ކޮންމެ ރަމަޟާން މަހަކު ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ބާއްވަމުން އަންނަ ކެރަމް މުބާރާތް ރޭ ފަށައިފިއެވެ.

މިއީ މި މުބާރާތް ބާއްވާ ހަތްވަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 43 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މިއީ ފަހުގެ ތާރީޚެއްގައި މިހާ ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވީ ރަމަޟާން ކަޕް ކަމަށް ވެސް ސީއޭއެމް އިން ފާހަގަކުރިއެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތުގެ މެޗުތައް ވެސް ކުރިއަށްގެންދަނީ ގަލޮޅު ދަނޑުގައި ހުންނަ މާލޭ ކެރަމް ހޯލްގައެވެ. މި ފަހަރުގެ މުބާރާތުގައި ރޭ ކުޅެފައިވަނީ އަންހެން އަދި ފިރިހެން ޑަބަލްސް މެޗުތަކެވެ. 

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑަބަލްސްގެ ކުއާޓާ ފައިނަލް މެޗުތަކާއި އަންހެން ޑަބަލްސް އިވެންޓްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ.