ރޯދަ މަހަކީ ބަދިގެ ތަކުގައި ވަރަށް ހަރަކާތްތެރި މަހަކަށް ވެދެއެވެ. ނަމަވެސް ފަރުވާ ކުޑަ ކަމުންނާއި ހަނދާންނެތުމުގެ ސަބަބުން ބައެއްފަހަރަށް ކައްކާ އެއްޗެހި އަނދާ ގޮތް ވެއެވެ. އުނދުނުގައި ނުވަތަ އެނޫންވެސް ގޮތަކަށް ރޯފިލުވުމަށް ބެހެއްޓިފައި ހުންނަ ތަކެތި، އެއަށް ބޭނުންވާ މިންވަރަށްވުރެ ބޮޑަށް ހޫނުވުމުން އެ އެއްޗެހި އަނދައެވެ. މިގޮތަށް ކާއެއްޗެއް އެނދުމުން އޭގެ ކުލަ އަށާއި ވަހަށާއި އަދި ރަހައަށް ބަދަލު އާދެއެވެ. ބައެއްމީހުންނަށް މިގޮތަށް ކުޑަކޮށް އަނދާފައި ހުންނަ ކާ އެއްޗެހި މީރުވީ ނަމަވެސް، މިއީ ސިއްހީގޮތުން ގެއްލުން ހުރި ކަމެކެވެ.
ކާއެއްޗެއް އެނދުމުން، އެ އެއްޗެއްގެ ތެރެއިން އިތުރު މާއްދާތަކެއް އުފަންވެއެވެ. އެއީ އިންސާނާގެ ހަށިގަނޑަށް ގެއްލުން ދެނިވި މާއްދާތަކެކެވެ. މި މާއްދާތައް އުފެދުމުގައި އިތުރަށް ހޫނުވާ މިންވަރު ބޮޑު ދައުރެއް އަދާކުރެއެވެ. އާއްމުގޮތެއްގައި އެނދުމުން، ކަޅުކޮށް ފެންނަ އެ ހުންނަ ތަންތަނަކީ މި މާއްދާތައް އެއްމެ ގިނައިން ހުންނަ ތަންތަނެވެ. އަނދަމުން ދާ ވަރަކަށް ކުލަ ބަދަލުވަމުން ދަނީ މި މާއްދާތައް އުފެދޭތީއެވެ.
މިގޮތަށް އުފެދޭ އެއް މާއްދާ އަކީ އެކްރިލަމައިޑް ނަމަކަށް ކިޔާ މާއްދާއެކެވެ. މިއީ އޭގައި ހަކުރު ނުވަތަ ކާބޯހައިޑްރޭޓްސް އެކުލެވޭ ކާނާއެއް، އެއަށް ބޭނުންވާ މިންވަރަށްވުރެ މަތިކޮށް ހޫނު ކުރުމުން ނުވަތަ އެނދުމުން، އުފެދޭ މާއްދާއެކެވެ. ގޮވާމުގެ ބާވަތްތަކާއި ފަލަމަޑީގެ ގިނަ ބާވަތްތައް އެނދުމުން މި މާއްދާ އުފެދެއެވެ. ދިރާސާވެރިން ދެކިލައްވާ ގޮތުގައި މިއީ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ސިސްޓް ނުވަތަ "ގޮށް" އުފެދުމުގައި ބޮޑު ދައުރެއް އަދާކުރާ މާއްދާއެކެވެ. އަދި ސިސްޓެއް އުފެދި ނުވަގަ ގޮށެއް ލާފައިވާނަަމަ، އޭގެ ހާލަތު ގޯސްވުމުގައިވެސް މި މާއްދާގެ ދައުރު ބޮޑެވެ. ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކަނޑައަޅާފައިވާ ގޮތުގައި އެކްރިލަމައިޑް އަކީ "ޕްރޮބަބްލް ހިއުމަން ކާސިނޯޖެން" އެކެވެ. މުރާދަކީ އިންސާނުންނަށް ކެންސަރު ޖައްސުވާފާނެ މާއްދާއެކެވެ.
މީގެ އިތުރުން ކާ އެއްޗެހި އެނދުމުން އުފެދޭ އަނެއް ނުރައްކާތެރި މާއްދާ އަކީ ޕޮލިސައިކްލިކް އެރޯމެޓިކް ހައިޑްރޯކާބަން އެވެ. މިއީ އާއްމުގޮތެއްގައި ބައެއް ކަހަލަ މަސްމަހުގައި އުފެދޭ މާއްދާއެކެވެ. މި މާއްދާ ގިނަފަހަރަށް އުފެދެނީ ފިހުނު މަސްމަހުގައެވެ. ތެޔޮ ބޭނުން ނުކޮށް އަލިފާނުގެ ސީދާ ހޫނުން ނުވަތަ ދުމުން ނުވަތަ ދިލައިން ރޯފިލުވާ މަސްމަހުގައި، އެ މަސްތައް އެނދުމުން މި މާއްދާ އުފެދެއެވެ. ލެބޯޓަރީ ތަހުލީލުތަކުން އެނގޭ ގޮތުގައި މި މާއްދާ އަކީ ބައެއްކަހަލަ ޖަނަވާރުންނަށް ކެންސަރަށް މަގުފަހިކޮށްދޭ މާއްދާއެކެވެ. އެހެންކަމުން ދިރާސާވެރިން ދެކިލައްވާ ގޮތުގައި އިންސާނުންނަށްވެސް މި މާއްދާގެ ސަބަބުން ކެންސަރުގެ ބިރު އެބަ އޮތެވެ.
ހަމަ އެގޮތަށް ހެޓެރޯސައިކްލިކް އެމިނީސް ނަމަކަށް ކިޔާ މާއްދާއަކީވެސް ކާއެއްޗެހި އެނދުމުން އުފެދޭ ވިހަ މާއްދާއެކެވެ. މިއީ އާއްމުގޮތެއްގައި ތެލުގައި ނުވަތަ ފެނުގައި ކައްކާ އެއްޗެހި، އެނދުމުން އުފެދޭ މާއްދާއެކެވެ. މި މާއްދާގެ ސަބަބުން އިންސާނާގެ ލޭގެ ތާސީރުގައި ވަގުތުކޮޅަކަށް ނުސާފުކަމެއް އުފެދިދާނޭ ކަމަށް ދިރާސާވެރިން ދެކިލައްވައެވެ. އެހެންކަމުން މިއީވެސް ކެންސަރަށް މަގުފަހިވާ ދޮރުތަކަށް ފަހިކޮށްދޭ މާއްދާއެއްކަމަށްވެސް ދިރާވެރިން ހާމަ ކުރެއެވެ.
އާދޭހެވެ! ހައްތަހާވެސް މަގުފަހިވާ ކަންކަމެވެ. މާނައަކީ ސީދާ ކެންސަރު ޖެހެނީކީއެއް ނޫނެވެ. މަގުފަހި ކުރުވަނީއެވެ. ކަން މިހެން ހުރުމާއި އެކު އަނދާފައިވާ ކާއެއްޗެއް، ކެއުމަށް ބޭނުން ކުރަން ނުހަދާށެވެ. އަދި ކައްކާއިރު، ކާއެއްޗެހި އެނދިޔަ ނުދިނުމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ.
