މިހާރު ކުރިއަށްދާ ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ދެ ލަނޑުގެ ލީޑެއްނަގާފައިވަނިކޮށް، ސެވިއްޔާ އިން ފަހަތުން އަރައި 2-2 އިން އެއްވަރުކޮށްފިއެވެ.

އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މި މެޗުގެ 14 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑްނެގީ ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން މާސެލް ސަބިޓްޒާ އެވެ. އަދި އޭގެ ހަތް މިނެޓުފަހުން، ސަބިޓްޒާ ވަނީ އިތުރު ގޯލެއްޖަހައި، ޔުނައިޓެޑަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އެންތަނީ މާޝިއަލް އެވެ. ޔުނައިޓެޑްގެ ލީޑް ފުޅާކޮށްދޭން ބްރެޒިލް ވިންގް، އެންތަނީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ފަހު ހާފުގެ އެންމެ ފަހު 10 މިނެޓުގެ ތެރޭގައި އެ ޓީމުގެ ނެދަލެންޑްސް ފުލްބެކް، ޓައިރެލް މަލާޝިއާ ފޮނުވާލި ހަމަލާ ސެވިއްޔާގެ ކުޅުންތެރިން ވަނީ ބްލޮކްކޮށްފައެވެ.

މި މެޗުގައި ސެވިއްޔާ އިން ޖެހި ފުރަތަމަ ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު މަލާޝިއާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ސެވިއްޔާގެ ޖެސޫސް ނަވާސް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ މަލާޝިއާގެ ގައިގަ ޖެހިފައެވެ. އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި ސެވިއްޔާގެ ފޯވާޑް ޔޫސުފް އެން-ނެސީރީ ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާގެ ގައިގަ ޖެހިފައެވެ. މެގުއާ ކުޅެން ނިކުތީ ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑްގެ އިތުބާރު ޑިފެންޑަރު ރަފައެލް ވަރާން އަށް އަނިޔާވުމުން އޭނާގެ ބަދަލުގައެވެ.

ރޭގެ މެޗުގެ ފަހުބައިގައި ޔުނައިޓެޑްގެ އާޖެންޓީނާ ޑިފެންޑަރު ލިސަންދްރޯ މާޓިނޭޒަށް ވެސް ވަނީ އަނިޔާވެފައެވެ. މާޓިނޭޒްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ދަނޑުން ފޭބީ ސެވިއްޔާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ދެ ކުޅުންތެރިން ކަމަށްވާ ގޮންޒާލޯ މޮންޓިއެލް އާއި މާކޯސް އަކޫނިއާގެ އެހީތެރިކަމާއެކު އެވެ. މީގެއިތުރުން، ރޭގެ މެޗުގައި ދެއްކި ރީނދޫ ކާޑާއެކު ޔުނައިޓެޑްގެ ޕޯޒުގީޒް މިޑްފީލްޑަރު ފެނާންޑޭސް އަށް ދެވަނަ ލެގުގައި ނުކުޅެވޭނެ އެވެ. އެއީ މި މުބާރާތުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ދެ ކާޑު ހަމަވުމުންނެވެ. އަނެއްކޮޅުން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް އަނިޔާގެ ސަބަބުން ނުކުޅެއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ނެދަލެންޑްސްގެ ފެޔުނޫޑުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އޭއެސް ރޯމާ ބަލިކޮށްފައެވެ. ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ބަލިކުރީ ވެސް ހަމަ މިނަތީޖާއިންނެވެ. ޖަރުމަނުގެ ބަޔާ ލެވަކޫސަން ވަނީ 1-1 އިން ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޮއިސްއާ އެއްވަރުވެފައެވެ.