ތުރުކީވިލާތުގެ ރައީސް، ރަޖަބު ތޮއްޔިބު އުރުދުގާންގެ އަރިހުގައި މަސައްކަތް ކުރައްވާ އިސް އޮފިޝަލުންތަކެއް، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އުރުދުގާންގެ އަރިސް އޮފިޝަލުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ބޭފުޅުންގެ ތެރޭގައި ތަރުޖަމާނު އިބްރާހީމް ކާލިންއާއި ދާހިލީ ވަޒީރު ސުލައިމާން ސޮއިލޫ ހިމެނިވަޑައިގަންނަވަ އެވެ.
ތަރުޖަމާނު ކާލިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އިއުލާން ކުރައްވަމުން ވިދާޅުވީ އޭނާގެ ހަށިގަނޑުން މިހާރު ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަ ކޮށް ކަމަށާ، މިހާރު ޝިފާ، ލިބި ރަނގަޅުވާ އަތަށް އަޅާފައިވާކަމަށް. ކާލިން މިކަން އިއުލާން ކުރެއްވުމުގެ ގަޑިއިރުތަކެއް ކުރިން، ދާހިލީ ވަޒީރު ވަނީ އޭނާއާއި އޭނާގެ އާއިލާ ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ހާމަ ކުރައްވާފަ އެވެ.
މި 2 ބޭފުޅުންނަކީވެސް ގަވައިދުން އުރުދުގާންއާ ބައްދަލުކުރައްވާ 2 އޮފިޝަލުން ނެވެ.
ކޮވިޑް-19 ޖެހިގެން ތުރުކީވިލާތުން ހޮނިހިރު ދުވަހު 75 މީހުން މަރުވިއިރު، އިތުރު 2213 ކޭސް ވަނީ ފެނިފަ. މިއާއެކު މި ބަލީގައި އެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު ދިހަ ހާސް ދުއިސައްތަ ފަންސާސް ދޭކަށް އަރާއިރު، ބަލިޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ ތިން ލައްކަ 75 ހާހުން މައްޗަށް އަރާފަ އެވެ.
