު އިޖުތިމާއީ މެސެޖްތައް އާންމުންނާއި ހަމައަށް ގެނެސްދިނުމަށެވެ. 

ދިރާގުގެ މިއަހަރުގެ ރަމަޟާން ކުރު ފިލްމް ބަލާލުމަށް: https://youtu.be/5xPqjEBBLvM