އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ލިވަޕޫލް އަތުން މެންޗެސްޓާ ސިޓީ މޮޅުވިއިރު، އާސެނަލުން ވަނީ ލީޑްސް ޔުނައިޓެޑް ބަލިކޮށް ތާވަލްގެ ކުރީގައި އެ ޓީމުގެ ލީޑް ދަމަހައްޓައިފައެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން ފަހަތުންއަރައި 4-1 އިން ސިޓީ މޮޅުވިއިރު، އާސެނަލްގެ ދަނޑުގައި ލީޑްސް އަތުން މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ.
މިރޭގެ މެޗުތަކަށްފަހު އާސެނަލް އެއްވަނައިގައި އޮތީ 29 މެޗުން ލިބުނު 72 ޕޮއިންޓާއެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އޮތީ 28 މެޗުން ލިބުނު 64 ޕޮއިންޓާއެކު ދެވަނައިގައެވެ. މެންޗެސްޓާ ޔުނައިޓެޑަށް 26 މެޗުން ލިބިފައިވާ 50 ޕޮއިންޓާއެކު ތިންވަނައިގައި އޮތްއިރު، ޓޮޓެންހަމް ހޮޓްސްޕާ އޮތީ 28 މެޗުން ލިބުނު 49 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ސިޓީން މިރޭގެ މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ނުކުޅެއެވެ. އެ ޓީމުގައި މިވަގުތު އަނިޔާގައި ހުރި އަނެއް ކުޅުންތެރިއަކީ އިނގިރޭސި މިޑްފީލްޑަރު ފިލް ފޯޑެން އެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ލިވަޕޫލުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ކައުންޓަ އެޓޭކެއްގައި ލިވަޕޫލަށް މި ލަނޑުޖަހައިދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. ސިޓީ އަށް އެއްވަރުކޮށްދިނީ މެޗުގެ 27 ވަނަ މިނެޓުގައި އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ޖެކް ގްރީލިޝް އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ މިނެޓުގައި ސިޓީން ލީޑްނެގީ ރިޔާދް މާރޭޒް ދިން ބޯޅައަކުން ކެވިން ޑި ބްރޭނާ ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ހަތް މިނެޓުފަހުން، ސިޓީގެ ތިންވަނަ ލަނޑުޖެހީ އިލްކާއި ގުންޑޮގާން އެވެ. އަދި އޭގެފަހުން، މެޗުގެ 74 ވަނަ މިނެޓުގައި ސިޓީގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ގްރީލިޝް އެވެ. މިއީ އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ޑި ބްރޭނާ ނެގި ހުރަހަކުން ގްރީލިޝް ކާމިޔާބުކުރި ގޯލެކެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ އެ ޓީމުން ލީޑްނެގީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ގެބްރިއެލް ޖެސޫސް އެވެ. މިއީ އަނިޔާއިން އެނބުރިއައި ފަހުން ލީގުގައި އާސެނަލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ޖެސޫސް ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗުގައި އާސެނަލުން ޖެހި ދެވަނަ ލަނޑު، 47 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިނގިރޭސި ޑިފެންޑަރު ބެން ވައިޓް އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ވިންގް، ގެބްރިއެލް މާޓިނެލީ ނެގި ހުރަހަކުން ވައިޓް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 55 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ލަނޑުޖެހީ ޖެސޫސް އެވެ.
ލީޑްސް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަސްމުސް ކްރިސްޓެންސަން އެވެ. މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ގްރޭނިޓް ޒާކާ ވަނީ އާސެނަލަށް އަލުން ތިން ލަނޑުގެ ލީޑް ދަމަހައްޓައިދީފައެވެ. މިއީ އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ނެގި ހުރަހަކުން ލިބުނު ބޯޅައެއް ޒާކާ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބޯންމައުތުގެ ދަނޑުގައި 2-1 އިން ފުލަމް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އަތުން ކްރިސްޓަލް ޕެލަސް މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. ނޮޓިންހަމް ފޮރެސްޓްގެ ދަނޑުގައި 1-1 އިން ވުލްވްސްއާ އެއްވަރުވިއިރު، ބްރެންޓްފޯޑުން ވަނީ ރަށުން ބޭރުގައި ބްރައިޓަންއާ 3-3 އިން އެއްވަރުކޮށްފައެވެ.
