ވިއްސާރަ މޫސުންތަކާ ދިމާކޮށް އަރިދަފުސް ރޯގާ ގިނަވާކަން އަހަރެމެން އެންމެން ގަބޫލު ކުރެއެވެ. އަދި އެދުވަސްވަރު އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިދާރާތަކުން ނަސޭހަތްތެރި ވެއެވެ. ކަންމިހެން ހުރުމާއި އެކު، ފިނި މޫސުމުގައި ނުވަތަ ވިއްސާރަކުރާ މޫސުމުގައި ފަސޭހައިން އަރިދަފުސްރޯގާ ޖެހެނީ ކީއްވެތޯ ބަލާލުން، އެއީ އޭގައި ގެއްލުމެއް ހުރި ކަމެއް ނޫނެވެ! އެހެންކަމުން މި ލިޔުމުގައި މި ބަލާލަނީ ވިއްސާރަ މޫސުމުގައި އަރިދަފުސް ރޯގާ އިތުރުވެދާ ބައެއް ސަބަބުތަކަށެވެ.

އަރިދަފުސް ރޯގާ އަކީ އާއްމުކޮށް ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ބައެއްފަހަރަށް ބައެއްކަހަލަ ރޯގާތައް ޖަރާސީމެސްގެ ސަބަބުންވެސް ޖެހެއެވެ. އަރިދަފުސް ރޯގާ ޖައްސުވާ ވައިރަސްތަކާއި ޖަރާސީމުތަކަކީ ފިނި މާހައުލުތަކުގައި "ހިތްހަމަޖެހިގެން" ދިރިއުޅޭ އެއްޗެއްސެވެ. ވިއްސާރަމޫސުމަކީ އޭގެ ޠަބީއަތުގައިވެސް ފިނި މޫސުމެކެވެ. އެހެންކަމުން އެއްކަލަ ޖަރާސީމުތަކާއި ވައިރަސްތަކަށް ވިއްސާރަ މޫސުން ވެފައި ވަނީ، އެސޮރުމެންނަށް އަންނަ އީދަކަށެވެ. އެދުވަސްވަރު، އެސޮރުމެންގެ ދަރިފަސްކޮޅު އިންތިހާއަށް ގިނަވެ އާލާވެގެން ދެއެވެ. ވުމާއެކު، މާހައުލުގައި އެކުލެވޭ ވައިރަސްތަކާއި ޖަރާސީމުތަކުގެ އަދަދު އިތުރުވެދެއެވެ. ނަތީޖާއަކަށްވަނީ ފަސޭހަކަމާއެކު އިންސާނާގެ ހަށިގަނޑުގެ ތެރެއަށް އެ ޖަރާސީމުތަކާއި ވައިރަސްތަކުގެ އަސަރު ފޯރުމެވެ.

ވިއްސާރަ މޫސުމުގައި އަރިދަފުސް ރޯގާ އިތުރުވެދާ އަނެއް ސަބަބަކީ އިންސާނާގެ ދިފާއީ ނިޒާމަށް އަންނަ ބަލިކަށިކަމެކެވެ. އެހެނީ ޖުމްލަކޮށް ގިނަ މީހުންނީ ފިނީގެ ސަބަބުން އެމީހުންގެ ހަޑިގަނޑު ބަލިކަށިވެދާ މީހުންނެވެ. ބައެއް މީހުންނީ ފިނީގެ ސަބަބުން އެމީހުންގެ ހަށިގަނޑުގެ އެކި ގުނަންތަކުގައި ރިހި، އައްސިވާ މީހުންނެވެ. އަނެއްބައި މީހުންނަކީ އެމީހުންގެ ދިފާއީ ނިޒާމު ބަލިކަށިވާ މީހުންނެވެ. ފިނީގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވާ މީހުންނަށް ފިނި މޫސުމުގައި ނުވަތަ ވިއްސާރަ މޫސުމުގައި އަރިދަފުސް ރޯގާ ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ފިނީގެ ސަބަބުން ގިނައިން ފެން ނުބޮވޭ ނުބޮވުމަކީވެސް އިންސާނާގެ ދިފާއީ ނިޒާމު، ފިނި މޫސުމުގައި ނުވަތަ ވިއްސާރަ މޫސުމުގައި ބަލިކަށިވެދާ ސަބަބެކެވެ.

އިންސާނުންނަކީ ތަނަވަސް މާހައުލުތަކުގައި އުޅުމުގެ ފުރުސަތު އޮންނަ، އަދި އުޅެން ޝައުގުވެރިވާ ބައެކެވެ. ގިނަ ބަޔަކު އެއްތަނެއްގައި، (ގެއެއްގެ ތެރޭގައި) ބަންދުވެފައި ތިބުން އެއީ އިންސާނުން ލޯބި ކުރާ އަދި އިންސާނުންނަށް ރައްކާތެރި ގޮތެއްވެސް ނޫނެވެ. ނަމަވެސް ފިނި މޫސުމުގައި ނުވަތަ ވިއްސާރަ މޫސުމުގައި ގިނަ ބަޔަކު މިގޮތަށް ބަންދުވެފައި ތިބުމުގެ ސަބަބުން އެކެއް އަނެކެއްގެ ކިބައިން ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. އަދި ފިނީގެ ސަބަބުން އެފަދަ މާހައުލުތަކުގައި ވައިރަސްތަކާއި ޖަރާސީމުތައް އަށަގަނެ އާލާވުންވެސް އިތުރުވެދެއެވެ.

މިއީ ހައްތަހާވެސް ފިނިމޫސުމުގައި އަރިދަފުސް ރޯގާ އިތުރުވެދާ ސަބަބުތަކެވެ. ކަންމިހެންހުރުމާއި އެކު ވިއްސާރަ މޫސުންތަކާއި ދުވަސްވަރު، ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި އެކު، ރައްކާތެރިކަން އިސްކުރަންވާނެއެވެ. ފަރުވާތެރިވެ ސަމާލުކަން އިތުރުކުރަންވާނެއެވެ.