ފްރެންޗް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލެންސް އަތުން 3-1 އިން ޕީއެސްޖީ މޮޅުވިއިރު، މި މެޗުގައި ލަނޑުޖެހި އެ ޓީމުގެ ތަރި ކިލިއަން އެމްބާޕޭ ރެކޯޑެއް ޤާއިމްކޮށްފިއެވެ.

މި މެޗުގައި ޖެހި ގޯލާއެކު އެމްބާޕޭ ވަނީ ލީގުގައި ޕީއެސްޖީ އަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިގެން އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ހަދާފައި އޮތް ރެކޯޑް މުގުރާލައިފައެވެ. ކުރިން މި ރެކޯޑް އޮތް ކަވާނީ ވަނީ ލީގުގައި އެ ޓީމަށް ކުޅެދިން 200 މެޗުން 138 ލަނޑުޖަހައިފައެވެ. އެމްބާޕޭ، 24، ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 169 މެޗުގައި 139 ލަނޑުޖަހައިދީފައެވެ. 

މި ނަތީޖާއާއެކު ޕީއެސްޖީން ވަނީ މިހާތަނަށް ކުޅުނު 31 މެޗުން ލިބުނު 72 ޕޮއިންޓާއެކު ތާވަލްގެ ކުރީގައި ނުވަ ޕޮއިންޓްގެ ލީޑެއްނަގައިފައެވެ. ލެންސް ދެވަނައިގައި އޮތީ 63 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް އޮލިމްޕިކް މާސޭ އަށް 30 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ހަތަރެއްގައި އޮތީ މޮނާކޯ އެވެ.

ޕީއެސްޖީގެ ދަނޑުގައި ލީގުގެ އެންމެ ކުރީގައި އުޅޭ މި ދެ ޓީމު ބައްދަލުކުރީ މުހިއްމު މެޗުގެ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ލެންސްގެ މިޑްފީލްޑަރު ސަލީސް އަބްދުލް ސަމީދަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށްނެވެ. އަބްދުލް ސަމީދަށް ރަތެއް ދެއްކީ ޕީއެސްޖީގެ ފުލްބެކް އަޝްރަފް ހަކީމީ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

ޕީއެސްޖީން ލީޑްނެގީ 31 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ. މި ލަނޑުޖަހަން އެހީތެރިވެދިން ޕޯޗުގަލްގެ މިޑްފީލްޑަރު، ވިޓީނިއާ ވަނީ އޭގެ ހަ މިނެޓުފަހުން ޕީއެސްޖީގެ ދެވަނަ ލަނޑުޖަހައިދީފައެވެ. މިއީ ހާފުގެ މެދާ ހިސާބުން ވިޓީނިއާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ޕީއެސްޖީ އަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. މެޗުގެ 40 ވަނަ މިނެޓުގައި މެސީ މި ލަނޑުޖެހީ އެމްބާޕޭ ދިން ބެކްހީލް ޕާހަކުންނެވެ. މިއީ ލީގުގައި މެސީ ޖެހި 15 ވަނަ ގޯލެވެ.

މި މެޗުގައި ލެންސް އިން ޖެހި ހަމައެކަނި ލަނޑު، 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޕްރްޒެމިސްލާވް ފްރެންކޯވްސްކީ އެވެ. މިއީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ފްރެންކޯވްސްކީ ކާމިޔާބުކުރި ގޯލެކެވެ.