އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުން 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު އާސެނަލަށް 30 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 29 މެޗުން ލިބިފައިވަނީ 67 ޕޮއިންޓެވެ. މިއާއެކު، ސިޓީ އަށް މެޗު ހަމަކޮށްގެން އާސެނަލްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗު ހިމެނޭ ގޮތަށް ބާކީ އޮތް ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ލީގުގެ އެއްވަނަ ހޯދުމުގެ ފުރުޞަތު އެބައޮތެވެ. އެއީ ފައިދާ ގޯލްގެ ތަފާތުން ސިޓީ ކުރީގަ އޮތުމުންނެވެ.

އެންފީލްޑްގައި މިރޭ ކުޅުނު މެޗު ފެށިގެން 8 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އާސެނަލުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ވިންގް، ގެބްރިއެލް މާޓިނެލީ އެވެ. އޭގެ 20 މިނެޓުފަހުން، އާސެނަލްގެ ދެވަނަ ލަނޑުޖެހީ ގެބްރިއެލް ޖެސޫސް އެވެ. މިއީ މާޓިނެލީ ނެގި ހުރަހަކުން ލިބުނު ބޯޅައެއް ޖެސޫސް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ލިވަޕޫލަށް ފަރަގު ކުޑަކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ލީގުގައި އޭނާ ޖެހި 13 ވަނަ ލަނޑެވެ. އަދި މުޅި ސީޒަނުގައި މިހާތަނަށް ކާމިޔާބުކުރި 24 ވަނަ ގޯލެވެ.

ލީޑްސް ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު ކްރިސްޓަލް ޕެލަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --

ދެވަނަ ހާފުގެ ކުރީކޮޅު ލިވަޕޫލަށް އެއްވަރުކޮށްދޭން ސަލާހު އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ސަލާހު ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ލިވަޕޫލްގެ ޑިއޯގޯ ޔޮޓާ އަށް އާސެނަލްގެ ޑިފެންޑަރު ރޮބް ހޯލްޑިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ސަލާހު އަތުން ނާކާމިޔާބުވި ދެވަނަ ޕެނަލްޓީއެވެ.

މި މެޗުގައި ލިވަޕޫލުން އެއްވަރުކުރި ލަނޑު، 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ބްރެޒިލްގެ ފޯވާޑް ރޮބާޓް ފިރްމީނޯ އެވެ. އެ ޓީމުގެ އިނގިރޭސި ފުލްބެކް ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ނެގި ހުރަހަކުން ފިރްމީނޯ މި ލަނޑުޖެހީ ބޮލުންނެވެ.

ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި ކްރިސްޓަލް ޕެލަސް އިން ވަނީ ރަށުން ބޭރުގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ. މިއީ ޕެލަސްގެ މިހާރުގެ ކޯޗު ރޯއީ ހޮޖްސަން އެ ޓީމާ ހަވާލުވިފަހުން ކުޅުނު ދެވަނަ މެޗެވެ. މި ދެ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. މި މެޗުގައި ޕެލަސް އިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑުޖެހީ ޖޯޑަން އަޔޫ އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ މާކް ގޭހީ އާއި އެބްރެޗީ އެޒޭ އަދި އޮޑްސަން އެޑޮއާޑް އެވެ. މީގެތެރެއިން ތިން ލަނޑުޖެހުމަށް އެހީތެރިވެދިނީ މައިކަލް އޮލީސޭ އެވެ. ލީޑްސްގެ ހަމައެކަނި ލަނޑުޖެހީ ޕެޓްރިކް ބެމްފޯޑް އެވެ.