ބޮލީވުޑްގެ އައިކޮނިކް ބަތަލާ، ރަވީނާ ޓަންޑަން އަކީ 90 ގެ އަހަރުތަކުގެ އެންމެ ކާމިޔާބު އެއްބަތަލާ އެވެ. މަދޫރީ ޑިކްސިޓް، ކާޖޮލް، ޖޫހީ ޗައުލާ، މަނީޝާ ކޮއިރާލާ ފަދަ ބަތަލާއިން، އަދި އެހާ ގިނަ އަންހެން ސްޓާރުން އިންޑަސްޓްރީގައި ލީޑްކުރަމުން ދިޔަ ދުވަސްވަރެއްގައި ރަވީނާ މަޝްހޫރުވީ ވަރުގަދަ ކެރެކްޓަރުތަކެއް ކުޅެގެންނެވެ. އޭނާ އަކީ 90 ގެ އަހަރުތަކުގެ ޒަމާނުގައި އެންމެ ބޮޑު މުސާރައެއް ލިބުނު އެއް ބަތަލާ އެވެ. ރަވީނާ އެކްޓިންގ ފެށީ ފިލްމު، ޕައްތަރް ކޭ ފޫލް (1991) އިންނެވެ. އޭގެ ފަހުން އޭނާގެ މަޝްހޫރު ކެރިއަރުގައި ގިނަ އެވޯޑްތަކެއް ހޯދާފައި ވެއެވެ.

އެވަރގްރީން އެކްޓްރެސް، ރަވީނާ ޓަންޑަން އަށް ފިލްމީ ދާއިރާގެ އެކިއެކި ޕާފޯމަންސްތަކަށް ފިލްމްފެއާގެ ސިލްސިލާ އެވޯޑްތަކެއް ވަނީ ލިބިފައެވެ. މީގެއިތުރުން 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ހިންދީ ސިނަމާއަށް ކޮށްދިން އިންތިހާއަށް ބޮޑު ޙިއްޞާގެސަބަބުން ބަތަލާއަށް  ޕަދްމާ ޝްރީ އެވޯޑް ލިބުނެވެ. މި އިހުތިރާމް ލިބިގެންވާ އެވޯޑުން އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އޭނާގެ ލެގަސީ އެއް ދަރަޖަ ކުރިއަށްޖެހިލިއެވެ. ދިއްލީގެ ރާޝްޕްރަތީ ބަވާންގައި އިންޑިއާގެ އިއްޒަތްތެރި ރައީސް ޑްރައުޕަދީ މުރްމޫގެ އަތުން ހަތަރު ވަނައަށް އެންމެ މަތީ މަދަނީ އެވޯޑް ޕަދްމާ ޝްރީ ރަވީނާއަށް ލިބުނެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އެއްފަހަރަކު ދިން އިންޓަވިއުއެއްގައި ހާމަކޮށްފައި ވަނީ ރަވީނާ ޓަންޑަން އަކީ އޭނާ އެންމެ ގަޔާވާ ބަތަލާ ކަމަށެވެ. އޭނާ އެކަން ހާމަކުރިތާ އަހަރުތަކެއް ފަހުން، 1991 ވަނަ އަހަރުގެ ކާގިލް ހަނގުރާމައިގެ ތެރޭގައި، ޕާކިސްތާނާ ދެކޮޅަށް ހަނގުރާމައިގައި ބޭނުންކުރި ބައެއް ބޮންތަކުގައި އިންޑިއާގެ ބައެއް ސިފައިން ލިޔެފައިވަނީ، “ރަވީނާ ޓަންޑަން ގެފަރާތުން ނަވާޒް ޝަރީފް އަށް”މިހެންނެވެ. އެއިން އެއް ބޮމުގެ ފޮޓޯއެއް މީޑިއާގައި ލީކުވެ، 1991 ވަނަ އަހަރު މުޅި ނޫސްތަކުގައި ފެތުރިފައިވެ އެވެ.

1991 ވަނަ އަހަރުގެ ކާގިލް ހަނގުރާމައިގެ އަހަރުތަކަށް ފަހު ހިންދުސްތާން ޓައިމްސްގެ މެނޭޖިން އެޑިޓަރު ސޮނަލް ކަލްރާ އަށް ދިން ތްރޯބެކް އިންޓަވިއުއެއްގައި ރަވީނާ ވަނީ ހަމަ މި ހާދިސާގެ ވާހަކަ ދައްކާފަ އެވެ. 1991 ވަނަ އަހަރުގެ ކާގިލް ހަނގުރާމައިގައި ބޭނުންކުރި ބޮންތަކުގެ މަތީގައި އޭނާގެ ނަން ލިޔެފައި އޮތުމާ މެދު ބަތަލާ ވަނީ އޭނާގެ ޚިޔާލުތައް ހިއްސާކޮށްފަ އެވެ. ރަވީނާ ހާމަކުރި ގޮތުގައި އޭނާއަށް އެ ތަސްވީރު ފެނުނީ ވަރަށް ފަހުން ކަމަށާއި ހަނގުރާމައެއް ފެށުމުގެ ކުރިން ވާހަކަދައްކައިގެން ހައްލުކުރެވޭތޯ ބެލުމަށް ދުނިޔެއަށް ނަސޭހަތްތެރިވާނެ ކަމަށެވެ. ރަވީނާ ބުނެފައިވަނީ އޭނާގެ ގައުމު ރައްކާތެރި ކުރުމަށް ބޯޑަރުކައިރީގަ ކޮޅަށް ހުންނަން ޖެހިއްޖެ ނަމަ ހިތްވަރާއިއެކު އެކަން ކުރާނެކަމަށެވެ.