ފެން ކައްކާލުމުން ވާގޮތުގެ ފޮރުވިފައިވާ ކަންކަމާއި މެދު ކިހާވަރަކަށް ވިސްނާފައިވޭތޯ؟ އަޅުގަނޑުމެން އެންމެންނަށްވެސް އަޑުއިވިފައި އޮތީ "އޭނާއަކީ އެހާ މޮޅުކެއްކުންތެރިއެއް ނޫނީ، ފެން ކައްކާކަށް ވެސް ނޭނގެއޭ" ބުނާއަޑެވެ. އެކަމަކު އުނދުން މައްޗަށް ފެން ފުރިފައިވާ ތެލި އެރުވުމާއިއެކު ފެންކެއްކުމުގެ ފަހަތުގައި ފޮރުވިފައިވާ 'ކޮމްޕްލެކްސިޓީ'ތަކާ މެދު ހަގީގަތުގައި ވިސްނަނީ ކިހާ ގިނައިން ހެއްޔެވެ؟
ފެންކެއްކުމަކީ ކޮބާ ހެއްޔެވެ؟ ފަންނީ މާނައަކީ ދިޔާއެއްޗެއްގެ އާވީގެ ޕްރެޝަރު އެ އެއްޗެއްގެ އެޓްމޮސްފެރިކް ޕްރެޝަރަށްވުރެ މަތި ނުވަތަ އެއްވަރުވުމުން ދިމާވާ ކަމެކެވެ.
ފެންކެއްކުމުގައި ރަނގަޅަށް ފެންކެއްކުން މުހިންމުވާ ސަބަބަކީ ފެން ކެކިފައި ހުންނަ ހޫނު މިނުގެ ސަބަބުން ތައްޔާރުކުރާ ތަކެތީގެ ރަހައަށް ބަދަލު އައުމެވެ. ރަނގަޅަށް ނުކެކޭ ފެނުގައި ސައި ނުވަތަ ކޮފީ ހަދައިފިނަމަ އޭގެ ހަޤީޤީ ރަހައެއް ނުހުންނާނެއެވެ. އެހެންކަމުން ހޫނު ބުއިމެއް ތައްޔާރުކުރުމަށް ފެންކައްކާނަމަ ގަދައަށްބޮކިޖަހާ ފެންގަނޑު ކެކިގަންނަންދެން ކައްކަންވާނެއެވެ. ފެންކައްކާ ތެލީގެ އަރިމަތީގައި ކުދި ކުދި ބޮކިތައް ކިރިޔާ ޖަހާލަންދެން ކެކިފައި ހުންނަ ފެނުގައި ތައްޔާރުކުރާ އެއްޗެހީގެ ރަހަ މާރަނގަޅެއްނުވާނެއެވެ.
އެފަދަ ފެނުގައި ސައި ތައްޔާރުކުރިއަސް ސައިފަތުގެ ކުލަ ރަނގަޅަކަށް ނުނިކުންނާނެއެވެ. އަދި ސައިތަށީގެ މަތީގައި ކޮންމެވެސް ވަރެއްގެ ހުދު ފޮނެއް އުފެދިފައި ހުންނާނެއެވެ. އެހެންކަމުން ފެެން ކައްކާއިރު އަބަދުވެސް ބޮކިޖަހާފަ ފެންގަނޑު އެންމެ ގަދަޔަށް ކެކުމުން ނޫނީ ފެން ބޭނުންނުކުރާށެވެ.
