މިފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ގުޖްރާތު ޓައިޓަންސް އިން ޗެންނާއީ ސުޕަ ކިންގްސްގެ މައްޗަށް ފަސް ވިކެޓުން ކުރިހޯދައިފިއެވެ.

މިއީ މި މުބާރާތުގެ ތާރީޚުގައި މި ދެ ޓީމު ވާދަކުރި ތިންވަނަ ފަހަރެވެ. މި ތިން މެޗުން ވެސް މޮޅުވެފައިވަނީ ގުޖުރާތުންނެވެ.

އިންޑިއާގެ ނަރެންދްރަ މޯދީ ސްޓޭޑިއަމްގައި ލައްކައެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން ގުޖުރާތުން ގަސްދު ކުރީ ހޮވަން އަރާށެވެ. ފުރަތަމަ އިނިންގްސްގައި ޗެންނާއީ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް 178 ލަނޑުހެދިއެވެ.

މި އިނިންގްސްގައި ޗެންނާއީ އިން އެންމެ ރަނގަޅަށް ކުޅުނީ 50 ބޯޅައިން 92 ލަނޑުހެދި ރުތުރާޖް ގައިކްވާޑް އެވެ. އޭނާ ވަނީ ހަތަރު ފަހަރު ހަތަރަކަށް ޖަހައި، ނުވަ ފަހަރު ހަޔަކަށް ޖަހައިފައެވެ. އެ ޓީމުގެ ކެޕްޓަން މަހެންދުރަ ސިންގ ދޯނީ ވަނީ ނުބައިނުވެ ހަތް ބޯޅައިން 14 ލަނޑުހަދައިފައެވެ. ގުޖުރާތުން އެންމެ ރަނގަޅަށް އުކި ރަޝިދު ޚާން އާއި މުހައްމަދު ޝާމީ އަދި އަލްޒާރީ ޖޯސެފް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓްނެގިއެވެ. 

މި މެޗުގެ ފުރަތަމަ އިނިންގްސްގައި ޗެންނާއީ ސުޕަ ކިންގްސްގެ ރުތުރާޖް ގައިކްވާޑް ބެޓްކުރަނީ. --ފޮޓޯ: ބީސީސީއައި

ޖަވާބުގައި ކުޅެން އެރި ގުޖުރާތުން ވަނީ ބާކީ ހަތަރު ބޯޅަ އޮއްވާ، ފަސް ކުޅުންތެރިން ނުބައިވެގެން 182 ލަނޑުހަދައިފައެވެ. މި އިނިންގްސްގައި އެ ޓީމުން އެންމެ ފުރަތަމަ ކުޅެން ނިކުތް ޝުބްމަން ގިލް އާއި ރިދިމަން ސަހާ ގުޅިގެން ރަނގަޅު ފެށުމެއްދީފައިވަނިކޮށް، ރާޖުވަރުދަން ހަންގަރުގެކަރުގެ އުކުމުގައި ވަނީ ސަހާ ނުބައިކޮށްލާފައެވެ. ސަހާ ވަނީ 16 ބޯޅައިން 25 ލަނޑުހަދައިފައެވެ. 

ދެވަނަ އިނިންގްސްގައި ގުޖުރާތުގެ އަމާޒަށް ވާސިލްވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ 36 ބޯޅައިން 63 ލަނޑުހެދި ގިލް އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 27 ލަނޑުހެދި ވިޖޭ ޝަންކަރު އާއި ނުބައިނުވެ ތިން ބޯޅައިން 10 ލަނޑުހެދި ރަޝިދު ޚާންގެ އިތުރުން ނުބައިނުވެ 14 ބޯޅައިން 15 ލަނޑުހެދި ރާހުލް ތެވާޓިއާ އެވެ. ގުޖުރާތުގެ ކެޕްޓަން ހާޑިކް ޕާންޑްޔާ ނުބައިވީ 8 ލަނޑަށެވެ.

މި އިނިންގްސްގައި ޗެންނާއީ އިން އެންމެ ރަނގަޅަށް އުކީ ރާޖުވަރުދަން ތިން ވިކެޓްނެގިއިރު، ރަވިންދުރަ ޖަދޭޖާ އާއި އިމްޕެކްޓް ޕްލެއާގެ ގޮތުގައި ކުޅެން އެރި ތުޝާރު ދެޝްޕަންޑޭ ކުރެން ކޮންމެ އުކުންތެރިއަކު ވިކެޓެއްނެގިއެވެ. މި މެޗުގައި ގުޖުރާތުން އިމްޕެކްޓް ޕްލެއާގެ ގޮތުގައި ބޭނުންކޮށްފައިވަނީ ސާއި ސުދަރުސަން އެވެ. އޭނާ ކުޅެން ނިކުތީ އެ ޓީމުގެ ބެޓްސްމަން ކޭން ވިލިއަމްސަންގެ ބަދަލުގައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގުޖުރާތުގެ ރަޝިދު ޚާން އެވެ.

މި މުބާރާތުގައި މިއަދު ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ޕަންޖާބް ކިންގްސް އިން ކޮލްކަތާ ނައިޓް ރައިޑާސްއާ ބައްދަލުކުރާއިރު، އަނެއް މެޗުގައި ލަކްނޯ ސުޕަ ޖަޔަންޓްސް އިން ނިކުންނާނީ ދިއްލީ ކެޕިޓަލްސްއާ ދެކޮޅަށެވެ.