ހެރީ ޕޮޓާ އަކީ ގިނަ ބަޔަކު އެ ފިލްމުތަކެއް ވަރަށްވެސް ފޯރި އާއި އެކު ބަލަމުން އައި ފިލްމު ސީރީޒް އެކެވެ. ހެރީ ޕޮޓާގެ ފިލްމު ސީރީޒް ނިމުމުން ސަޕޯޓަރުން ތިބީ އެކަމާއި އިންތިހާ އަށް ދެރަވެފައެވެ. މިއަދު ވޯނާ ބްރަދާސް އިން ވަނީ ހެރީ ޕޮޓާގެ ސަޕޯޓަރުންނަށް ވަރަށްވެސް އުފާވެރި ހަބަރެއް ދީފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވޯނާ ބްރަދާސް ޑިސްކަވަރީ އިން ދަނީ ހެރީ ޕޮޓާ ޓީވީ ސީރީޒް ޕްރޮޑިއުސް ކުރުމަށް ޑީލް ހަދަމުންނެވެ. 

ބްލޫމްބާގް ރިޕޯޓުގައިވާ ގޮތުން ހެރީ ޕޮޓާ ޓީވީ ސީރީޒް ހަދަން ވާހަކަދެކެވެމުން ދަނީ ފެންޓަސްޓިކް ބީސްޓްސް ފިލްމުތައް ފަދަ ސްޕިން އޮފްތަކަށް ވުރެ ޖޭކޭ ރޯލިންގެ އެންމެ ގިނައިން ނޮވެލްތަކަށް ބިނާ ކޮށް ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކޮންމެ ސީޒަނެއް ވެސް ނަގާނީ އެއް ފޮތުން ކަމަށާއި އޭގެ މާނައަކީ ޓީވީ ސީރީޒް އަހަރުތަކެއް ވަންދެން ދިގުދެމިގެންދިއުން އެކަށީގެން ވާކަމަށެވެ. 

މި އެއްބަސްވުމުގެ ދަށުން ޖޭ.ކޭ. ރޯލިންގ ޓީވީ ސީރީޒްގައި ކޮންމެވެސް ވަރަކަށް އުފެދުމުގައި ބައިވެރިވި ނަމަވެސް ލިޔުންތެރިޔާއަކީ ޕްރައިމަރީ ކްރިއޭޓަރ ނުވަތަ ޝޯރަނަރަކަށް ނުވާނެއެވެ.

ވެރައިޓީ އިން ބުނާ ގޮތުގައި ރޯލިންގް އާއި ވޯނާ ބްރަދާސް ޑިސްކަވަރީގެ މަޝްވަރާތައް އަދިވެސް އޮތީ ފުރަތަމަ މަރުހަލާގަ އެވެ. އެ ސްޓޫޑިއޯގައި މި ސީރީޒް ބެހެއްޓޭނީ އެ ސްޓޫޑިއޯގެ ސްޓްރީމިން ބެނާ އެޗްބީއޯ މެކްސްގެ ދަށުން ކަމަށާއި އެ ބެނާ ވަރަށް އަވަހަށް ޑިސްކަވަރީ+ އާއި ގުޅިގެން އާ ނަމެއްގެ ދަށުން ރީބްރޭންޑް ކުރާނެ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ވޯނާ ބްރަދާސް އިން ހެރީ ޕޮޓާ ޓީވީ ސީރީޒް ހަދަން މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.

މިހާރު ހިނގަމުންދާ މި ވާހަކަތަކާ ގުޅޭ ގޮތުން އެޗްބީއޯ މެކްސްގެ ތަރުޖަމާނު އެއްވެސް ބަހެއް ނުވަތަ ބަޔާނެއް ނުދެއެވެ.

މީގެ ކުރިން ވޯނާ ބްރަދާސް އިން ވަނީ ޖޭ.ކޭ. ރޯލިންގެ ކޮންމެ ފޮތަކަށް ވެސް ފިލްމެއް ހަދާފައެވެ. ޖޭ.ކޭ ރޯލިންގެ ހެރީ ޕޮޓާ ފިލްމު ސީރީޒް، ފެށިގެންދިޔައީ 2001 ވަނަ އަހަރު ނިކުތް ހެރީ ޕޮޓާ އެންޑް ދަ ފިލޯސަފަރސް ސްޓޯން އިންނެވެ. އެއަށްފަހު 2011 ވަނަ އަހަރު ނިކުތް ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހެލޯސް – ޕާޓް 2 އިން ވަނީ ހެރީ ޕޮޓާގެ ފިލްމު ސީރީޒް ނިންމާލައިފައެވެ.