އީދު ނަމާދަށް ފަހު އާއިލާއާއިއެކު އީދު ބޯކިބާ ކެއުމަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ މަޝްހޫރުވެފައިވާ އާދައެކެވެ.

މިގޮތުން މި އާދަކާދަ ދިރުވާ އާލާކުރުމުގެ ގޮތުންނާއި ދިރާގު އީދު ބޯކިބާ ގިނަ އަދަދެއްގެ ފަރާތްތަކަށް ގެނެސްދިނުމުގެ ގޮތުން އެ ކުންފުނިންވަނީ މިއަހަރު 'ދިރާގު އީދު ބޯކިބާ' ނާސްތާއެއް ބޭއްވުމަށް ހަމަޖައްސާފައެވެ.

މި އީދު ސައި ކުރިއަށް ދާނީ މާލެ އާޓިފިޝަލް ބީޗްއާއި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. މާލޭގެ އިވެންޓް ކުރިއަށް ދާނީ މާލެ ސިޓީ ކައުންސިލާއި ގުޅިގެންނެވެ. އަދި ހުޅުމާލޭގެ އިވެންޓް ކުރިއަށް ދާނީ އަރބަންކޯއާއި ގުޅިގެންނެވެ. 

"ދިރާގު އީދު ބޯކިބާ މިއަހަރުވެސް އާންމުންނާއި ހަމައަށް ގެނެސްދީ، ދިވެހިންގެ މި ރީތި އާދާ އިތުރަށް އާލާކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މިފަދަ އިޖްތިމާޢީ ހަރަކާތްތައް ހިންގާ ބޭއްވުމުގައި އަޅުގަނޑުމެންގެ ޕާޓްނަރުން، މާލެ ސިޓީ ކައުންސިލާއި އަރބަންކޯއިން އަބަދުވެސް ދެއްވަމުންދާ އެއްބާރުލު ފާހަގަކޮށް އެފަރާތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ. 

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.