ބަނޑަށް ތަދުވެ ނުވަތަ މޭކޮޅަށް އުނދަގޫވެގެން ޑަކްޓަރަކަށް ހަމަ ދައްކާލާއިރަށް، ތެލާއި ކުޅިއާއި ކެއުން މަދުކުރަން އެބަ ބުނެއެވެ. ވައިގެ އުނދަގޫ ބޮޑުވާ ނަމަވެސް ތެލާއި ކުޅިއާއި ނުކާށޭ އެބަ ބުނެއެވެ. ތެލާއި ކުޅި ކެއުމުން، ވައިގެ އުނދަގޫ ބޮޑުވާން ޖެހޭ ސަބަބީ ކޮބާ ހެއްޔެވެ؟ ހަކުރު ނުވަތަ ލޮނު ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ކެއުމުން އެބުނާ ވައިގެ އުނދަގުލެއް އެބުނާހެން ބޮޑު ނުވަނީ ކީއްވެ ހެއްޔެވެ؟ ހަމައެކަނި ތެލާއި ކުޅިއޭ އެ ކިޔަނީ ކީއްވެ ހެއްޔެވެ؟
އާދޭހެވެ! އިންސާނާގެ ހަށިގަނޑުގެ ގުނަވަންތައް އުފެދިފައިވާ ގޮތުން، އިންސާނާ، ކާ ތަކެތި، ކާއެއްޗެހި ދަތުރުކުރާ ހޮޅިން ގޮސް މި އެޅެނީ މައިދާ ނަމަކަށް ކިޔާ ގުނަވަނަކަށެވެ. އާއްމުކޮށް އަހަރެމެން ބަނޑޭ މި ކިޔަނީ މި ގުނަވަނަށެވެ. ކާއެއްޗެހި ހަޖަމުކުރުމުގެ ދެވަނަ މަރުހަލާ ހިނގަނީ މި ގުނަވަނުގައެވެ. އަނގައަކީ މިކަމުގެ ފުރަތަމަ މަރުހަލާ ފަށާ ހިސާބެވެ.
މައިދާ އަކީ ކޮތަޅެއްހެން އޮންނަ ގުނަވަނެކެވެ. އެ ގުނަވަނެއްގެ ތެރޭގައި ހިސާބަކަށް ހަޖަމު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގުނަވަނެކެވެ. އަދި އެއީ ޤުދުރަތީ އެސިޑެއް އެކުލެވިގެންވާ ގުނަވަނެކެވެ. އެސިޑުގެ ދިޔަވަރެއް އެ ގުނަވަނުގައި އުފެދި ހަޖަމު ކުރުމުގައި އެހީތެރިވެދޭއިރު، މައިދާގެ ހަންފަށަލަތައް އުފެދިފައި ހުންނަނީ އެ އެސިޑުގެ ސަބަބުން އެއްވެސް ގެއްލުމެއް މައިދާގެ ފަށަލަތަލަށް ނުލިބޭނޭ ގޮތަކަށެވެ. ނަމަވެސް މި އެސިޑު އެހެން ގުނަވަނަކަށް ހިނގައްޖެނަމަ، އެ ގުނަވަނެއްގެ ހަމުގެ ފަށަލަތައް ފާރުވުމުގެ ފުރުސަތު އޮވެއެވެ.
ތެލާއި ކުޅި އެކުލެވޭ ކާނާ ކެއުމުން، މައިދާގެ ހަންފަށަލައަށް އުނދަގޫތަކެއް ކުރުވައެވެ. ނުވަތަ ހިރުވަން ފަށައެވެ. ނަތީޖާއަކަށްވަނީ މައިދާގެ މި ހަންފަށަލަތައް ހަމަޖައްސައިދިނުމަށް މައިދާގެ އެސިޑިޓީ އިތުރުކުރަން ފަށައެވެ. މިގޮތަށް އެސިޑިޓީ އިތުރުވަމުންދާއިރު، މައިދާގެ ތެރޭގައި ގިނަ އަދަދަކަށް ވައި އުފެދެން ފަށައެވެ. މި ސަބަބާއި ހުރެ، ތެލާއި ކުޅި ކެއުމުން ވައިގެ އުނދަގޫ އިތުރުވެދެއެވެ.
އަނެއްކަމަކީ ކުޅި އަދި ތެޔޮ އެކުލެވޭ ކާނާތަކަކީ ހަޖަމުކުރަން އުނދަގޫ ކުރުވާ ކާނާ ތަކެކެވެ. މާނައަކީ އެފަދަ ކާނާ ހަޖަމުކުރުމުގައި އުނދަގޫތަކެއް ހުރެއެވެ. އެހެންކަމުން އެ އުނދަގޫ ލުއިކޮށްދިނުމަށް، އަނެއްކާވެސް މައިދާގެ އެސިޑިޓީ އިތުރުކޮށްދެއެވެ. އެހެންކަމުން އަނެއްކާވެސް މިކަމުގެ ސަބަބުން މައިދާގެ ތެރޭގައި ހުންނަ ވައިގެ މިންވަރު އިތުރުވެއެވެ.
ކަންމިހެން ހުރުމާއި އެކު، ޖުމުލަގޮތެއްގައި ތެލާއި ކުޅި ކެއުމުން ވައިގެ އުނދަގޫ ބޮޑުވާނެއެވެ. މިހެން މީގެ އުނދަގޫ ބޮޑުވާއިރު ބައެއް މީހުންނަށް މިކަމުގެ އުނދަގޫ އެހާބޮޑަށް އިހުސާސްކުރަން ނުޖެހި ހިނގައިދާނެއެވެ. އެއީ އެބައިމީހުންގެ ހަޖަމުގެ ނިޒާމު އުފެދިފައިވާގޮތުން، ފަސޭހަކަމާއި އެކު ވައި ބޭރުވާތީއެވެ. ވައި ބޭރުވުމުގައި އުނދަގޫތަކެއް ހުންނަނަމަ، ވައިގެ އުނދަގޫ އިންތިހާއަށް އިތުރުވެދެއެވެ.
މިކަމުގައި އޮތް އެއްމެ ފަސޭހަ ހައްލަކީ، ތެލާއި ކުޅި ކެއުން މަދުކުރުމެވެ. އަދި ކައި ހަމަ ނިމުމާއި އެކު އޮށޯވެ ނުހެދުމެވެ. ކުޑަކޮށް ހަރަކާތްތެރިވު އެއީ ވައިގެ އުނދަގޫ ކުޑަކޮށްދޭނޭ ކަމެކެވެ.
