ރާއްޖޭގެ އައު ސީޒަން ފެއްޓުމުގެ ގޮތުން ރޭ ކުޅުނު މެޗުގައި 2-1 އިން ކްލަބް އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ. މިއީ އެ ޓީމުން ޗެރިޓީ ޝީލްޑް އުފުލާލި ފަސްވަނަ ފަހަރެވެ.
މިހާތަނަށް އެންމެ ގިނަ ފަހަރު ޗެރިޓީ ޝީލްޑް އުފުލާލުމުގެ ރެކޯޑް އޮތީ ވެސް މާޒިޔާ އަތުގައެވެ. މާޒިޔާ އިން ވަނީ 2015، 2016، 2017، 2021 އަދި 2023 ވަނަ އަހަރު ޝީލްޑް ކާމިޔާބުކޮށްފައެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި މާޒިޔާ އިން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކުރީން އީގަލްސް އަށް ކުޅުނު ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މިއީ މާޒިޔާގެ ޖާޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ހަންނަގެ އިތުރުން ރޭގެ މެޗުގައި ކުރީން އީގަލްސް އަށް ކުޅެފައިވާ އަހުމަދު ނޫމާން (ހެލްމެޓް) އަދި ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ވަނީ މާޒިޔާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. މީގެތެރެއިން، ނޫމާނުގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން 14 ވަނަ މިނެޓުގައި ވަނީ ބަދަލުކޮށްފައެވެ.
މެޗުގެ 18 ވަނަ މިނެޓުގައި މާޒިޔާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ސާބިއާގެ ފޯވާޑް، ސްޓެފަން މިހަލޮވިޗް އެވެ. އޭނާ ފޮނުވާލި މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ދަނޑީގައި ޖެހިފައެވެ. މި ބޯޅަ އަށް އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) އަށް މާބޮޑު މަސައްކަތެއް ނުކުރެވުނެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
މި މެޗުގައި އީގަލްސް އިން ޖެހި ހަމައެކަނި ލަނޑު، 73 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަސްކަބެކް ސަލިއޭވް އެވެ. މިއީ އެ ޓީމަށް ލިބުނު ހިލޭޖެހުމެއްގެ އެހީގައި ކާމިޔާބުކުރި ގޯލެކެވެ.
