އައްލޫ އަރްޖުން އަކީ އިންޑިއާގެ ސިނަމާގެ އެންމެ މަގުބޫލު އެއް އެކްޓަރެވެ.

ޕުޝްޕާ: ދަ ރައިޒްގައި ދެއްކި ކުޅުމާއެކު އޭނާ ލިބެމުންދިޔަ ތަރުހީބު ވަނީ އިންތިހާ އަށް އިތުރުވެފައެވެ.

ގަންގޯޓްރީ އިން ޕުޝްޕާ އަށް އެކްޓަރު ކުރި ދަތުރަކީ ގަބޫލުކުރަން ދަތި ދަތުރެއް ކަމަށާއި ހަގީގަތުގައިވެސް ވަރަށް ތަފާތު އެކްޓިން އެއް ދައްކާފައިއެވެ. މިއަދު އޭނާ ވަނީ ފިލްމީ ދާއިރާގައި 20 އަހަރު ފުރިހަމަކޮށްފަ އެވެ.

އައްލޫ އަރްޖުން ސޯޝަލް މީޑިއާގައި އެކްޓަރެއްގެ ގޮތުގައި ފިލްމު އިންޑަސްޓްރީގައި 20 އަހަރު ފުރިހަމަ ކުރުމާ ބެހޭ ގޮތުން ނޯޓެއް މިއަދު ވަނީ އާންމުކޮށްފައެވެ.

އަދި އާންމުން ފަރާތުން ލިބެމުން ދާ ލޯތްބާއި ތަރުހީބަށް އިންތިހާއަށް ޝުކުރުވެރިވާކަމަށާއި ކުރިޔަށް އޮތް ތަނުގައި ލިބެމުންދާ ލޯތްބާއި ތަރުހީބު އިތުރުވާނެ ކަމަށް ގަބޫލު ކުރާކަމަށް މި ނޯޓުގައި އޭނާ ބުންޏެވެ.

އެކްޓަރު ލިޔެފައިވަނީ "މިއަދު އަހަރެން ފިލްމު އިންޑަސްޓްރީގައި 20 އަހަރު ފުރިހަމަ ކުރެވިފައިވާއިރު އަހަރެންނައް އާންމުންގެ ފަރާތުން ހީވެސް ނުކުރާހާ ލޯބި ލިބިފައިވޭ. އަހަރެންނަށް މި ދާއިރާގައި ވެސް ނުވަތަ އެހެން ގޮތަކުންވެސް އެހީ ވެދިން މީހުންނަށް އަހަރެން ވަރަށް ބޮޑަށް ސުކުރުވެރިވަން. އަހަރެން މިއަދު މި ހިސާބަށް އައިސް މިހުރީ ހަމަ ސަޕޯޓަރުންގެ ސަބަބުން. އަހަރެން އެ ސަޕޯޓަރުންނައް އަބަދަށްޓަކައި ޝުކުރުވެރިވަން"ކަމަށެވެ. ސަމަންތާ ރޫތު ޕްރަބޫ، ރަކުލް ޕްރީތު ސިންގް، އަރްމާން މަލިކް، އެލީ އަވްރަމް، ސޯފީ ޗައުދަރީ ގެ އިތުރުން އެހެން އެތައް ތަރިންނެއް ވަނީ އައްލޫ އަރްޖުން އަށް ތަހުނިޔާ ފޮނުވާފަ އެވެ. 

މިއަދު މީގެ ސީދާ 20 އަހަރު ކުރިން، 2003 ވަނަ އަހަރު އައްލޫ އަރްޖުން ފުރަތަމަ ފަހަރަށް ބަޠަލެއްގެ ގޮތުގައި ފެނިގެން ދިޔައީ ރޮމޭންޓިކް ފިލްމު ގަންގޯޓްރީ އިންނެވެ. އައްލޫ އަރްޖުން ޓެލެގޫ ސިނަމާއަށް ފުރަތަމަ ތައާރަފްވިއިރު އޭނާގެ އުމުރަކީ އެންމެ 21 އަހަރެވެ. މި ފިލްމަކީ ބްލޮކްބަސްޓާ ކާމިޔާބީއަކަށް ވެގެން ގޮސް އެކްޓަރެއްގެ ގޮތުގައި އޭނާއަށް މަގު ފަހިކޮށްދިން ފިލްމެކެވެ. އެއަށްފަހު ޓޮލީވުޑްގައި އާރިޔާ، ޕަރޫގު، ޖުލައި، ރޭސް ގުރަމް، ވެޑަމް، އެސް/އޯ ސަތުޔަމުރްތީ، އިދާރަމައިލާތޯ، ޕުޝްޕާ: ދަ ރައިސް އަދި އެތައް ބްލޮކްބަސްޓާ ފިލްމުތަކެއް އޭނާވަނީ އާންމުންނައް ފޯރުކޮށްދީފައެވެ.

ކުރިއަށް އޮތް ޕްރޮޖެކްޓްތަކަށް ބަލާއިރު އޭނާ އަވަދިނެތި އުޅެނީ އޭނާގެ ބްލޮކްބަސްޓާ ފިލްމު ޕުޝްޕާ: ދަ ރައިޒްގެ ސީކުއެލްގެ މަސައްކަތުގަ އެވެ. ޕުޝްޕާ: ދަ ރޫލްގެ ނަމުގައި އުފައްދާފައިވާ ދެވަނަ އިންސްޓޯލްމަންޓުގައި އަލްލޫ އަރްޖުން އޭނާގެ ކެރެކްޓާ ޕުޝްޕާ ރާޖް ރޯލުން އަލުން ފެނިގެންދާނެއެވެ. ސުކުމާރު ޑައިރެކްޓް ކުރާ މި ފިލްމުގައި ރަޝްމީކާ މަންދާނާ އާއި ފަހާދު ފާސިލްވެސް ފެނިގެންދާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސައި ޕައްލާވީ އާއި ޕްރިޔާމަނީ އަދި ވިޖޭ ސެތޫޕަތީ ވެސް ކާސްޓުންގެ ގޮތުގައި ފެނިގެން ދާނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ރަސްމީކޮށް ފިލްމުގެ ޓީމުން އަދި އެއްޗެއް ބުނެފައިއެއް ނުވޭއެވެ.

ޕުޝްޕާ: ދަ ރޫލްގެ ފުރަތަމަ ޕްރޮމޯ ރިލީޒް ކުރާނީ އައްލޫ އަރުޖުންގެ އުފަންދުވަސް ކަމަށްވާ އޭޕްރީލް 8 ގަ އެވެ.