ދާދި ފަހުން ރާމް ޕޮތިނޭނީއާ އެކު ފިލްމު "ދަ ވޮރިއާ" އަށް މަސައްކަތް ކުރި ތަމަޅަ ޑައިރެކްޓަރު އެން ލިންގުސާމީ އަށް ޖަލު ހުކުމް އިއްވާފައިވުން ވެގެން ގޮސްފައިވަނީ އިންޑިއާގެ ނޫސްތަކުގެ ބޮޑު ސުރުޚީއަށެވެ. ޗެކް އޮޅުވާލުމުގެ މައްސަލައިގައި ޑިރެކްޓަރުގެ މައްޗަށް 6 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ލިންގުސާމީ މިވަނީ ސޯޝަލް މީޑިއާ އަށް މިކަމާއި ގުޅިގެން ބަޔާނެއް ނެރެފައެވެ. 

2020 ވަނަ އަހަރު ޕީވީޕީ ކެޕިޓަލްސް އިން ވަނީ ލިންގުސާމީ އާއި އޭނާގެ ބޭބެ ސުބާޝް ޗަންދްރާ ބޯސްއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި، 1.03 ކްރޯޑް ރުޕީސްގެ ޗެކް ބައުންސް މައްސަލައަކާ ގުޅިގެންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ދެ މީހުން 2014 ވަނަ އަހަރު ފައިނޭންޝަލް ކުންފުނި ޕީވީޕީ ކެޕިޓަލް ލިމިޓެޑުން ފައިސާ ދަރަންޏަށް ނެގި ނަމަވެސް އެ އަދަދު އަނބުރާ ދޭން އުޅުމުން އެމީހުންގެ ޗެކް ބައުންސްވެފައިވާކަމަށެވެ. އެ ދެބެންނަކީ ޕްރޮޑަކްޝަން ހައުސް ކަމަށްވާ ތިރުޕަތީ ބްރަދާސްގެ ވެރިފަރާތެވެ.

މިހާރު އެތައް އަހަރެއް ފަހުން މެޑްރާސް ހައިކޯޓުން ވަނީ ޑިރެކްޓަރ ލިންގުސާމީގެ މައްޗަށް އިއްވި 6 މަސްދުވަހުގެ ޖަލު ހުކުމް ބާތިލް ނުކުރާން ނިންމާފައެވެ. މިކަމާއި ގުޅިގެން ޑިރެކްޓަރު ވަނީ ޓްވިޓާއަށް ގޮސް ޗެކް ފްރޯޑް މައްސަލައިގައި ހައްޔަރު ކުރި ޚަބަރަށް ރިއެކްޓްކޮށްފަ އެވެ. އަދި އިތުރު އިސްތިއުނާފަށް ދާނީ ކަމަށް އޭނާ ހާމަކުރެއްވި އެވެ. ތަމަޅަ ބަހުން ލިޔެފައިވާ އޭނާގެ ބަޔާނުގައި ލިޔެފައިވަނީ "މި މައްސަލައަކީ ޕީވީޕީ ކެޕިޓަލްތަކާއި އަޅުގަނޑުމެންގެ ޕްރޮޑަކްޝަން ހައުސް ތިރުޕަތީ ބްރަދާސް ފިލްމީ މީޑިއާ ޕްރައިވެޓް ލިމިޓެޑާ ދެމެދު އޮތް މައްސަލައެއް. އެމީހުން ހުށަހެޅި ޕެޓިޝަންގެ މައްޗަށް އިއްޒަތްތެރި ކޯޓުން މިއަދު ހުކުމް ކުރި. މި އަމުރު އިސްތިއުނާފުކޮށް ގާނޫނީ ގޮތުން މައްސަލައާ ކުރިމަތިލާނަން." ކަމަށެވެ. 

ލިންގުސާމީ އާންމުންގެ ތެރެއަށް ފުރަތަމަ ފެނިގެންދިޔައީ މަމޫޓީ ލީޑް ރޯލުން ފެނިގެންދިޔަ ތަމަޅަ ފެމިލީ ޑްރާމާ "އަނަންދަމް"ގެ ޑައިރެކްޓަރުގެ ގޮތުގައެވެ. އޭނާގެ ދެވަނަ ފިލްމަކީ "ރަން ވިތު މަދަވަން" އެވެ. މި ފިލްމަކީ ވެސް ވިޔަފާރީގެ ގޮތުން ކާމިޔާބު ފިލްމަކަށް ވާއިރު ރަނގަޅު ރިވިއުތަކެއް ވެސް ލިބުނެވެ. އޭނާގެ ދެން އޮތް ޕްރޮޖެކްޓަކީ ތަމަޅަ ސިނަމާގައި އެންމެ ބޮޑު ހިޓް ފިލްމަކަށް ވެގެން ދިޔަ "ސަންޑަކޯޒީ" އެވެ. "ޕައިޔާ" އަދި "ވެއްޓައި" ފަދަ ބްލޮކްބަސްޓާ ފިލްމުތައް ވެސް އޭނާ ވަނީ ޑައިރެކްޓްކޮށްފައެވެ. 

ޑައިރެކްޓަރެއްގެ ގޮތުގައި އޭނާގެ އެންމެ ފަހުން ރިލީޒްކުރީ ދެ ބަހަކުން ނެރުނު ފިލްމު "ދަ ވޮރިއާ" ގައި މަސައްކަތްކުރީ ތެލުގޫ އެކްޓަރު ރާމް ޕޮތިނޭނީ އެވެ. އެ ފިލްމަކީ ވިޔަފާރީގެ ގޮތުންނާއި ކްރިޓިކަލް ގޮތުން ވެސް ނާކާމިޔާބު ފިލްމެކެވެ. 70 ކްރޯޑް ރުޕީސްގެ ބަޖެޓަކަށް ހެދި މި ފިލްމަށް ބޮކްސް އޮފީހުގައި ލިބިގެންދިޔައީ ގާތްގަނޑަކަށް 36.90 ކްރޯޑް ރުޕީސް އެވެ. މި ފިލްމުގައި އަންހެން ލީޑް ރޯލުން ފެނިގެންދިޔައީ ކްރިތީ ޝެޓީ އެވެ.