ހަތްވަނަ ރަމަޟާން ކެރަމް ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު ފިރިހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން އިބްރާހިމް ހުޖާން އަލީ ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަނަކީ އައިމިނަތު ވިދާދް އެވެ.

މިފަހަރުގެ ރަމަޟާން ކެރަމް ކަޕްގެ ދެ އިވެންޓެއްގެ ފައިނަލުން ޖާގަ ހޯދި ހުޖާން ވަނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، މުބާރާތުގެ ތަށްޓާ ހަމައަށް ހުޖާން ކުރި ދަތުރުގައި ވަނީ ރާއްޖޭގެ ގައުމީ ހަތަރު ޗެމްޕިއަނުން ބަލިކޮށްފައެވެ. ޑަބަލްސް އިވެންޓްގެ ރަނަރަޕް މަގާމް ވެސް ހާސިލްކުރިއެވެ.

ގަލޮޅު ދަނޑުގައި ހުންނަ މާލޭ ކެރަމް ހޯލްގައި ރޭ ކުޅުނު ފިރިހެން ސިންގަލްސް ފައިނަލްގައި އެންމެ ފަހުގެ ގައުމީ މުބާރާތުގެ ޗެމްޕިއަން އިސްމާއިލް އަޒްމީންއާ ވާދަކޮށް ހުޖާން މޮޅުވީ ތިން ސެޓު ކުޅެގެން، 2-1 އިންނެވެ. މި ތިން ސެޓުވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ.

މި މެޗުގެ ފުރަތަމަ ސެޓު 19-15 އިން ހުޖާން ގެންގޮސްފައިވަނިކޮށް، ދެވަނަ ސެޓުން އަޒްމީން ކުރިހޯދީ 16-10 އިންނެވެ. އެހެންނަމަވެސް، ދެން ޖެހިގެންއައި ތިންވަނަ ސެޓުން އަޒްމީންގެ މައްޗަށް ހުޖާން ކުރިހޯދީ 14-12 އިންނެވެ. 

މި މުބާރާތުގައި ރޭ ކުޅެވުނު އަންހެން ސިންގަލްސް ފައިނަލް މެޗުގެ ތެރެއިން. --

ފިރިހެން ސިންގަލްސްގެ ތިންވަނަ ހޮވާ މެޗުގައި ކުރީގެ ގައުމީ ޗެމްޕިއަން އަލީ އާޒިމް (އާޒީ) ވަނީ 2-1 އިން ޔަމާން އަބްދުލް ޖަލީލް އަތުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-6 ގެ ބޮޑު ތަފާތަކުން އާޒީ ގެންގޮސްފައިވަނިކޮށް، ދެން ޖެހިގެންއައި ސެޓުން ޔަމާން ކުރިހޯދީ 24-12 އިންނެވެ. އަދި އެއަށްފަހު ތިންވަނަ ސެޓުގައި 15-0 ގެ ލީޑެއްގައި ޔަމާން އޮއްވަ، އާޒީ ވަނީ ނަތީޖާ އަނބުރާލައި 23-15 އިން މި ސެޓު ކާމިޔާބުކޮށް ތިންވަނަ ހޯދާފައެވެ.

ރޭ ކުޅެވުނު އަންހެން ސިންގަލްސް ފައިނަލްގައި ފާތިމަތު ރަޔާނާގެ މައްޗަށް ވިދާދް ކުރިހޯދީ ވެސް ތިން ސެޓް ކުޅެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-10 އިން ގެންދިޔައީ ވިދާދް އެވެ. އެއަށްފަހު، ދެން ކުޅެވުނު ސެޓުން ރަޔާނާ ވަނީ 22-13 އިން ކުރިހޯދާފައެވެ. ނަމަވެސް ފުރަތަމަ ދެ ސެޓާ ހިލާފަށް ފަހު ސެޓުން ވިދާދް ވަނީ ފަސޭހަކަމާއެކު މޮޅުވެފައެވެ. ތިންވަނަ ސެޓުން ވިދާދް ކުރިހޯދީ 25-0 އިންނެވެ.

އަންހެން ސިންގަލްސްގެ ތިންވަނަ ހޮވާ މެޗުގައި އައިމިނަތު ޝުބާ އާދަމް ވަނީ ފަހަތުންއަރައި 2-1 އިން އައިޝަތު ނަހުފާ ބަލިކޮށް، ތިންވަނަ މަގާމް ހާސިލްކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓުން ނަހުފާ މޮޅުވީ 14-10 އިންނެވެ. ދެން ޖެހިގެންއައި ސެޓުތައް ޝުބާ ގެންދިޔައީ 25-4، 25-21 އިންނެވެ.

މިދިޔަ މާރިޗް މަހުގެ 27 އިން މި އޭޕްރީލް މަހުގެ 6 ގެ ނިޔަލަށް ކުރިއަށްދިޔަ މި އަހަރުގެ މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރެޔެވެ. މި ރަސްމިއްޔާތު އޮންނާނީ މާދަމާ ރޭގެ 10 ޖަހާއިރު މާލޭ ކެރަމް ހޯލްގައެވެ.