މިހާރު ކުރިއަށްދާ ރަމަޟާން ކެރަމް ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލްގައި އިސްމާއިލް އަޒްމީން އާއި އިބްރާހިމް ހުޖާން ވާދަކުރަންޖެހުނުއިރު، އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލްގައި ބައްދަލުކުރާނީ އައިމިނަތު ވިދާދު އާ ފާތިމަތު ރަޔާނާ އެވެ.
ގަލޮޅު ދަނޑުގައި ހުންނަ މާލޭ ކެރަމް ހޯލްގައި ރޭ ކުޅުނު ފިރިހެން ސިންގަލްސް އިވެންޓްގެ ސެމީގެ ފުރަތަމަ މެޗުގައި އަލީ އާޒިމް (އާޒީ) ގެ މައްޗަށް ހުޖާން ވަނީ ސީދާ ދެ ސެޓުން ކުރިހޯދާފައެވެ. ފޯރިގަދަވި މި މެޗުގެ ދެވަނަ ސެޓުގައި ކުރީގެ ގައުމީ ޗެމްޕިއަން އާޒިމް ވަނީ ވައިޓް ސްލޭމެއް ހަދާފައެވެ. އަދި ހަމަ މި މެޗުގެ ދެން ކުޅެވުނު ބޯޑުގައި ހުޖާން ވެސް ވަނީ ވައިޓް ސްލޭމެއް ހަދާފައެވެ. މި މެޗުގައި ހުޖާން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
ރޭ ކުޅެވުނު ފިރިހެން ސިންގަލްސް އިވެންޓްގެ ދެވަނަ ސެމީގައި ޔަމާން އަބްދުލް ޖަލީލް އަތުން އަޒްމީން މޮޅުވީ ވެސް ސީދާ ދެ ސެޓުންނެވެ. މި މެޗުގައި އަޒްމީން ވެސް ވަނީ ވައިޓް ސްލޭމެއް ހަދާފައެވެ.
އަންހެން ސިންގަލްސް އިވެންޓްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ރޭ ވިދާދު ވަނީ އައިޝަތު ނަހުފާ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. ދެވަނަ ސެމީގައި އައިމިނަތު ޝުބާ އާދަމް އާއި ރަޔާނާ ބައްދަލުކުރި މެޗު ތިން ސެޓަށް ދެމިގެންދިޔައިރު، މި މެޗުން ރަޔާނާ ކުރިހޯދީ 2-1 އިންނެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލް މެޗާއި، ތިންވަނަ ހޮވާ މެޗެވެ. ސިންގަލްސް އިވެންޓްގެ ފައިނަލް މެޗާއި ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެޔެވެ.
