ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑުން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ޗެލްސީ ބަލިކޮށްފައެވެ.
ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މި މެޗުގެ 21 ވަނަ މިނެޓުގައި ރެއާލުން ލީޑްނެގީ ކަރީމް ބެންޒެމާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ރެއާލްގެ ބްރެޒިލް ވިންގް، ވިނީޝަސް ޖޫނިއާ ފޮނުވާލި ބޯޅައެއް ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލަގާ އަތުގައި ޖެހިފައި ލިބުމުން ގޯލް ކުރިމަތީގައި ހުހަށް ހުރެ ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ޗެމްޕިއަންސް ލީގުގައި ބެންޒެމާ ކާމިޔާބުކުރި 90 ވަނަ ގޯލެވެ.
ރެއާލުން ލީޑް ނެގުމުގެ ކުރީން ޗެލްސީ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް، ޔާއޯ ފެލިކްސް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ މަތަކުރިއެވެ. އަދި އޭގެފަހުން، ރެއާލްގެ ފުރަތަމަ ގޯލަށްފަހު ނަތީޖާ އެއްވަރުކޮށްދޭން ޗެލްސީގެ ވިންގް، ރަހީމް ސްޓާލިން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ކޯޓުއާ އެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ޗެލްސީގެ އިނގިރޭސި ފުލްބެކް، ބެން ޗިލްވެލް އަށް ސީދާ ރަތެއް ދެއްކުމުން ފަހުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މިއީ ރެއާލްފެ ޒުވާން ފޯވާޑް ރޮޑްރީގޯ ހުސްކޮށް އެރި ބޯޅައެއްގައި ކުރި ފައުލަކަށް ޗިލްވެލް އަށް ދެއްކި ރަތް ކާޑެކެވެ.
ޗެލްސީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ރެއާލްގެ ދެވަނަ ލަނޑުޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މާކޯ އަސެންސިއޯ އެވެ. މެޗުގެ 74 ވަނަ މިނެޓުގައި އަސެންސިއޯ މި ލަނޑުޖެހީ ވިނީޝަސް ދިން ބޯޅައަކުންނެވެ.
އޭގެފަހުން، ޗެލްސީ އަށް ފަރަގު ކުޑަކޮށްދޭން މޭސަން މައުންޓް ފޮނުވާލި ބޯޅަ ރެއާލްގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ ވަނީ ބްލޮކްކޮށްފައެވެ. ރޫޑިގާ އަކީ ޗެލްސީ ދޫކޮށް ހިލޭ ޓްރާންސްފާގައި މި ސީޒަނަށް ރެއާލާ ގުޅުނު ކުޅުންތެރިއެކެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ޗެލްސީ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް، ރެއާލަށް އަނެއް ބުރުގެ ޖާގަ ޔަގީން ނުވާ ކަމަށް ބުނެފައެވެ. އަދި، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޗެލްސީގެ މައްޗަށް މި މެޗުން ކުރިހޯދުނީ ވަރަށް ބުރަ މަސައްކަތުން ކަމަށް ވެސް އަންޗެލޮޓީ ފާހަގަކުރިއެވެ.
މި ދެ ޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގު އޮންނާނީ މި މަހުގެ 18 ވާ އަންގާރަ ދުވަހު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައެވެ.
