ރ. އަލިފުއްޓަކީ، ކިއްސަރު ވަޑާމަށް މޮޅު މީހުން ތިބުމުގެ ސަބަބުން ރާއްޖޭގައި މަޝްހޫރު ރަށެކެވެ. ނަމަވެސް އެރަށަކީ ވަރަށް އެއްބައިވަންތަ އަދި އިޖުތިމާޢީ ގުޅުން ވަރުގަދަ ރައްޔިތަކު ދިރިއުޅެމުންދާ ރަށެކެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް ފުދުންތެރިކަން ނެތް ފަރާތްތަކަށް އެހީތެރިވުމަށް ވަރަށް ގިނަ މަސައްކަތް ކުރެވެމުން ދެއެވެ. އެގޮތުން ނުކުޅެދޭ އަދި ބަލި މީހުނަށް އެހީތެރިކަން ދިނުމާއި ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ދެވޭ މާލީ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އަލިފުށީގެ ޒުވާނުން ވިސްނީ މިއަށްވުރެ މާތްކަމެއްގައި އެހީތެރިކަން ދިނުމަށެވެ. އެމީހުންގެ ނިޔަތް ވަރަށް ސާފެވެ.
ރައްޔިތުންގެ ތެރެއިން ބަޔަކު އިސްނަގައިގެން އެމީހުންގެ ތެރެއިން ކޮންމެ މީހަކު ޗަންދާގެ އުސޫލުން ވަކިވަރެއް ކޮންމެ މަހަކު ދައްކައިގެން ބޭނުންވީ ރައްޔިތުންގެ ތެރެއިން މީހަކަށް އުމްރާ ދަތުރެއް ދިނުމަށެވެ. މީގެ 2 އަހަރު ކުރިން ފެށުނު މި މަސައްކަތުގައި އެރަށުގެ ދެޖިންސުގެ 59 ރައްޔިތަކުވަނީ ބައިވެރިވެފައެވެ. މި ޒުވާނުންގެ އެހީގައި މިދިޔަ އަހަރު އުމްރާއަށް ފޮނުވާފައިވަނީ އެންމެ މީހެކެވެ. ނަމަވެސް ގިނަ ބަޔަކު މި ޙަރަކާތާއި ގުޅުމުގެ ސަބަބުން މި އަހަރު ދެމީހަކު އުމްރާއަށް ފޮނުވުމަށް ރޭގައި ވަނީ ގުރުއަތު ނެގިފައެވެ.
މިއަހަރުގެ އުމްރާދަތުރު ލިބުނު ފުރަތަމަ މީހަކީ އެރަށު ޒިކުރާ އާދާމް އިދުރީސް އެވެ. އާދަމް އިދުރީސްއަކީ އޭނާގެ އުމުރުގެ ބޮޑު ބައެއް ވަރަށް ބުރަކޮށް ވަޑާން ކުރުމުގައި ހޭދަކުރި މީހެކެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން ދިމާވި ސިއްހީ މައްސަލައެއްގައި އުނަގަނޑުން ތިރި ވާގިނެތި، އާމްދަނީ ހޯދުމަށް މަސައްކަތް ކުރަން ވަނީ ނުކުޅިދިފައެވެ. ދެވަނަ އަށް ގުރުއަތުން ހޮވުނީ އެރަށު ހެޕިނަސް ސައުދު ޢިސާ އެވެ. ސަޢުދު ޢިސާއަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ މިހަކާ ކައިވެނިކޮށްގެން، އެ އާއިލާގެ އެހެން ކުދިންގެ ޒިންމާވެސް ނަގަމުން އަންނަ މީހެކެވެ.
އުމްރާ ދަތުރަށް ގުރުއަތުން މީހުން ހޮވުނު ގޮތާއި ބެހޭގޮތުން ރަށުގެ ރައްޔިތަކާ ސުވާލުކޮށްލުމުން ބުނީ، " ދަތުރު ލިބުނު ދެމީހުންނަކީ ވެސް އެކަމަށް އެންމެ ފުރިހަމައަށް ޝަރުތު ހަމަވާ ދެމީހުން. އެންމެ ޙައްޤު ދެމީހުން މި ހޮވުނީ" މިހެންނެވެ.
މި ޙަރަކާތް އިސްވެ ކުރިއަށް ގެންދާ އަޙުމަދު އަޔާޒުއާ ތީރުގެ ފަރާތުން ގުޅާލާ މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކޮށް ލީމެވެ. "މިއީ ޒުވާނުންގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ރަގަޅު ކަމެއް ކޮށްދިނުމުގެ ނިޔަތުގައި ފެށި ކަމެއް، އެންމެ ފުރަތަމަ މިކަން ފެށިއިރު ތިބީ 13 މެމްބަރުން. ކޮންމެ މެމްބަރަކު ޗަންދާގެ ގޮތުގައި މަހަކު މަދުވެގެން 100 ދައްކާނެ. އެއީ އެއްވެސް މެމްބަރަކަށް ބޮޑު އެއްޗަކަށް ނުވޭ، ނަމަވެސް ހިލޭ އުމްރާ ދަތުރެއް ލިބުން އެއީ އެ ލިބޭ މީހަކަށް ހަމަ ވަރަށް ބޮޑު ހަދިޔާއެއް. 02 އަހަރު ވެގެން ދިޔަ އިރު އަޅުގަނޑުމެނާ 59 މެމްބަރަކު މިވަނީ ގުޅިފައި. ދީނުގައި ސުންނަތްކަން ގަދަވެގެންވާ އަޅުކަމެއް ފުރިހަމަ ކުރަން އެހީތެރިކަން ދެވޭތީ ހުރިހާ މެމްބަރުންވެސް ތިބެނީ ވަރަށް އުފަލުން. ފުރަތަމަ އަހަރު މި ފޮނުވުނީ އެކަކު، މިއަހަރު ދެމީހަކަށް އުމްރދަތުރު ދެވުނީ، އަޅުގަނޑުމެންގެ އުއްމީދަކީ މި ހަރަކާތާއި ގިނަ ބަޔަކު ގުޅި ޖެހިގެން އަންނަ އަހަރު ކޮންމެވެސް ރައްޔިތަކަށް ހައްޖުދަތުރެއް ހޯދައިދިނުން" ކަމަށް އަޔާޒު ހާމަ ކުރިއެވެ.
އުމްރާ ދަތުރު ލިބެނީ އެކަމަށް އެދި ފޯމް ހުށައަޅާ މީހުންގެ މެދުގައި ގުރުއަތު ނެގިގެންނެވެ. ޝަރުތަކީ އަލިފުށީގެ ރައްޔިތަކަށް ވުމާއި އެކު ކުރިން އުމްރާ ނުވަތަ ހައްޖެއް ކޮށްފައިވާ މީހަކަށް ނުވުން އަދި އުމުރުން 65-50 އަހަރާ ދޭތެރޭގެ މީހަކަށް ވުމެވެ. ދެން އެމީހެއްގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށްފަހު ވަކި އުސޫލެއްގެ ދަށުން ޕޮއިންޓް ދެވެއެވެ. މި ގޮތަށް ގުރުއަތުން ހޮވޭ މީހުނަށް ދެވެނީ އުމްރާ ދަތުރުގެ ޚަރަދު އެކަންޏެއް ނޫނެވެ. ދަތުރުގެ އެހެން ކަންކަމަށް ޚަރަދުކުރަން ކުޑަ ޕޮކެޓްމަނީ އެއްވެސް ދެވެއެވެ.
މިޙަރަކާތް ފެށިގެން އައި އިރު ތިބީ ހަމަ އެކަނި ޒުވާނުން ނަމަވެސް މިހާރު މިކަމުގައި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުންވެސް އަންނަނީ ލިބެމުންނެވެ. އަލިފުށީގެ ރައްޔިތުންގެ މި ޙަރަކާތަކީ ހުރިހާ ރަށްރަށުގެ މީހުންވެސް މިކަމުން މިސާލު ނަގަންޖެހޭ ހެޔޮކަމެކެވެ. ރަށްރަށުގައި ފުޓްބޯޅަ ދަނޑާއި ކުޅިވަރު ކުޅޭ ތަންތަންވެސް ހަދަން ވާނެއެވެ. ނަމަވެސް މިފަދަ ކަމަކަށް ހޭދަކުރާ ފައިސާގައި ބަރަކާތް އިތުރުވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلمޙަދީޘް ކުރެއްވިއެވެ. “ހެޔޮކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭފަދަ އަޖުރާއި ޘަވާބު ހުއްޓެވެ".
