ދެވަނަ ހާފުގައި ކަރީމް ބެންޒެމާ ވައްދާލި ހެޓްރިކާއެކު ވާދަވެރި ބާސެލޯނާ ކަޓުވާލުމަށްފަހު ރެއާލް މެޑްރިޑުން ކޮޕަ ޑެލް ރޭ ގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗުން ރެއާލް މޮޅުވީ 4-0 އިންނެވެ.

މިއީ ބާސެލޯނާއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު އެލް ކްލެސިކޯގެ ހަތަރު މެޗުގެ ތެރެއިން ރެއާލް މޮޅުވި ފުރަތަމަ ފަހަރެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވަނީ ބާސެލޯނާ އެވެ.

މި ދެ ޓީމުގެ މެދުގައި މީގެ މަހެއްހާ ދުވަސް ކުރީން ރެއާލްގެ ދަނޑުގައި ކުޅުނު މެޗުން ބާސެލޯނާ ކުރީގައި އޮތީ 1-0 އިންނެވެ. އެ މެޗުގައި ބާސެލޯނާ އިން ޖެހި ގޯލަކީ ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއާއެކު، ރޭގެ މެޗުން ހޯދީ ބޮޑު މޮޅާއެކު ރެއާލުން ފައިނަލަށް ދަތުރުކުރީ 4-1 ގެ އެގްރިގޭޓުންނެވެ.

ބާސެލޯނާގެ ކޭމްޕޯ ނޯ ގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ރެއާލްގެ ބްރެޒިލް ވިންގް، ވިނީޝަސް ޖޫނިއާ ކާމިޔާބުކުރި ގޯލާއެކު ވަނީ ދެ ލެގުގެ އެގްރިގޭޓުން ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެކުރީން، ބާސެލޯނާ އަށް ލަނޑެއްޖަހައިދޭން ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ރެއާލްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ވަނީ މަތަކޮށްފައެވެ.

ބާސެލޯނާގެ ކުޅުންތެރިއެއް ކައިރިން ރެއާލްގެ ރޮޑްރީގޯ (ވ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ދެވަނަ ހާފުގެ ކުޅުން ފެށިގެން ފަސްވަނަ މިނެޓުގައި ދެ ލެގުގެ އެގްރިގޭޓުން ރެއާލަށް ލީޑްނަގައިދިނީ ލޫކަ މޮޑްރިޗް ދިން ޕާހަކުން ޕެނަލްޓީއޭރިޔާ ރޮނގުކައިރިން ބެންޒެމާ ކާމިޔާބުކުރި ގޯލުންނެވެ.

އޭގެފަހުން، މެޗުގެ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެއާލްގެ ތިންވަނަ ލަނޑުޖެހީ ވެސް ބެންޒެމާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ރެއާލްގެ ވިނީޝަސް އަށް ބާސެލޯނާގެ ފްރޭންކް ކެސީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ބެންޒެމާގެ ހެޓްރިކް ފުރިހަމަކޮށް، ރެއާލްގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ވެސް ވިނީޝަސްގެ މަސައްކަތުން ތަނަވަސްކުރި ފުރުޞަތެއްގެ އެހީގައެވެ. މިއީ ރެއާލަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ބެންޒެމާ ހެދި ދެވަނަ ހެޓްރިކެވެ. އޭނާ ވަނީ މިދިޔަ އާދީއްތަ ދުވަހު ލީގުގައި ރެއާލް ވަޔަޑޮލިޑްއާ ދެކޮޅަށް ކުޅުނު މެޗުގެ ހަ މިނެޓުގެ ތެރޭގައި ހެޓްރިކެއް ހަދައިފައެވެ.

މިފަހަރުގެ ކޮޕަ ޑެލް ރޭގެ ފައިނަލްގައި އޮސަސޫނާއާ ދެކޮޅަށް ރެއާލް ކުޅޭ މެޗު އޮންނާނީ އަންނަ މެއި މަހުގެ ހަވަނަ ދުވަހު އެވެ.