އިނގިރޭސި ޕްރިމިއާ ލީގުގެ "ހޯލް އޮފް ފޭމް" އިން ޖާގަ ހޯދި ފުރަތަމަ ކޯޗުންގެ ޝަރަފު ސާ އެލެކްސް ފާގަސަން އާއި އާސެން ވެންގާ ހޯދައިފިއެވެ.

ފާގަސަން، 81، އަކީ ޕްރިމިއާ ލީގުގެ ތާރީޚުގައި ފެނުނު އެންމެ ކާމިޔާބު ކޯޗެވެ. އޭނާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ޔުނައިޓެޑުން ވަނީ ރެކޯޑް 13 ޕްރިމިއާ ލީގު ތަށި އުފުލާލައިފައެވެ.

ފާގަސަން ވަނީ ޔުނައިޓެޑާއެކު ހޭދަކުރީ 27 އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތީން ޖެހިޖެހިގެން ތިން އަހަރު ލީގު ތަށި އުފުލާލައިފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ލީގުގައި ކުޅުނު 810 މެޗުގެ ތެރެއިން 528 މެޗު ކާމިޔާބުކޮށް، ރެކޯޑް އަދަދެއް ކަމަށްވާ 1،752 ޕޮއިންޓް ހޯދާފައިވެއެވެ. އަދި ފާގަސަން ވަނީ ޕްރިމިއާ ލީގުގެ އެންމެ މޮޅު މެނޭޖަރުގެ މަގާމު 11 ފަހަރު ހޯދައި، 27 ފަހަރެއްގެ މަތިން މެނޭޖަރ އޮފް ދަ މަންތް އެވޯޑް ހޯދާފައެވެ. 

"ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމް އަށް ވަދެވުނީތީ އަހަރެން ވަރަށް އުފާވޭ. މިގޮތަށް އަގުވަޒަންކުރުމަކީ ލިބިގެންދިޔަ ޝަރަފެއް،" ފާގަސަން ބުންޏެވެ. 

އާސެނަލް އާއެކު ވެންގާ ހޭދަކުރީ 22 އަހަރުގެ ތެރޭގައި ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބުކޮށްފައިވެއެވެ. މީގެތެރެއިން، 2003/2004 ވަނަ އަހަރުގެ ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ، މިހާތަނަށް ޕްރިމިއާ ލީގު ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ގޮތުގައި ތާރީޚުން އާސެނަލަށް ޖާގަ ހޯދައިދީ "ދަ އިންވިންސިބަލްސް" ގެ ޝަރަފު ވެސް ހޯދިއެވެ.

ވެންގާ ވަނީ ޕްރިމިއާ ލީގުގައި ރެކޯޑް އަދަދެއް ކަމަށްވާ 828 މެޗުގައި އިރުޝާދު ދީ، އޭގެތެރެއިން 476 މެޗުން މޮޅުވެ، 199 މެޗު އެއްވަރުކޮށްފައެވެ. އަދި ތިން ފަހަރެއްގެ މަތީން، 1998، 2002 އަދި 2004 ވަނަ އަހަރު ސީޒަންގެ މެނޭޖަރުގެ މަގާމު ހޯދާފައެވެ.

"ޕްރިމިއާ ލީގުގެ ހޯލް އޮފް ފޭމް އަށް ހޮވުނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ވެންގާ ބުންޏެވެ. 

ވެންގާ އިތުރަށް ބުނީ މި އެވޯޑް ފާގަސަން އާއެކު ހިއްސާކުރުމަކީ ވެސް އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ފާގަސަން އާއެކު "ހޯލް އޮފް ފޭމް" އިން ޖާގަ ލިބުމަކީ ވާދަވެރި ދެ ބޮކްސިން ތެޅުންތެރިންނަށް އެކީގައި އެވޯޑަކާ ހަމައަށް ވާސިލްވެވުން ކަހަލަ ކަމެއް ގޮތުގައި ވެސް ވެންގާ ސިފަކޮށްފައިވެއެވެ.

"ހޯލް އޮފް ފޭމް" އަކީ 1992 ވަނަ އަހަރު ޕްރިމިއާ ލީގު އުފެދުނު ފަހުން ލީގުގައި ފަޚުރުވެރި ކާމިޔާބީތައް ހާސިލްކޮށް، މުހިއްމު ދައުރެއް އަދާކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭން ފެށުނު އެވޯޑެކެވެ. މިއީ ޕްރިމިއާ ލީގުން ދޭ އެންމެ މަތީ އިންޑިވިޖުއަލް ޝަރަފެވެ.