10 ވަނަ ޓީއެފްޓީ ރަމަޟާން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި މިރޭ ވައިޑީ އެސްސީ 2-9 އިން ބަލިކޮށް، ލައިކަންސް އިން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ކްލަބް އޯވަންއޯ އެވެ. އެއީ ފައިނަލްގައި އެލްޓީ ބަލިކުރުމަށްފަހު އެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނެނީ؛ ވީކޭ އާއި ޓީއެފްޓީ އެވެ. މި ދެ ޓީމުން ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވެއެވެ.
ވިލިމާލޭގައި ކޮންމެ ރަމަޟާން މަހަކު ދަ ފުޓްސަލް ޓައުން (ޓީއެފްޓީ) އިން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް ކުރިއަށްދިޔައީ މިދިޔަ މާރިޗް މަހުގެ 27 އިން އޭޕްރީލް މަހުގެ 20 ގެ ނިޔަލަށެވެ.
ވިލިމާލެ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ބޮޑު ސްކޯ ނިކުތްއިރު، މި ދެ ޓީމުގައި ވެސް ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ނިސްބަތުން ގިނަ ކުޅުންތެރިންތަކެއް ހިމެނިފައިވެއެވެ.
މިރޭގެ މެޗުގައި ލައިކަންސް އިން ޖެހި ނުވަ ލަނޑުގެ ތެރެއިން، އެ ޓީމުގެ އަލީ ހާފިޒް (ހާއްޕެ) ތިން ލަނޑުޖަހައި ހެޓްރިކް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޝައްފާން (ޝާކާ) އާއި އިސްމާއިލް ވަޖީހު (ވައްޖެ) ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި، ހުސެއިން ޝަރީފް (އޮންލީ) އާއި އަހުމަދު ބައްސާމް (ބައްކު) ގޯލެކެވެ.
ވައިޑީ އެސްސީގެ ލަނޑުތައް ޖަހައިދިނީ ޝިފާޒް އާދިލް (ތުއްތު) އާއި އަހްނަފް ރަޝީދު އެވެ. ވައިޑީ އެސްސީގެ ތިބި ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންގެ ތެރޭގައި؛ ޔާމިން މުހައްމަދު (ޔާންޓެ)، މުހައްމަދު ވިލްފް، ހުސެއިން ސުހައިލް (ސޮކޭ) އާއި އަލީ އިފާޒް ހިމެނެއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލައިކަންސްގެ ހާއްޕެ އެވެ.
މިހާ ދިގު މުއްދަތެއް ވަންދެން ޓީއެފްޓީ ރަމަޟާން ފުޓްސަލް ޗެލެންޖް ކާމިޔާބުކަމާއެކު ބޭއްވުމުގެ މައިގަނޑު އެއް ސަބަބަކީ ގިނަ ބައެއްގެ އެހީތެރިކަން ލިބެމުންދާތީކަން ޓީއެފްޓީ އިން ފާހަގަކުރެއެވެ. އެގޮތުން، ކޮންމެ އަހަރެއްގެ މުބާރާތަކަށް ވިލިމާލޭގެ ޒުވާނުންގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ހާއްސަކޮށް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ކޮންމެ އަހަރެއްގެ މުބާރާތް ބޭއްވުމަށްޓަކައި އެންމެހާ އިންތިޒާމެއް ޓީއެފްޓީގެ ބެލުމުގެ ދަށުން ކުރިއަށްދާއިރު، ހާއްސަކޮށް ކޮންމެ މުބާރާތަކަށް ދަނޑުގެ ކޮންޑިޝަން ރަނގަޅު ކުރުމަށްޓަކައި އެ ކްލަބުގެ ފަރާތުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ވެސް ތީރު މީޑިއާ އަށް މައުލޫމާތު ލިބިފައިވެއެވެ.
