އަޔާން މުކަރްޖީ އަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ. އޭނާ ވަނީ ބޮކްސް އޮފީހުގައި ފާހަގަކޮށްލެވޭ ބައެއް ހިޓް ފިލްމުތައް ކަމަށްވާ "ވޭކް އަޕް ސިޑް"، "ޔޭ ޖަވާނީ ހޭ ދީވާނީ"، އަދި އެހެނިހެން ފިލްމުތައް ބެލުންތެރިންނާއި ހަމައަށް ފޯރުކޮށްދީފައެވެ. އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ލީޑް ރޯލުން ފެނިގެންދިޔަ އޭނާގެ އެންމެ ފަހުގެ ފިލްމު ބްރަހަމަސްޓްރާ ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ ފިލްމު ތަކުގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ ފިލްމަކަށެވެ. 

އަޔާން ދެން އެންމެ އަވަހަށް ފެނިގެންދާނީ ބޮލީވުޑްގެ އެންމެ ބޮޑު އެއް ބަތަލު ރިތިކް ރޯޝަން އާއި ގުޅިގެން ކުރާ މަސައްކަތަކުން ކަމަށް މިހާރު ވަނީ ހަބަރު ފެތުރެން ފަށާފައިއެވެ. ހަބަރު ފެތުރެމުން ދާ ގޮތުގައި އަޔާން ވަނީ "ވޯ" ގެ ދެވަނަ އިންސްޓޯލްމަންޓް ޑައިރެކްޓް ކުރަން ތައްޔާރުވެފައެވެ.

ރިތިކް ރޯޝަން އަދި ޓައިގަރ ޝްރޮފް ލީޑް ރޯލުން ފެނިގެންދިޔަ "ވޯ" ވެގެން ގޮސްފައިވަނީ ހިޓް ފިލްމަކަށެވެ. މި ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ކަމަށާއި ފިލްމު ގެ ދެވަނަ ބަޔެއް ނެރޭނެ ކަމަށް އިއުލާން ކުރި ފަހުން ފޭނުން ތިބީ މި ފިލްމާ ބެހޭ އިތުރު މައުލޫމާތު އަޑުއަހަން ކެތްމަދުވެފައިކަމަށް އިންޑިޔާ ގެ މީޑިޔާ ތަކުން ރިޕޯޓު ކުރެއެވެ.

"ވޯ" ފިލްމަކީ ވައިއާރުއެފްގެ ޖާސޫސީ ޔުނިވާސްއަށް އިތުރުވެގެން ދާ ފިލްމެކެވެވާނެ ޖާސޫސީ ޔުނިވާސްގެ ވާހަކަ ދައްކާއިރު، އެކަން ފެށިގެން އައީ 2012 ވަނަ އަހަރު ރިލީޒްކުރި ފިލްމު "އެކް ތާ ޓައިގާ" އިންނެވެ. އޭގެ ފަހުން 2017 ވަނަ އަހަރު ރިލީޒްކުރީ ފިލްމު "ޓައިގާ ޒިންދާ ހޭ" އަދި އޭގެ ފަހުން 2019 ވަނަ އަހަރު ރިލީޒްކުރީ ފިލްމު "ވޯ" އެވެ. މި ޔުނިވާސްއަށް އެންމެ ފަހުން ނެރުން ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު ޕަޓާން އިން ބޮކްސް އޮފީހުގެ ބައެއް ރެކޯޑްތައް މުގުރާލާފައެވެ.