ރޯސްޓް ކޮށްލުމަށްފަހު ގާތްގަނޑަކަށް ހުރިހާ ކޮފީ ބީންސް ވެސް ފެންނަނީ އެއްގޮތަކަށެވެ. އެކަމަކު ހަގީގަތުގައި ކޮފީ ބީންސްގެ ތަފާތު ދިހަވަރަކަށް ވައްތަރު ހުންނަކަން އެނގޭ ހެއްޔެވެ؟ ނަމަވެސް ކޮންމެ ދުވަހަކު ބޯ ކޮފީތަށީގެ ވާހަކަ ދައްކާއިރު، ހަގީގަތުގައި މުހިންމީ އެންމެ އާންމު ދެބާވަތް ކަމަށްވާ އަރަބިކާ އާއި ރޯބަސްޓާ ކޮފީ އެވެ. މިއީ ބުއިމަށްޓަކައި އާލާކުރާ ކޮފީގެ އަސާސީ ދެ ވައްތަރެވެ.

އެރޭބިކާ އަދި ރޯބަސްޓާ އަކީ ކޮފީގެ ތަފާތު ތެބާވަތެއްގެ ބީންސްއެކެވެ. މިތެބާވަތާކީ ދެތަނެއްގައި ހައްދާ ރަހަ އަދި ކެފެއިން އެކުލެވޭ މިންވަރުވެސް ތަފާތު ދެބާވަތެވެ.

ކެފެއިންގެ މިންވަރުގެ ތަފާތަށް ބަލާއިރު، ރޯބަސްޓާ ބީންސްގައި ކެފެއިންގެ މިންވަރު އަރަބިކާ ބީންސްއަށްވުރެ ދެގުނަ އިތުރުވެއެވެ. އަރަބިކާ ބީންސްގައި މީރުވަހަކާއިއެކު މަޑުރަހައެއް ހުންނައިރު ރޯބަސްޓާ ބީންސްގައި ގަދަ ރަހައެއް އެކުލެވެއެވެ.

އަރަބިކާ ބީންސް ފަތިކޮށް ބިހުގެ ބައްޓަމަކަށް ހުންނައިރު ރޯބަސްޓާ ބީންސް ހުންނަނީ ވައްކޮނެވެ. ގަހުގައި ހުންނައިރުވެސް އަރަބިކާ ބީންސްގެ ފެހިކުލަ ރޯބަސްޓާ ބީންސްއަށްވުރެން ގަދައެވެ.

ދުނިޔޭގައި އުފައްދާ ކޮފީގެ %70 އަށްވުރެ ގިނައީ އަރަބިކާ ބީންސްއެވެ. އާންމުކޮށް އަރަބިކާ ބީންސް މަޝްހޫރުވެފައިވަނީ ކޮލިޓީ އެންމެ ރަނގަޅު ބީންސްގެ ގޮތުގައެވެ. ރޯބަސްޓާ ކޮފީގެ ރަހައަކީ ވުޑީ އަދި އަރތީ ފްލޭވަރއެކެވެ. ރޯބަސްޓާ އަކީ ގުދުރަތީ ގޮތުން ކެފެއިން ގިނަ އަދި ބޯން މާ ވަރުގަދަ އެއްޗަކަށް ވާތީ މާކެޓުން %100 ރޯބަސްޓާ ބްލެންޑެއް ނުފެންނާނެއެވެ. ނަމަވެސް ބާޒާރުގައި ރޮބަސްޓާގެ މަތީ ފެންވަރުގެ ގިނަ ބްލެންޑްތަކެއް ލިބެން ހުންނައިރު، އެ ބްލެންޑްތަކާއި އަރަބިކާ ބީންސް އެއްކޮށްލުމުން މީރު ރަހަތަކެއް ލިބެ އެވެ.

އަރަބިކާ ބީންސް އެންމެ ގިނައިން ބްރެޒިލްގައި ހައްދާއިރު ރޯބަސްޓާ ހައްދަނީ އާންމުކޮށް ވިއެޓްނާމަގައެވެ. ރޯބަސްޓާ ބީންސްގެ އަގު އަރަބިކާ ބީންސްއަށްވުރެން އެތައްގުނައެއް ދަށެވެ. 

ގިނަ ސްޕެޝާލިޓީ ކޮފީތަކުގައި އަރަބިކާ ބީންސް ބޭނުންކުރާއިރު އިންސްޓަންޓް ކޮފީތައް ގިނައިން އުފައްދަނީ ރޯބަސްޓާ ބީންސުންނެވެ. ވިއްކަން ހުންނަ ކޮފީ ފުޅިތަކުގެ ބޭރުގައި އަރަބިކާ ލިޔެލާފަ ހުރުމުން އޭގެ މާނައަކީ އެއީ އެންމެ ކޮލިޓީ އަރަބިކާ ބީންސް އެއް ނޫނެވެ.