ނޭފަތުން ލޭ އަތުވެދާނޭ ސަބަބުތައް ވަރަށްވެސް ގިނައެވެ. ނޭފަތަކީ ވަރަށް ނާޒުކު ގުނަވަނަކަށް ވީއިރު، ނޭފަތުން ލޭ އަންނަ އައުމަކީ އަހަރެމެން އެކަމަކާ ވަރަށް ކަންބޮޑުވާ ކަމެކެވެ. ނޭފަތުން އަންނަ ލެއަކީ ފުއްޕާމެއިން އަންނަ ލެޔެެއްނަމަ، އެ ލޭ އަނގައިންވެސް އަތުވެދާނެއެވެ. އަދި އެ ލޭގެ ކުލަ ގަދަވެފައި ކަޅުވާނެއެވެ. ނަމަވެސް ނޭފަތަށް ލިބޭ ގެއްލުމެއްގެ ސަބަބުން އަންނަ ލޭ ގިނަފަހަރަށް އަންނާނީ ހަމަ ނޭފަތުން އެކަންޏެވެ. އަދި އެ ލޭގައި ހުންނަ ރަތްކުލައިގެ ކަޅުކަން، ފުއްޕާމެއިން އަންނަ ލެޔަށްވުރެ މަޑުވާނެއެވެ. މި ލިޔުމުގައި މި ބަލާލަނީ ނޭފަތުން ލޭ އައުމަށް މެދުވެރިވެދާނެ، ނޭފަތަށް ލިބިދޭ ބައެއް ގެއްލުން ތަކަށެވެ.

އިންސާނާ ނޭވާލާ ވައިގެ ތެތްކަން ކުޑަވުމުން، އިންސާނާގެ ނޭފަތުގެ އެތެރޭގެ ފަށަލަތަކުގެ ތެތްކަންވެސް ކުޑަވެއެވެ. މިގޮތަށް ނޭފަތުގެ އެތެރެ ފަށަލަތަކުގެ ތެތްކަން ކުޑަވުމުގެ ސަބަބުން އެ ފަށަލަތައް ހިކި، ކުރަކިވެއެވެ. އަދި އެ ފަށަލަތައް ފަޅަފަޅައިގެން ގޮސް، އެ ތަންތަނުން ލޭ އާދެއެވެ.

ނޭފަތުގެ އެތެރޭގެ ފަށަލަތައް ހިކުމަކާއި ނުލާ، ނޭފަތުން ބާރަށް ނޭވާ ބޭރުކުރުމުން ނުވަތަ ނޭފަތް ފޮޅުމުން، ނޭފަތުގެ ތެރޭގެ ލުރެސަރު ބާރުވެ، ނޭފަތުގެ އެތެރޭގެ ފަށަލަތަކަށް އަނިޔާވެ، ލޭއައުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި ނޭފަތުގެ އެތެރެ ފަށަލައަށް އެއްޗެއް ހެރިފައި ހުރި ކަމުގައި ވީނަމަވެސް ލޭ އަތުވެދާނެއެވެ.

ނޭފަތާއި ސައިނަސް ގްލޭންޑް ތަކުގައި ޖަރާސީމު އަށަގަތުމުން، އެ ތަންތަނުގެ އެތެރޭގެ ފަށަލަތައް ހިރުވަން ފަށައެވެ. މިގޮތަށް ހިރުވާ ހިރުވުން އިތުރުވެ، އެ ފަށަލަތަކަށް އަނިޔާ ލިބެއެވެ. މިގޮތަށް ލިބޭ އަނިޔާތަކުގައި ނޭފަތުން ލޭ އައުމަކީ ވުން ގާތް ކަމެކެވެ. 

އެކި ކަހަލަ އެލާޖީ ތަކުގައި ނޭފަތުގެ އެތެރޭގެ ފަށަލަ ހިރުވާ، ލިބޭ އަނިޔާރަކުގައިވެސް ލޭ އަތުވެދާނެއެވެ. އަދި އަރިދަފުސް ރޯގާ ފަދަ ބަލިތަކުގައި ނޭފަތުގެ އެތެރޭގައި ހިފާފާ ހުންނަ އަރިދަފުސްތައް ތަތްވުވަށްފަހު، އެ ތަތްކަންމަތީ ނެއްޓިގެން އަންނަ އައުމުގައި ނޭފަތުގެ އެތެރޭގެ ފަށަލަ ހަލާކުވެގެން އާދެއެވެ. އެހެންކަމުން މިއީވެސް ނޭފަތުން ލޭ އަތުވެދާނެ ސަބަބެކެވެ.

ނޭފަތުގެ އެތެރޭގައި ހުންނަ ލޭ ނާރުތަކަކީ ވަރަށް ނާޒުކު ލޭނާރު ތަކެކެވެ. އެހެންކަމުން އިންސާނާގެ ލޭގެ ޕުރެސަރު މަތިވާ ކަމުގައި ވާނަމަ، އެ ނާރުތަކަށް ކުރާ ބާރު ބޮޑުވެއެވެ. ބައެއް ފަހަރަށް މިގޮތަށް އެ ނާރުތަކަށް ކުރާ ބާރު ބޮޑުވެ، ބައެއް ކުދިކުދި ހިމަ ލޭނާރުތައް ފަޅައިގެން ދެއެވެ. ނޭފަތުގެ ތެރޭގައި ހުންނަ މި ހިމަހިމަ ނާރުތައް ނުވަތަ ނާރެއް ފަޅައިގެން ގޮސްފިނަމަވެސް ލޭ އަތުވެދާނެއެވެ. ނާރެއް ފަޅައިގެން ދިއުމޭ ބުނި ނަމަވެސް އެއީ ހަމަ ލޮލަށް ސީދާ ފާހަގަނުވާ ވަރުގެ ކުދިކުދި ހިމަހިމަ ލޭނާރުތަކެވެ. 

ލޭގައި ހުންނަ ލޭމަނާ ކުރާ މާއްދާ، ޕްލޭޓްލެޓްސް މަދުވުމަކީވެސް ނޭފަތުން ލޭ އަތުވެދާނެ ކަމެކެވެ. ލޭ ދިޔާ ކުރާ ބޭސް ކާއިރުގައިވެސް ހިސާބަކަށް މި މާއްދާ މަދުވެދާނެއެވެ. މި ހާލަތު ދިމައިވާ އެއްމެ ބޮޑު އެއް ހާލަތަކީ ޑެންގީ ހުން ޖެހިގެން ޕްލޭޓްލެޓްސް ދައްވާ ދައްވުމެވެ. މިގޮތަށް ލޭނަމާކުރާ މާއްދާ މަދުވުމުން، ހަމަ ކިރިޔާވެސް ނުގޮތަކަށް ނޭފަތުގެ އެތެރޭގެ ފަށަލައަކަށް ލިބޭ ކުއްލި ލޮހުސާނަކުންވެސް ލޭ ނިރާލަފާނެއެވެ. އަދި ނަމާނުވެ، ގިނަ އިރު އަތުވެދާނެއެވެ.

ސައިނަސް ގްލޭންޑް ތަކާއި ނޭފަތުގެ އެތެރޭގެ ހިސާބެއްގައި ސިސްޓެއް ނުވަތަ ޓިއުމަރެއް ފަދަ އެއްޗެއް އިނދެއްޖެ ނަމަވެސް ލޭ އަތުވެދާނެއެވެ. މިގޮތަށް ލޭ އަންނަ އިރު، ބަރު ތަދަކުން ތަދު އިހުސާސް ކުރެވޭނެއެވެ. އަދި މުޅި ބޮލުގައި ރިހި، ބޮލަށް އެނބުރުން އަރާ، ހެޔަށްވެސް ގޮތް ވެދާނެއެވެ. މިފަދަ ހާލަތަކުން ލޭ އަންނަނަމަ، ކުރިން ބުނި އެއްވެސް ކަމެއް އަދި އެނޫންވެސް ކަމެއް މެދުވެރި ނުވެ، ކުއްލި ގޮތަކަށް ހުރެ ލޭ އަތުވެދާނެއެވެ.

މި ބަލާލެވުނީ ޖުމުލަކޮށް ނޭފަތާއި ސައިނަސް ގްލޭންޑްތަކަށް ލިބޭ އެކި އެކި އަނިޔާތަކާއި ދިމައިވާ އެކި އެކި ހާލަތްތަކުގެ ސަބަބުން ނޭފަތުން ލޭ އަތުވެދާނެ ބައެއް ސަބަބުތަކަށެވެ. އަދި މި ނޫނަސް އެހެން ބައެއް ސަބަބުތައް ހުރެދާނެއެވެ. އާއްމުގޮށް ގިނަފަހަރަށް ނޭފަތުން މިގޮތަށް އަންނަ ލެޔަކީ އޭގެ ޠަބީއަތުގައި މަނާވެދާ ލެއެވެ. ނަމަވެސް ލޭމަނާކުރާ މާއްދާ މަދުވެގެން އަންނަ ލެއެއްނަމަ، މަނާވުމުގައި އުނދަގޫކަމެއް ހުރެދާނެއެވެ.