ޕްރިޔަންކާ އަކީ ހަމައެކަނި ބޮލީވުޑްގެ ސުޕަ ހިޓް ފިލްމުތައް އެކަނި ކުޅެފައިވާ ފަންނާނެއް ނޫނެވެ.
ބައިނަލްއަގްވާމީ ބައެއް ޝައުގުވެރި ޕްރޮޖެކްޓްތަކުގެ ބައެއްގެ ގޮތުގައި ވެސް އޭނާ ވަނީ ބައިވެރިވެފަ އެވެ. އޭނާ ދެން ފެނިގެންދާނީ ރިޗަޑް މެޑެން ވެސް ފެނިގެންދާ ރޫސޯ ބްރަދާސްގެ ސިޓަޑެލް އިންނެވެ.
ޕްރިޔަންކާ އަކީ ހަމައެކަނި ގަބޫލުކުރަން ދަތި ހުނަރުވެރި ބަތަލާއެއް ނޫނެވެ. އޭނާ އަކީ ލިޔުންތެރިއެއް އަދި އެހާމެ ވަރުގަދަ ވިޔަފާރިވެރިއެކެވެ.
ދާދިފަހުން އިނގިރޭސިވިލާތުގެ ބިއުޓީ ކޮމްޕެރިޝަން ޕްލެޓްފޯމް ކޮސްމެޓިފައިގައި ނެރުނު ރިޕޯޓެއްގައި 2023 ވަނަ އަހަރުގެ އެންމެ މުއްސަނދި ސެލެބްރިޓީ ބިއުޓީ ބްރޭންޑްތަކުގެ ލިސްޓުގައިވެސް ޕްރިޔަންކާގެ ނަން ވަނީ ހިމެނިފައެވެ.

މި ލިސްޓުގައި ނަން ހިމެނިގެންދަނީމިދިޔަ އަހަރު އެ ބްރޭންޑު ތަކަށް ލިބިފައިވާ ސާފު ފައިދާ އަށް ބަލާފައެވެ. އޭނާގެ ހެއާރ ކެއާރ ބްރޭންޑް ވަނީ ރައިހާނާ ގެ ކޮސްމެޓިކްސް ބްރޭންޑާއި ޖެހިގެން އެ ލިސްޓުގެ ދެވަނަ މަގާމު ހޯދާފައިއެވެ.
ރިހާނާގެ ފެންޓީ ބިއުޓީ 2023 ވަނަ އަހަރުގެ އެންމެ މުއްސަނދި ސެލެބްރިޓީ ބިއުޓީ ބްރޭންޑްތަކުގެ ލިސްޓުގެ އެއްވަނަ ހޯދީ 477.2 މިލިއަން ޕައުންޑާއިއެކުއެވެ. އޭގެ ފަހުން ލިސްޓުގެ ދެވަނައިގައި އޮތް ޕްރިޔަންކާ ޗޯޕްރާގެ ހެއާ ކެއާ ބްރޭންޑަށް 429.9 މިލިއަން ޕައުންޑް ލިބިފައިވެއެވެ.
މި ލިސްޓުގެ ތިން ވަނައިގައި 301.4 މިލިއަން ޕައުންޑްގެ އާމްދަނީއަކާއެކު ކައިލީ ޖެނަރގެ ކޮސްމެޓިކް ބްރޭންޑެއް އޮތްއިރު، ދެން އޮތް އަރިއާނާ ގްރާންޑޭގެ ބިއުޓީ ބްރޭންޑަށް 70.3 މިލިއަން ޕައުންޑް ލިބިފައިވެއެވެ. ސެލީނާ ގޯމޭޒްގެ ރެއާ ބިއުޓީ އަށް ލިސްޓުގެ ފަސް ވަނަ ލިބުނީ 50.2 މިލިއަން ޕައުންޑްގެ އާމްދަނީއަކާ އެކު އެވެ.
