ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
އެސްޓީއޯއިން ކުރި އިއުލާނެއްގައި ވަނީ ޕަބްލިކް ހިއްސާދާރުން ތަމްސީލުކުރުމަށް، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ބަޔާންކޮށްފައެވެ.
އެ އިއުލާނުގައި ވާ ގޮތުން އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާ އެކު ހުށަހަޅަން ޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު cs@sto.mv އަށް އީމެއިލްކުރެވޭނެ އެވެ. ނުވަތަ އެ ކުންފުނީގެ ވެބްސައިޓުގައި ގާއިމުކުރެވިފައިވާ ޕްލެޓްފޯމް މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ.
ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ކަމަށާއި މި މަގާމަށް ވީހާވެސް ގިނަ އަންހެނުން ޝައުގުވެރިކަން ފާޅުކުރުމަށާއި އިންތިހާބަށް ކުރިމަތިލުމަށް އެސްޓީއޯއިން ވަނީ އެދިފައެވެ.
ކުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުންނާއި އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކެރެވޭނީ އެެއް ޑިރެކްޓަރަކު ކަމަށާއި އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބުކުރެވޭން ކަމަށް އެސްޓީއޯއިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
