3ޑީ ޕްރިންޓަރަކުން ގޭގެ އިމާރާތްކުރުން އާ ލެވެލްއަކަށް ގެންގޮސްދީފިއެވެ. 12 ޓަނަށް ވުރެ ބަރު މިބޮޑު ޕްރިންޓަރުގެ އެހީގައި އެމެރިކާގައި 3ޑީ ޕްރިންޓްކޮށްފައިވާ ފުރަތަމަ ދެ ފަންގިފިލާގެ އިމާރާތް އަޅަންފަށައިފިއެވެ.
ހިއުސްޓަންގައި 4،000 އަކަފޫޓުގެ މި ގެ އެޅުމަށް ކޮންކްރީޓްގެ ފަށަލަތައް މެޝިނުން އެއްވަރަކަށް އަޅަމުންދެއެވެ.
ޑިޒައިން ސްޓޫޑިއޯ ހަނާގެ ކޯ ފައުންޑަރ އަދި ގޭގެ ޑިޒައިނަރު އާކިޓެކްޓް ލެސްލީ ލޮކް ބުނެފައިވަނީ 2 ފަންގިފިލާ ހިމެނޭ މިގެ އިމާރާތް ކުރުމަށް ޖުމްލަ 330 ގަޑިއިރު ޕްރިންޓް ކުރުމަށް ހޭދަކުރާނެ ކަމަށެވެ.

މި މަޝްރޫއަކީ ހަނާ، ޕެރީ 3ޑީ ކޮންސްޓްރަކްޝަން އަދި ކޮންސްޓްރަކްޝަން އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ ސައިވް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
ސިވޭގެ ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ވެރިޔާ ހިކްމަތު ޒެރްބޭ އުންމީދު ކުރައްވަނީ މި އާއުފެއްދުމާއި އެކު މުސްތަޤްބަލުގައި މަލްޓިފެމިލީ ގެތައް އަވަހަށް އަދި އަގުހެޔޮކޮށް ބިނާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަންނަ ތޫފާނާއި ބޯ ވާރޭ އެހެނިހެން ގަދަ ކޮޅިގަނޑުތަކަށް މިކޮންކްރީޓް ވަރުގަދަވާނެކަމަށް މިކުންފުނިން ބުނެއެވެ. މީގެ އިތުރުން ހުރިހާ ބުރަ މަސައްކަތް ކުރިއަށް ގެންދަނީ ޕްރިންޓަރުން ކަމަުގައިވާތީ ސައިޓަށް މަސަތްކަތްތެރިން ހޯދަންޖެހޭ މިންވަރުވެސް މަދެވެ.
