ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އޭސީ މިލާންގެ އަލްޖީރީއާ މިޑްފީލްޑަރު، އިސްމާއިލް ބެންނަސާ ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން އަމިއްލަ ދަނޑުގައި 1-0 އިން ނަޕޯލީ ބަލިކޮށްފިއެވެ.

މިއީ މިދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި މިލާނުން ނަޕޯލީ ބަލިކުރި ދެވަނަ ފަހަރެވެ. އިޓާލިއަން ސެރިއޭގައި ކުޅުނު އެ މެޗުން ނަޕޯލީގެ ދަނޑުގައި މިލާން މޮޅުވީ 4-0 އިންނެވެ.

ނަޕޯލީ އިން މި މެޗަށް ނިކުތްއިރު އަނިޔާގެ ސަބަބުން އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، ވިކްޓަ އޮސީމެން ނުކުޅެއެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ވެސް އޮސީމެންގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާގެ ސަބަބުން ނުކުޅެވުނެވެ. މިލާނުން ރޭގެ މެޗަށް ނިކުތީ އަނިޔާގައި ހުރި ސްވިޑެންގެ ފޯވާޑް ޒްލަޓަން އިބްރާހިމޮވިޗް ނުލައެވެ. 

މިލާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ބެންނަސާ ކާމިޔާބުކުރީ އެ ޓީމުގެ ބްރާހިމް ޑިއާޒް ދިން ބޯޅައަކުންނެވެ. މިއީ ގޯލާއި 10 ޔާޑު ދުރުން ބެންނަސާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މިލާންގެ ލީޑް ފުޅާކޮށްދޭން އެ ޓީމުގެ ޑެންމާކް ޑިފެންޑަރު، ސިމޮން ކިއޭ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ.

ނަޕޯލީ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި މި މެޗުގެ ފުރަތަމަ މިނެޓުގައި އެ ޓީމުގެ ޖޯޖިއާ ވިންގް، ކްވިޗާ ކްވަރަޝްކޭލިއާ ފޮނުވާލި ބޯޅަ މިލާންގެ ކުޅުންތެރިން ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ. އޭގެފަހުން، އެ ޓީމުގެ އަންދްރެ-ފްރޭންކް ޒަމްބޯ އަންގީސާ އާއި ޕިއޮޓްރެ ޒިއެލިންސްކީ ފޮނުވާލި ހަމަލާތައް މިލާންގެ ކީޕަރު މައިކް މައިގްނޯން މަތަކުރިއެވެ.

މި މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް ނަޕޯލީގެ މިޑްފީލްޑަރު، އަންގީސާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން ފަހުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ނަޕޯލީ އަށް އެއްވަރުކޮށްދޭން ލިބުނު ފުރުޞަތުގައި ޖިއޮވާނީ ޑި ލޮރެންޒޯ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް މައިގްނޯން އެވެ. 

ދެވަނަ ލެގަށް ނިކުންނައިރު ނަޕޯލީ އަށް ދެން އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ ރޭގެ މެޗުގައި ދެއްކި ރީނދޫ ކާޑުގެ ސަބަބުން އެ ޓީމުގެ ޑިފެންސްލައިންގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ދެކުނު ކޮރެއާގެ ކިމް މިން ޖައެ ސަސްޕެންޑްވެފައިވުމެވެ. މީގެއިތުރުން، އެ ޓީމުގެ ފޯވާޑް އޮސީމެން އަނިޔާއިން އަދިވެސް ރަނގަޅުނުވުމަކީ ސެމީ އަށް ދިއުމަށް އޮތް ގޮންޖެހުމެކެވެ.