ރެލިގޭޝަން ޒޯންގައި އޮތް ލެސްޓާ ސިޓީ ބަލިކޮށް މެންޗެސްޓާ ސިޓީން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައި، ތާވަލްގެ ކުރީގައި އުޅޭ އާސެނަލްއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. މި މެޗުން ސިޓީ މޮޅުވީ 3-1 އިންނެވެ.

މިއީ ސިޓީގެ ދަނޑުގައި އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ހޯދި 150 ވަނަ މޮޅެވެ. އަމިއްލަ ދަނޑުގައި ސިޓީ އަށް އޭނާ ހޯދައިދިން ފުރަތަމަ މޮޅަކީ ލީގުގައި 13 އޯގަސްޓް 2016 ގައި ސަންޑަލޭންޑް އަތުން 2-1 އިން މޮޅުވި މެޗެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ 30 މެޗުން ލިބުނު 70 ޕޮއިންޓާއެކު ދެވަނައިގައެވެ. އެންމެ ކުރީގައި އުޅޭ އާސެނަލަށް 30 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ. ތިންވަނައިގައި އުޅޭ ނިއުކާސަލް ޔުނައިޓެޑަށް 30 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑް ހަތަރެއްގައި އޮތީ 29 މެޗުން މިއަދަދަށް ޕޮއިންޓް ހޯދައިގެން ފައިދާ ގޯލްގެ ތަފާތުންނެވެ.

އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ 13 މިނެޓުގެ ތެރޭގައި ސިޓީން ވަނީ ދެ ލަނޑުގެ ލީޑެއްނަގައިފައެވެ. މި މެޗު ފެށިގެން 5 ވަނަ މިނެޓުގައި ސިޓީގެ ފުރަތަމަ ލަނޑުޖަހައިދިނީ ޖޯން ސްޓޯންސް އެވެ. އޭގެފަހުން، 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު ބްރައިޓަންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު

މެޗުގެ 25 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑުޖެހީ ވެސް ހާލަންޑް އެވެ. މިއީ ލީގުގައި އޭނާ ޖެހި 32 ވަނަ ގޯލެވެ. މިއާއެކު، 38 މެޗުގެ ލީގު ސީޒަނެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ލިވަޕޫލްގެ ވިންގް، މުހައްމަދު ސަލާހުގެ ރެކޯޑާ ވަނީ އެއްވަރުކޮށްފައެވެ. އަދި މިއީ މިފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު 40 މެޗުގައި ހާލަންޑް ޖެހި 47 ވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ސިޓީގެ ލީޑް އިތުރަށް ފުޅާކޮށްދޭން އެ ޓީމުގެ އަލްޖީރިއާ ވިންގް، ރިޔާދް މާރޭޒް ފޮނުވާލި ބޯޅަ ލެސްޓާގެ ކީޕަރު ޑެނިއަލް އިވާސަން މަތަކުރިއެވެ. މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ލެސްޓާ އަށް ސުން ކަނޑުވާލައިދިނީ ކުރީން ސިޓީ އަށް ކުޅުނު ނައިޖީރިއާގެ ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ. އޭގެފަހުން، އިހެނާޗޯ ފޮނުވާލި ބޯޅައެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ.

ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން 3-0 އިން އެސްޓަން ވިލާ މޮޅުވިއިރު، އެ ޓީމުގެ އިނގިރޭސި ފޯވާޑް އޮލީ ވަޓްކިންސް ދެ ގޯލް ކާމިޔާބުކުރިއެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ ޖޭކޮބް ރަމްސީ އެވެ.

ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑުގައި 2-3 އިން ބޯންމައުތު އަތުން އެ ޓީމު ބަލިވިއިރު، ރަށުން ބޭރުގައި ޗެލްސީ އަތުން ބްރައިޓަން މޮޅުވީ 2-1 އިންނެވެ. ބްރެންޓްފޯޑް އަތުން އަމިއްލަ ދަނޑުގައި 2-0 އިން ވުލްވްސް މޮޅުވިއިރު، އެވަޓަންގެ ދަނޑުގައި ފުލަމް މޮޅުވީ 3-1 އިންނެވެ. އައު ކޯޗު ރޯއީ ހޮޖްސަންގެ އިރުޝާދުގެ ދަށުން ކްރިސްޓަލް ޕެލަސް އިން ވަނީ ރަށުން ބޭރުގައި 2-0 އިން ސައުތެމްޓަން ބަލިކޮށްފައެވެ.