7 ވަނަ ރަމަޟާން ކެރަމް ކަޕްގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިދިޔަ މާރިޗް މަހުގެ 27 އިން އޭޕްރީލް 6 ގެ ނިޔަލަށް ގަލޮޅު ދަނޑުގައި ހުންނަ މާލޭ ކެރަމް ހޯލްގައި ކުރިއަށްދިޔަ މި ފަހަރުގެ ރަމަޟާން ކެރަމް ކަޕްގައި، ޖުމްލަ 43 ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި މިހާ ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވީ ރަމަޟާން ކަޕް ކަމަށް ވެސް ސީއޭއެމް އިން ވަނީ ފާހަގަކޮށްފައެވެ.

މާލޭ ކެރަމް ހޯލްގައި ރޭ ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތުގައި ރަންވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމާއި، ހަނދާނީ ލިޔުން އަދި މެޑަލް ދީފައިވާއިރު، މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިބްރާހިމް ރަޝީދު އެވެ.

"ޔަންގް ޕްލެޔާސް ރިކޮގްނިޝަން އެވޯޑް" ހޯދި އަބްދުލް މަލިކު ހަސަން އަބްދުލް ލަތީފު (ކ) އާއި އަލީ އަޚްކަމް އާދަމް (ވ-2) ޓްރޮފީއާއެކު. --

މިފަހަރުގެ ރަމަޟާން ކެރަމް ކަޕްގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އިބްރާހިމް ހުޖާން އަލީ ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަންކަން ހާސިލްކުރީ އައިމިނަތު ވިދާދް އެވެ. ފިރިހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު އާމިރު (އާމްބެ) އާއި އިސްމާއިލް އަބްދުލް ހަކީމް (އިއްސެ)ގެ ޕެއާ އިންނެވެ. އަދި އަންހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަނުންނަކީ އައިމިނަތު ޝުބާ އާދަމް އާއި ފާތިމަތު ރަޔާނާގެ ޕެއާ އެވެ.

މި އަހަރުގެ މުބާރާތުގެ ފުރަތަމަ ސްލޭމް ހެދި ކުޅުންތެރިޔާ އަށް ދޭ "ގޯލްޑަން ސްލޭމް" އެވޯޑް ހުޖާން ހާސިލްކުރިއިރު، މި ފަހަރުގެ ރަމަޟާން ކެރަމް ކަޕްގައި ވާދަކުރި އެންމެ ހަގު ދެ ކުޅުންތެރިން ކަމަށްވާ އަބްދުލް މަލިކު ހަސަން އަބްދުލް ލަތީފު އާއި އަލީ އަޚްކަމް އާދަމް އަށް "ޔަންގް ޕްލެޔާސް ރިކޮގްނިޝަން އެވޯޑް" ދީފައިވެއެވެ.

މީގެއިތުރުން، ރޭގެ ރަސްމިއްޔާތުގައި މި ފަހަރުގެ މުބާރާތުގައި އިންސާފުކޮށްދެއްވި ޗީފް އަމްޕަޔަރު އާއި އަމްޕަޔަރުންނަށް ވެސް ހަނދާނީ ލިޔުން ދީފައިވެއެވެ.