ޤައިދީންގެ ތެރެއިން ޕެރޯލް ފުރުސަތު ދެވޭ ޤައިދީންނަށް ވަޒީފާގެ ހުނަރު ދަސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އަދި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދަން އެއްބަސްވެވުނު “ފަހި ފުރުސަތު” ޕްރޮގްރާމް، އަމަލީ ގޮތުން ފަށައިފިއެވެ.
ޤައިދީން ރީހެބިލިޓޭޓްކޮށް، ޕެރޯލް ފުރުސަތުގެ ދަށުން ދޫކުރާ ފަރާތްތައް ކުށުގެ ވެށިން ދުރުހެލިވެ، އެ ފަރާތްތަކަށް ހުނަރުދަސްކޮށްދީ، އެ ހުނަރު ބޭނުންކޮށްގެން އާމްދަނީއެއް ލިބޭފަދަ ދިރިއުޅުމެއް މަގު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްގެންދަނީ ސްޓެލްކޯއިން އެ ފަރާތްތައް ތަމްރީންކޮށް، އިންޓަރންޝިޕްގެ ފުރުސަތު ހޯދާދޭގޮތަށެވެ.
މިޕްރޮގްރާމް ފެށުމަށް ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ ސްޓެލްކޯގެ އެމްޑީގެ އިސްނެންގެވުން ފާހަގަ ކުރައްވައި ވިދާޅުވީ ގިނަ ފަހަރަށް ޖަލުން ނިކުންނަ ފަރާތްތައް އަނބުރާ ކުށަށް އަރާގަތުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އިގްތިސާދީ ގޮތުން ކުރިމަތިލާންޖެހޭ ނިކަމެތިކަމާއި އިޖްތިމާއި ގޮތުން ކުރިމަތިލާންޖެހޭ ބަލިމަޑުކަން ހިމެނޭ ކަމަށެވެ. އަދި މި ފަށައިގަނެވުނު މަސައްކަތަކީ ޤައިދީން ރީހެބިލިޓޭޓްކޮށް މުޖްތަމައުއަށް އަހުލުވެރިކޮށް މަސައްކަތްތެރި ފަރުދުންގެ ގޮތުގައި ގައި ޖަލުން ނެރުމަށް ކުރަމުންދާ އަދި ރޭވިފައިވާ ގިނަ މަސައްކަތްތަކުގެ ތެރެއިން އެއް ޕްރޮޖެކްކަމަށެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މިފެށުނު މަސައްކަތުން ޖަލުގައި ތިބޭ ޤައިދީންތައް އަލުން އަނބުރާ މުޖްތަމައުއަށް ނެރެ، އެމީހުންނަކީ މުޖްތަމައުގައި ބަލައިގަންނަ އަދި މުޖްތަމައުއަށް ބޭނުން ހިފޭ ބައެއް ގޮތުގައި ހެދުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގަންނަ ދުވަހެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި އަމާޒަކީ ޖަލުތަކުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ އަލީގައި ޤައިދީންނަށް ދަސްކޮށްދެވޭ ހުނަރުތަކުގެ މައްޗަށް ބިނާކޮށް، އެމީހުން އަނބުރާ މުޖްތަމައުއަށް ނިކުންނަ އިރު އެ ހުނަރުތައް އަމަލީގޮތުގައި ބޭނުންކޮށް ވަށާޖައްސައި، އެ ޤައިދީއަށާއި ޢާއިލާގެ އިތުރުން މުޖްތަމައުއަށް އެކަމުގެ ފައިދާކުރުންކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ހަސަން މުޣްނީ ވިދާޅުވެފައިވަނީ މި ސޮއިކުރެވުނު ފަހުމްނާމާއަކީ ކުށްވެރިން މަދުކުރުމަށާއި އަނބުރާ މުޖްތަމައުމަށް ނެރުމަށް ހިންގާ ޕްރޮގްރާމްތަކަށް ސްޓެލްކޯއިން އިސްނަގައި، އެ ކުންފުނީގެ އިޖްތިމާއީ ހަރަކާތްތަކުގެ ތެރެއިން ފުރިހަމަކުރާ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ކުށެއް ކުރެވިފައިވާ މީހަކު އިސްލާހުކޮށް އަނބުރާ ފަޚުރުވެރި ދިވެހީންނަށްވުމަށް ހިންގާ މިފަދަ މަސައްކަތްތަކުގައި ސްޓެލްކޯއިން ބައިވެރިވެ، ކުންފުނީގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތުގައި އެ ޒުވާނުންގެ ޝާމިލުވުން ހިމެނިގެންދާނެ ކަމުގައިވެސް މުޣްނީ ވަނީ ވިދާޅުވެފައެވެ.
