ވިމެންސް ޕްރިމިއާ ލީގު (ޑަބްލިއުޕީއެލް) ގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން މުމްބާއީ އިންޑިއަންސް އިން ހޯދައިފިއެވެ.
ކްރިކެޓްގެ ދުނިޔޭގެ އެންމެ ފޯރިގަދަ މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އަސްލަކަށް ބަލައިގެން މިފަހަރު މުޅިން އަލަށް އިންޑިއާގައި ކުޅުނު ޑަބްލިއުޕީއެލްގެ މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މުމްބާއީ އިންޑިއަންސް ހޯދީ މިރޭ ކުޅުނު ފައިނަލްގައި ހަތް ވިކެޓުން ދިއްލީ ކެޕިޓަލްސް ބަލިކޮށްގެންނެވެ.
މުމްބާއީގެ ބްރެބޯން ސްޓޭޑިއަމްގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި މެގް ލޭނިންގެ ދިއްލީ އިން ޓޮސް ދިމާވުމުން ބެޓް ކުރަން އިޚްތިޔާރުކުރި ނަމަވެސް މުމްބާއީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ އުކުންތެރިޔާ އިސީ ވޮންގް ވަނީ ފުރަތަމަ ފަސް އޯވަރުގެ ތެރޭގައި ތިން ވިކެޓް ނަގައި، އެ ޓީމަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ. މިއާއެކު، މެޗުގެ 4.2 އޯވަރަށްފަހު ދިއްލީގެ ސްކޯއަކީ ތިން ވިކެޓަށް 35 ލަނޑެވެ.
އޭގެފަހުން، ހަތަރުވަނަ ވިކެޓަށް ލޭނިންގް އާއި މަރިޒާން ކަޕްގެ 38 ލަނޑު ޕާޓްނާޝިޕާއެކު ސްކޯ 73 އަށް އިތުރުކޮށްފައިވަނިކޮށް ދިއްލީގެ ދެން އޮތް ހަ ވިކެޓް ވެއްޓުނީ އެންމެ ހަ ލަނޑަށެވެ. ފުރަތަމަ އިނިންގްސްގެ މި އުނދަގޫ ދަނޑިވަޅުގައި ދިއްލީގެ ނުވަ ކުޅުންތެރިން ނުބައިވެގެން 79 ލަނޑުހަދާފައިވަނިކޮށް، އެ ޓީމަށް ރަނގަޅު ސްކޯއަކާ ހަމައަށް ގެންގޮސްދިނީ ޝިކާ ޕާންޑޭ އާއި ރާދާ ޔާދަވް ކުރި މަސައްކަތުންނެވެ.
މި ދެ ކުޅުންތެރިން ގުޅިގެން 10 ވަނަ ވިކެޓަށް 24 ބޯޅައިން 52 ލަނޑުހަދައިދީ، އިނިންގްސްގެ ސްކޯ ނުވަ ކުޅުންތެރިން ނުބައިވެގެން ވަނީ 131 ލަނޑު ހަމަކޮށްފައެވެ. މީގެތެރެއިން، ޝިކާ ޕާންޑޭ ވަނީ ނުބައިނުވެ 17 ބޯޅައިން 27 ލަނޑުހަދައިފައެވެ. އަދި ރާދާ ޔާދަވް ވަނީ ދެ ފަހަރު ހަޔަކާއި ހަތަރަކަށް ޖަހައި ނުބައިނުވެ 12 ބޯޅައިން 27 ހަދައިފައެވެ. އެ ޓީމުން ދެން އެންމެ ރަނގަޅަށް ކުޅުނީ ކެޕްޓަން މެގް ލޭނިންގް އެވެ. އޭނާ ވަނީ 29 ބޯޅައިން 35 ލަނޑުހަދައިފައެވެ.
މުމްބާއީ އިން އެންމެ ރަނގަޅަށް އުކީ ވެސްޓް އިންޑީޒްގެ ހޭލީ މެތިއުސް ވަނީ ފަސް ލަނޑަށް ތިން ވިކެޓްނަގައިފައެވެ. އޭނާގެ ހަތަރު އޯވަރުގައި ވަނީ ދެ މެއިޑެން ހަދާފައެވެ. ދެން އެ ޓީމުން އެންމެ ރަނގަޅަށް އުކި އިސީ ވޮންގް ތިން ވިކެޓްނެގިއިރު، އަމެލިއާ ކޭރ ދެ ވިކެޓްނެގިއެވެ.
ޖަވާބުގައި ކުޅެން އެރި މުމްބާއީ އިން އެ ޓީމުގެ ކެޕްޓަން ހަރްމަންޕްރީތު ކޯރ އާއި އިންގްލެންޑް އޯލްރައުންޑަރު ނެޓް ސްކައިވަރ-ބްރަންޓް ގުޅިގެން ތިންވަނަ ވިކެޓަށް 72 ލަނޑުގެ ޕާޓްނާޝިޕެއް ހަދާފައިވަނިކޮށް، 17 ވަނަ އޯވަރުގައި ހަރްމަންޕްރީތު ކޯރ ރަންއައުޓް ވުމާއެކު ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވިއެވެ. ހަރްމަންޕްރީތު ކޯރ ނުބައިވީ 37 ލަނޑަށެވެ.
އެކަމަކު، ދެން ކުޅެން އެރި އަމެލިއާ ކޭރ ވަނީ އޭނާގެ ފެންވަރު ސާބިތުކޮށްދީ، ސްކައިވަރ-ބްރަންޓް އާ ގުޅިގެން ވަނީ 34 ބޯޅައިން 39 ލަނޑުހަދައިފައެވެ. އެގޮތުން، ދިއްލީގެ އެންމެ މުހިއްމު އެއް އުކުންތެރިޔާ ކަމަށްވާ ޖޮނަސަންގެ އުކުމުގައި އޭނާ ވަނީ 19 ވަނަ އޯވަރުގައި ދެ ފަހަރު ހަތަރަކަށް ފޮނުވާލައިފައެވެ. މި އޯވަރުގައި މުމްބާއީ އިން ވަނީ ޖުމްލަ 16 ލަނޑު ހަމަކޮށްފައެވެ.
އެއަށްފަހު މެޗުގެ އެންމެ ފަހު އޯވަރުން ފަސް ލަނޑު ބޭނުންވެފައިވަނިކޮށް ސްކައިވަރ-ބްރަންޓް ވަނީ ތިންވަނަ ބޯޅަ ހަތަރަކަށް ޖަހައި، 132 ލަނޑުގެ އަމާޒަށް ވާސިލްވެފައެވެ. އެ ޓީމުން ވަނީ ބާކީ ތިން ބޯޅަ އޮއްވަ، ތިން ވިކެޓަށް 134 ލަނޑުހަދައިފަ އެވެ.
މި އިނިންގްސްގައި މުމްބާއީ އަށް އެންމެ ރަނގަޅަށް ކުޅުނު ސްކައިވަރ-ބްރަންޓް ނުބައިނުވެ 55 ބޯޅައިން 60 ލަނޑުހެދިއިރު، އަމެލިއާ ކޭރ ވަނީ 8 ބޯޅައިން 14 ލަނޑުހަދައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ސްކައިވަރ-ބްރަންޓް އެވެ. ދިއްލީ އިން އެންމެ ރަނގަޅަށް އުކި ރާދާ ޔާދަވް އާއި ޖެސް ޖޮނަސަން ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.
ފައިނަލް މެޗަށްފަހު އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ އާއި ފައިސާގެ އިނާމުދިންއިރު، އިމާޖިންގ ޕްލެއާ އޮފް ދި ސީޒަން އެވޯޑް ހޯދީ މުމްބާއީގެ ވިކެޓްކީޕަރު ޔަސްޓިކާ ބާޓިއާ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާ އަށް ދޭ އޮރެންޖް ކެޕް ހާސިލްކުރީ ދިއްލީގެ ކެޕްޓަން ލޭނިންގް އެވެ. މުޅި މުބާރާތުގައި އެންމެ ގިނަ ވިކެޓްނެގި ކުޅުންތެރިޔާ އަށް ދޭ ޕާޕްލް ކެޕްގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ އެމްވީޕީ އެވޯޑް ހޯދީ މުމްބާއީގެ ހޭލީ މެތިއުސް އެވެ.
The only West Indian in the tournament this year, and she brought the fireworks!
— ESPNcricinfo (@ESPNcricinfo) March 26, 2023
Hayley Matthews is the maiden winner of the WPL Purple Cap ?
She got it with her final ball of the season ? #DCvMI #WPL2023 #WPLfinal pic.twitter.com/y8UhFpM3CQ
She wins something even when she loses!
— ESPNcricinfo (@ESPNcricinfo) March 26, 2023
Meg Lanning for you ?
A sensational tournament for the Delhi Capitals skipper ?#DCvMI #WPL2023 #WPLfinal pic.twitter.com/BzA8alaxSX
