އިންސާނުން ރޯދައަށް ހުންނަ ހުރުމުގައި އިންސާނުންގެ ހަށިގަނޑުގައި އާދަޔާހިލާފު ކަންތައްތަކެއް ހިނގާނޭކަން އަހަރެމެން ގަބޫލު ކުރަމުއެވެ. އެހެނީ އާދައިގެ މަތިން އަހަރެމެންގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކީ ގަޑިން ގަޑިއަށް ބަރާބަރަށް ކައި އުޅޭ ދުވަހެކެވެ. އެހެންކަމުން ރޯދަ މަހު ނުކައި މި ހުންނަ ހުރުމުގައި އަހަރެމެންގެ ހަށިގަނޑުގައި އާދަޔާ ހިލާފު ކަންތައްތަކެއް ނުހިނގަންވީ ސަބަބެއް ނެތެވެ. އެގޮތުން އިންސާނުންގެ ދިފާއީ ނިޒާމުގައި ހިނގާ ކަންކަމަކީ އަޖައިބެއް ކަހަލަ ކަމެކެވެ.

ރޯދައަށް ހުންނަ ހުރުމުގައި ހަށިގަނޑުގައި ހުންނަ ލޭގެ ތެރޭގައި ހިމެނޭ ކެވެނީގެ މާއްދާތައް މަދުވެއެވެ. ތަފާތު އެކި ވިޓަމިންތަކާއި މިނަރަލްތައް މަދުވެއެވެ. ނަތީޖާއަކަށް ވަނީ ލޭގެ ތރޭގައި ހުންނަ ހަތާތަކަށް ބޭނުންވާ މިންވަރަށް އޭގެ އެއްމެ ފުރިހަމައަށް އެ މާއްދާތައް ނުލިބުމެވެ. ނަމަވެސް މިއީ އެއްވެސް މައްސަލައެއް ނޫނެވެ. އެކަމުގެ ތަފްސީލަށް ޖެހިލަމާހެވެ.

މިގޮތަށް ލޭގެ ތރޭގައި ހުންނަ ކެވެނީގެ މާއްދާތައް މަދުވުމުން، ލޭގެ ބައެއް ހަތާތައް މަރުވެއެވެ. މިހެން މަރުވަމުން ދަނީ ރަތުލޭ ހަތާތަކާއި ހުދުލޭ ހަތާތަކުގެ ތެރެއިން ބަލި، ނިކަމެތި އަދި އުމުރުން ދުވަސްވީ ހަތާތަކެވެ. ހުދުލޭ ހަތާތަކަށްވުރެ، ރަތުލޭ ހަތާތައް މަރުވާ ނިސްބަތް ބޮޑުތަނުން މަދެވެ. ހުދުލޭ ހަތާތަކަކީ ދިފާއީ ނިޒާމުގެ ލަޝްކަރުންގެ "އަސްކަރީންނެވެ". އިންސާނާގެ ހަށިގަނޑަށް ވަދެ، އިންސާނާ ބަލިކުރަމުން ދާ ކޮންމެ ޖަރާސީމެއް ނުވަތަ ވައިރަހެއް ވިޔަސް ނައްތާލަނީ ހުދުލޭ ހަތާތަކުންނެވެ. އެ ޖަރާސީމަކާއި ނުވަތަ ވައިރަހަކާއި ދެމެދު ހަނގުރާމަ ކުރަނީ ހުދުލޭ ހަތާތަކުންނެވެ. އެހެންކަމުން ހުދުލޭ ހަތާތަކުގެ ލަޝްކަރު އަބަދުވެސް އާވެ، ފައްކާވެފައި ހުރުން އެއީ އެ ހަނގުރާމަތަކުގައި އިންސާނާގެ ހަށިގަނޑަށް ކުރި ހޯދަން ފަސޭހަ ކަމަކަށް ވެދެއެވެ.

އިސްވެ ދެންނެވިފަދައިން، ރޯދައަށް ހުރުމުން ހުދުލޭ ހަތާތަކުގެ ތެރެއިން، ދެރަ، ނިކަމެތި އަދި މުސްކުޅި ހަތާތަށް މަރުވެއެވެ. އެއާއި އެކު ހަށިގަނޑުން، މުޅި އައު ހުދުލޭ ހަތާތަކެއް ތަމްރީނުކޮށް ލޭގެ ތެރެއަށް ފޮނުވައިދެއެވެ. މި އައު ހުދު ހަތާތަކަކީ ތާޒާ ހަތާތަކެވެ. އެހެންކަމުން ހަށިގަނޑުގައިވާ ދިފާއީ ނިޒާމުގެ ލަޝްކަރު، ޒުވާން ހުދުލޭ ހަތާތަކުން އައުވެ ބާރުގަދަ ވާނެއެވެ.

ކަން މިހެން ހުރި ނަމަވެސް ރޯދަމަހު، ބައެއް މީހުން ވަރަށް ފަސޭހައިން ބަލިވާ ވާހަކަ ބުނެއެވެ. އާދޭހެވެ! އިސްވެދެންނެވުނު މަރުހަލާގައި ހުދުލޭ ހަތާތައް މަރުވާ ނިސްބަތް، އައު ހަތާތައް ތަމްރީނުވާ މަރުހަލާއަށްވުރެ އަވަސްވާނެއެވެ. އެހެންކަމުން ފަހަރުގައި ބައެއް މީހުންގެ ދިފާއީ ނިޒާމުގައި ކުޑަވަރެއްގެ ބަލިކަށިކަމެއް، ރޯދަމަހުގެ ތެރޭގައި އައިސްދާނެއެވެ. ނަމަވެސް މިއީ އޭގެ ފަހަށް ދިފާއީ ނިޒާމު ވަރުގަދަކޮށް ހަރުދަނާކުރެވޭ ކަމެކެވެ. ޖުމުލަކޮށް ދަންނަވާނަމަ، ރޯދައަށް ހުރުމަކީ ދިފާއީ ނިޒާމު ވަރުގަދަކޮށް މުޅިން އައުކޮށްދޭ ކަމެކެވެ.