7 ވަނަ ރަމަޟާން ކެރަމް ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން މުހައްމަދު އާމިރު (އާމްބެ) އާއި އިސްމާއިލް އަބްދުލް ހަކީމް (އިއްސެ) ގެ ޕެއާ ހޯދިއިރު، އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އައިމިނަތު ޝުބާ އާދަމް އާއި ފާތިމަތު ރަޔާނާގެ ޕެއާ އިންނެވެ.
ގަލޮޅު ދަނޑުގައި ހުންނަ މާލޭ ކެރަމް ހޯލްގައި ރޭ ކުޅުނު ފިރިހެން ޑަބަލްސް ފައިނަލްގައި އިބްރާހިމް ހުޖާން އަލީ އާއި އަހުމަދު ރުޝްދީގެ ޕެއާ އަތުން އާމްބެ އާއި އިއްސެގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ވަރަށް ފަސޭހަކަމާއެކު އާމްބެ އާއި އިއްސެ ކާމިޔާބުކުރީ 22-5 އިންނެވެ. އެކަމަކު ދެން ކުޅެވުނު ދެވަނަ ސެޓުގައި ހުޖާން އާއި ރުޝްދީގެ ޕެއާ އިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މި ސެޓުން އާމްބެ އާއި އިއްސެގެ ޕެއާ އިން ކުރިހޯދީ 18-17 އިންނެވެ.
ރޭ ކުޅެވުނު އަންހެން ޑަބަލްސް އިވެންޓްގެ ފައިނަލްގައި ޝުބާ އާއި ރަޔާނާގެ ޕެއާ ވަނީ އަފީފުއްނިސާ އާއި އައިމިނަތު ވިޝާމާ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. ލީގު ބުރުގައި ޝުބާ އާއި ރަޔާނާގެ ޕެއާ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ އަފީފުއްނިސާ އާއި ވިޝާމާގެ ޕެއާ އިންނެވެ.
އަންހެން ޑަބަލްސް ފައިނަލްގެ ފުރަތަމަ ސެޓުގައި ޝުބާ އާއި ރަޔާނާގެ ޕެއާ އިން ކުރިހޯދީ 21-13 އިންނެވެ. އެކަމަކު، މި މެޗުގެ ދެވަނަ ސެޓުގައި ވިޝާމާ އާއި އަފީފުއްނިސާގެ ޕެއާ އަތުން ޝުބާ އާއި ރަޔާނާގެ ޕެއާ މޮޅުވީ 13-12 އިންނެވެ.
ފިރިހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ކުރީގެ ގައުމީ ދެ ޗެމްޕިއަނުން ކަމަށްވާ އަހުމަދު އިކުލީލް އާއި އަލީ އާޒިމް (އާޒީ) ގެ ޕެއާ އިން ވަނީ މުހައްމަދު މުންތަސިރު އާއި އުމަރު ޒިޔާދުގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް އިކުލީލް އާއި އާޒިމްގެ ޕެއާ ކާމިޔާބުކުރީ 25-1 އަދި 23-13 އިންނެވެ.
އަންހެން ޑަބަލްސް އިވެންޓްގެ ތިންވަނަ މަގާމް ހާސިލްކުރީ އައިޝަތު ފައިނާޒް އާއި އައިމިނަތު ވިދާދްގެ ޕެއާ އިންނެވެ. މި ދެ ކުޅުންތެރިންގެ ޕެއާ އަށް ތިންވަނަ ލިބުނީ ލީގު ބުރުގައި ކުޅުނު މެޗުތަކަށްފަހު މުބާރާތުގައި ވާދަކުރި ހަތަރު ޕެއާގެ ތެރެއިން ތިންވަނަ އަށް ދިއުމުންނެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން އަދި އަންހެން ސިންގަލްސް އިވެންޓްގެ ފައިނަލް މެޗާއި، ތިންވަނަ ހޮވާ މެޗެވެ.
