އިނގިރޭސި ދެވަނަ ޑިވިޝަން، ޗެމްޕިއަންޝިޕްގައި ރޭ މިޑްލްސްބަރާ 1-2 އިން ބަލިކޮށް، ވިންސެންޓް ކޮމްޕެނީގެ ބާންލީ އިން ޕްރިމިއާ ލީގަށް ޕްރޮމޯޓުވެއްޖެއެވެ.
ބާކީ ހަ މެޗު އޮއްވާ، ބާންލީ ކޮލިފައިވީ މިހާތަނަށް ކުޅުނު 39 މެޗުން ލިބުނު 87 ޕޮއިންޓާއެކު އެވެ. ހަމަ މި އަދަދަށް މެޗު ކުޅެގެން އޭގެ 11 ޕޮއިންޓް ފަހަތުން ދެވަނައިގައި ޝެފީލްޑް ޔުނައިޓެޑް އޮތްއިރު، ތިންވަނައިގައި އޮތް ލުޓަން ޓައުން އަށް 40 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. ލުޓަން އަށް ބާކީ ހަ މެޗު އޮތްއިރު، އެ ޓީމަށް ބާންލީގެ މައްޗަށް ކުރިހޯދޭނެ ގޮތެއް ނެތެވެ. ރޭގެ މެޗުން ބަލިވި މިޑްލްސްބަރާ އޮތީ 40 މެޗުން ލިބުނު 67 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
މިދިޔަ ނޮވެންބަރު މަހުގެ ފަހުން ބަލިނުވެ އޮތް ބާންލީ އިން ރޭގެ މެޗުގައި ލީޑްނެގީ އޭޝްލީ ބާންސް ކާމިޔާބުކުރި ގޯލުންނެވެ. މި މެޗުގެ 12 ވަނަ މިނެޓުގައި ބާންސް މި ލަނޑުޖެހީ އެ ޓީމުގެ ޖޯޝް ބްރައުންހިލް ފޮނުވާލި ހަމަލާއެއްގެ އެހީގައެވެ.
މިޑްލްސްބަރާ އިން އެއްވަރުކުރި ލަނޑު، 48 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޗޫބާ އަކްޕޮމް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ކެމަރަން އާޗާ އަށް ބާންލީގެ ޖޯޝް ކުލެން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ބާންލީ މޮޅުކޮށްދިން ލަނޑުޖެހީ ކޮނާ ރޮބަޓްސް އެވެ. މިއީ އެ ޓީމުގެ ނޭތަން ޓެލާ ނެގި ހުރަހަކުން ރޮބަޓްސް ކާމިޔާބުކުރި ގޯލެކެވެ.
މިދިޔަ ސީޒަނުގެ ފަހު ދުވަހު ޕްރިމިއާ ލީގުން ބާންލީ ރެލިގޭޓުވުމުން، ބެލްޖިއަމްގެ އެންޑަލެކްޓް ދޫކޮށް އެ ޓީމާ ހަވާލުވި އުމުރުން 36 އަހަރުގެ ކޮމްޕެނީގެ އިރުޝާދުގެ ދަށުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ޗެމްޕިއަންޝިޕްގައި އެންމެ ފަހުން ކުޅުނު 19 މެޗުން ވެސް ބަލިވެފައެއްނުވެއެވެ.
ބާންލީ އިން މިހާރު ޗެމްޕިއަންކަން ހޯދުމަށްޓަކައި ބާކީ އޮތް އޮތް ހަތް މެޗުން ބޭނުންވަނީ އެންމެ 11 ޕޮއިންޓެވެ. އަދި އެ ޓީމަށް ބާކީ އޮތް މެޗުތަކުން 13 ޕޮއިންޓް ހޯދައިފިނަމަ، ލެސްޓާ ސިޓީ އިން 2013/2014 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންޝިޕްގައި 100 ޕޮއިންޓް ފަހަނައަޅައި ދިޔަފަހުން އެ ޝަރަފު ހާސިލްކުރާ ފުރަތަމަ ކްލަބަށް ވުމުގެ ފުރުޞަތު އެބައޮތެވެ.
މި މުބާރާތުގައި ބާންލީ އަށް ދެން އޮތީ ދެވަނައިގައި އޮތް ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް މި މަހުގެ 10 ވާ ހޯމަ ދުވަހު ކުޅޭ މެޗެވެ. ލީގުގައި ބާންލީ އެންމެ ފަހުން ބަލިވީ ވެސް ޝެފީލްޑް އަތުން މީގެ 19 މެޗު ކުރީންނެވެ. އެ މެޗުން ޝެފީލްޑް އަތުން އެ ޓީމު ބަލިވީ 5-2 އިންނެވެ.
