ރޯދައަށް ހުންނަ ހުރުމަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެއް ކަމަށް އަހަރެމެން ގަބޫލު ކުރަމުއެވެ. އާދޭހެވެ! އެކަން އޮތީވެސް ހަމަ އެހެންނެވެ. މި ލިޔުމުގައި ބާލާލަން މި ގަސްތުކުޅައީ ރޯދައަށް ހުންނަ ހުރުމާއި އެކު ހަށިގަނޑުގައި ހުންނަ ހަކުރުގެ މާއްދާއަށް ވަމުންދާ ގޮތްތަކުގެ މައްޗަށެވެ.
ރޯދައަށް ހުރުމާއި އެކު އިންސާނާ ނުކައި ނުބޮއެ ހޭދަކުރާ ވަގުތުތަކުގެ ސަބަބުން، ހަށިގަނޑުގެ ތެރޭގައި ހުންނަ ކެވެނީގެ މާއްދާތައް މަދުވެއެވެ. އެއާއި އެކު ދައުރުވާ ހަކުރުގެ މިންވަރުވެސް މަދުވެއެވެ. އެހެންކަމުން ހަށިގަނޑުގެ ހަތާތަކުގެ ހަކަތަ އުފެއްދުމަށް ހަށިގަނޑުގައި ޖަމާވެފައިވާ ހަކުރުގެ ބޭނުން ކުރަން އެ ހަތާތަކަށް މަޖުބޫރުވެއެވެ. ނަތީޖާއަކަށްވަނީ ލޭގެތެރޭގައި ހުންނަ ހަކުރު ކިޔަމަންކުރާ ހޯމޯނު ކަމުގައިވާ އިންސުލިންގެ ހަރަކާތްތެރިކަން އިތުރުވެގެން ދިއުމެވެ.
ހަކުރު ކިޔަމަންކުރާ ހޯމޯނު، އިންސުލިންގެ ހަރަކާތްތެރިކަން އިތުރުވެގެންދާ ނަމަ، ލޭގެ ތެރޭގައި ދައުރުވާ ހަކުރުގެ މިންވަރު މަދުކޮށްދީ އެއްވަރެއްގައި ހިފަހައްޓައިދިނުމަށް ފަސޭހަވެގެން ދެއެވެ. ހަކުރުބަލި ޖެހެނީ މި ހޯމޯނުގެ ހަރަކާތްތެރިކަން ކުޑަވުމުން ނުވަތަ މަދުވުމުން ކަމުގައި ވީ ހިނދު، ރޯދައަށް ހުރުމުން އެ ހޯމޯނުގެ ހަރަކާތްތެެރިކަން އިތުރުވެގެންދާ ކަމީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނޭ ކަމެކެވެ.
އިސްވެ ދެންނެވުނު ފަދައިން ރޯދައަށް ހުރުމުން ލޭގެ ތެރޭގައި ދައުރުވާ ހަކުރުގެ މިންވަރު މަދުވެގެން ދެއެވެ. މިއީ ހަކުރުބަލީގެ "ޓައިޕް 2" ހުންނަ ފަރާތްތަކަށް އެކަމުގައި ލުއިތަކެއް ލިބި އަދި އެކަމުން ފަސޭހަވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
ރޯދައަށް ހުރުމަކީ އެކަމުގައި ކެއިން ބުއިމުން، ގިނަ ވަގުތުތަކެއް މަހުރޫމުވެގެން ތިބޭ ކަމެއް ކަމުން، ރޯދަމަހު، ގިނަ މީހުންގެ ބަރުދަން ލުއިވެގެން ދެއެވެ. މިގޮތަށް ބަރުދަން ލުއިވެގެންދަނީ ހަށިގަނޑުގައި ހިނގާ މެޓަބޮލިކް ހަރަކާތްތައް ގިނަވުމުންނެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ހޯމޯނެއްގެ ހަރަކާތްތެރިކަން އިތުރުވެގެންދާއިރު، ހަކުރު ކިޔަމަންކުރާ އިންސުލިން ހޯމޯނުގެ ހަރަކާތްތެރިކަންވެސް އިތުރުވެގެން ދެއެވެ. މީގެ އިތުރުން، ރޯދައަށް ހުރުމުން ދިފާއީ ނިޒާމުގެ ހަތާތައް އައުވެގެން ދާއިރު، ދިފާއީ ނިޒާމުގައި ހަރުދަނާކަމެއް ތަރުތީބުވަމުން ދެއެވެ. ނަތީޖާއަކީ އެކިކަލަ އިންފެކްޝަންތަކުން ހަށިގަނޑު ދުރުކޮށްދިނުމަށް ހަށިގަނޑުގެ ހުދުލޭހަތާތަކުގެ ދައުރު ބޮޑުވެފާ ވަރުގަދަވެގެން ދިއުމެވެ. މިގޮތަށް އިންފްލެމޭޝަންގެ އަސަރު ކުޑަވެގެންދާ ދިއުމަކީވެސް ހަކުރު ކިޔަމަންކުރާ ހޯމޯން، އިންސުލިންގެ ހަރަކާތްތެެރިކަން އިތުރުވެގެންދާ ކަމެކެވެ. އިސްވެ ދެންނެވިފަދައިން އިންސުލިންގެ ހަރަކާތްތެރިކަން އިތުރުވުމަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނޭ ކަމެކެވެ.
ކޮންމެ ރޯދަމަހަކީ އަހަރެމެން ހަކުރުބައްޔާ ދުރަށް ޖައްސުވާ ރޯދަމަހެއް ކަމުގައި ލައްވާށިއެވެ. އަދި ހަކުރުބަލި ތަހައްމަލުކުރާ ފަރާތްތަކަށް، ރޯދައިގެ ސަބަބުން ލުއިކަމެއް ލިބި، އެބަލިން ފަސޭހަވުމުގެ ހެޔޮ ތައުފީގު މާތް ﷲ އަޅަމެންނަށް މިންވަރު ކުރައްވާ މަހެއް ކަމުގައި ލައްވާށިއެވެ.
