މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅުނު މެޗުގެ ފަހު ހާފުގައި ފަހަތުންއަރައި ޖެހި ހަތަރު ލަނޑާއެކު ކްލަބް އީގަލްސް އިން ސަސް ބަލިކޮށް އެ މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ. މި މެޗުން އީގަލްސް މޮޅުވީ 4-2 އިންނެވެ.

މި މުބާރާތުގައި ސަސް ކުޅުނު ފުރަތަމަ މެޗުގައި 5-0 ގެ ނަތީޖާއަކުން ކްލަބް ވެލެންސިއާ ބަލިކުރިއިރު، މި ގްރޫޕްގައި ދެން ބާކީ އޮތީ މި މަހުގެ 24 ވާ ހޯމަ ދުވަހު އީގަލްސްއާ ވެލެންސިއާ ބައްދަލުކުރާ މެޗެވެ. ގްރޫޕް އެކެއްގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ސަސް އާއި އީގަލްސް އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ވެލެންސިއާ އަށް ޕޮއިންޓެއްނުލިބެއެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން 11 ވަނަ މިނެޓުގައި ސަސް އިން ލީޑްނެގީ އެ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ގޯލުންނެވެ. މިއީ އަރިމަތިން އެ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ އައިހަމް އަހުމަދު (އައިހު) ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ދަގަނޑޭ ޖެހި ގޯލެކެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ދަގަނޑޭ ޖެހި ތިންވަނަ ލަނޑެވެ.

މި މެޗުގައި ސަސް އިން ޖެހި ދެވަނަ ލަނޑު، 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އައިހު އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ސަސްގެ ކެޕްޓަން ދަގަނޑޭ އަށް އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ފައުލްގައި ލިބުނު އަނިޔާއާ ގުޅިގެން ދަގަނޑޭ ވަނީ ބަދަލުކޮށްފައެވެ. ދަގަނޑޭގެ ބަދަލުގައި ކުޅެން ނިކުތީ އަލީ ނަސޫހު ރަޝީދު (ޕިލާ) އެވެ. މި ހާފު ނިމުނީ 2-0 އިން ސަސް ކުރީގަ އޮވެގެންނެވެ.

ސަސްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އީގަލްސްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: އަބްދުﷲ ޔަޝާއު / ތީރު މީޑިއާ

ދެވަނަ ހާފުގެ ކުރީކޮޅު ސަސްގެ ލީޑް ފުޅާކޮށްދޭން މުހައްމަދު ޝަހާއު (ބޭލް) އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ޝަފީއު ވަނީ މަތަކޮށްފައެވެ.

މެޗުގެ 67 ވަނަ މިނެޓުގައި އިވާން ކާލޯސް ވަނީ އީގަލްސް އަށް ފަރަގު ކުޑަކޮށްދީފައެވެ. އޭނާ މި ލަނޑުޖެހީ ފަހު ހާފުގައި ކުޅެން ނިކުތް އަހުމަދު ރިޒުވާން (ރިޒޭ) ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެފަހުން، މެޗުގެ 70 އާއި 71 ވަނަ މިނެޓުގައި ފުލުފުލުގައި ރިޒޭ އަށް ވަނީ އީގަލްސް އަށް ލަނޑެއްޖަހައިދޭން ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ފުރަތަމަ ހިލޭޖެހުމަކުން ރިޒޭ ފޮނުވާލި ބޯޅަ ސަސްގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ މަތަކުރިއިރު، ފަހުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީދަނޑިއަށެވެ.

އޭގެ މިނެޓެއްފަހުން އީގަލްސް އިން ނަތީޖާ ހަމަހަމަކުރީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިން އިވާން އާއި ފަހު ހާފުގައި ކުޅެން ނިކުތް އިބްރާހިމް މުބީން އަހުމަދު ރަޝީދު (މުއްކި) ގުޅިގެން ތަނަވަސްކުރި ފުރުޞަތަކުންނެވެ. އަދި އޭގެފަހުން، މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް އީގަލްސް އިން ފުރަތަމަ ފަހަރަށް ލީޑްނެގީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިމްރާން ނަޝީދު (އިންމަ) ކާމިޔާބުކުރި ގޯލުންނެވެ.

މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ސަސް އަށް އެއްވަރުކޮށްދޭން ނަސޫހު (ޕިލާ) އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕިލާ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ޝަފީއު އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ. އީގަލްސް އިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރިޒޭ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ރިޒޭ އަށް ސަސްގެ ކީޕަރު މީސަމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ފައުލްއާ ގުޅިގެން މީސަމް އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއާއެކު، ސަސްގެ ގޯލް ބަލަހައްޓަން އެރީ އެ ޓީމުގެ މެދުތެރޭގައި ކުޅުނު އަހުމަދު ހަމީދު (އައްމަޑޭ) އެވެ.

ސަސްގެ ކީޕަރު ޔޫސުފް މީސަމް (ވެއްޓިފައި) ކައިރިން އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: އަބްދުﷲ ޔަޝާއު / ތީރު މީޑިއާ

މެޗަށްފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ ފުރަތަމަ ހާފުގައި ނަތީޖާ އެގޮތަށް ނިކުތީ މާ ބޮޑަށް ފަސޭހަކޮށްލެވުމުން ކަމަށެވެ. އެހެންކަމުން ދެވަނަ ހާފުގައި ކުޅުން ރަނގަޅުކުރުން ނޫން ގޮތެއް ނެތްކަން އެނގި، ނަތީޖާ ބަދަލުކޮށްލީ ހުރިހާ ކުޅުންތެރިންގެ އެންމެ ބެސްޓް ދީގެން ކަމަށް ވެސް ސާންތި ފާހަގަކުރިއެވެ. ސާންތި އިތުރަށް ބުނީ، މި މޮޅުގައި އެ ޓީމުގައި ތިބި ބޮޑު ކުޅުންތެރިން ކަމަށްވާ އިންމަ އާއި މުއްކި އަދި ރިޒޭގެ އިންފްލުއެންސް ބޮޑު ކަމަށެވެ. 

"އެ ކުޅުންތެރިން ދަނޑުމަތީގައި ދައްކުވައިދިނީ އީގަލްސް އަށް ކޮންމެ ގޮތެއް ވާން ދަނޑުމަތީގައި ބަލަހައްޓައިގެން ނުތިބޭނެކަން،" ސާންތި ބުންޏެވެ.

ސަސްގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނީ މި މެޗަށް ނިކުތްއިރު ވެސް ފަހު ހާފުގައި އެގޮތަށް ކަންތައް މެދުވެރިވެދާނެ ކަމަށް ގަބޫލުކުރިކަމަށެވެ. އެކަމަކު، މުޅި މެޗުގައި ވެސް އޭނާގެ ޓީމުގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފެނިގެންދިޔަ ކަމަށާއި، ނަތީޖާ މިގޮތަށް ނިކުންނަން މެދުވެރީ ކުޅުންތެރިން މާބޮޑަށް ވަރުބަލިވެ، ކޮންސެންޓްރޭޝަން ގެއްލުމުން ކަމަށެވެ.

ނިންމާލަމުން އިންމަ ވަނީ ދަގަނޑޭގެ އިންޖަރީއާ ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. އިންމަ ބުނީ، ދަގަނޑޭގެ ކަކުލަށް އަނިޔާވެފައިވާ ކަމަށާއި، އެކަމަކު އަނިޔާގެ ސީރިއަސްކަން އެނގޭނީ ޓީމުގެ ޑޮކްޓަރުގެ ފީޑްބެކެއް ލިބުމުން ކަމަށެވެ.