އެފްއޭއެމް ވެޓަރަންސް ލީގުގެ ފައިނަލްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭގެ މައްޗަށް 5-2 އިން ކުރިހޯދައި، ހުޅުމާލެ ވެޓަރަންސް ކްލަބުން އެ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

އެ ޓީމުން މިދިޔަ އަހަރުގެ މުބާރާތުގެ ތަށި ކާމިޔާބުކުރީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) 1-0 އިން ބަލިކޮށްގެންނެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި، މި ދެ ޓީމުގެ ކުރިމަތިލުން ހުޅުމާލެ ވެޓަރަންސް ޓީމުން ކާމިޔާބުކުރީ ވެސް 1-0 އިންނެވެ.

އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ހުޅުމާލެ ވެޓަރަންސް ޓީމުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ އަހުމަދު ގިތުރީސް (ގިތޫ) އެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް ދަ ގްރާންޑޭ އިން އެއްވަރުކޮށްދިނީ އަބްދުﷲ ވަހީދު (ބިންމަ އައްލޯ) އެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، ހުޅުމާލެ ވެޓަރަންސް ޓީމަށް އަލުން ލީޑްނަގައިދިނީ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ހުޅުމާލެ ވެޓަރަންސް ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް މަޖިއްޓޭ އެވެ. ދަ ގްރާންޑޭގެ އަހުމަދު ޝަކީބް އެ ޓީމަށް ފަރަގު ކުޑަކޮށްދީފައިވަނިކޮށް، ހުޅުމާލެ ވެޓަރަންސް ޓީމުން ވަނީ އިތުރު ދެ ލަނޑުޖަހައި މެޗުން މޮޅު ކަށަވަރުކޮށްފައެވެ. މި މެޗުގައި ހުޅުމާލެ ވެޓަރަންސް އިން ޖެހި ހަތަރުވަނަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަހުމަދު ނިޔާޒް (ނިޔާ) އެވެ. އެ ޓީމުގެ ފަހު ލަނޑުޖަހައިދިނީ ގިތޫ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.

ފައިނަލް މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ދަ ގްރާންޑޭގެ ޝަކީބް އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ކީޕަރު ހުސެއިން އަހުމަދެވެ. ފެއާ ޕްލޭ ޓީމަށް ހޮވުނީ މޯލްޑިވްސް ސޮކަ މޭޓްސް ވެޓަރަންސް އެވެ.