ޕްރެޒިޑެންޓްސް ކަޕްގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، 2-1 ގެ ނަތީޖާއަކުން ބަލިކޮށް ބުރު ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ ބުރުން މި ޑިވިޝަނުގައި ހޯދި ފުރަތަމަ މޮޅެވެ. އެ ޓީމުން މި ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން ޓީސީ ސްޕޯޓްސް އަތުން ވަނީ ބަލިވެފައެވެ. އެކަމަކު، މިރޭގެ ނަތީޖާއާއެކު ޓީސީ ކެޓީ ޕޮއިންޓާއި ހެޑް-ޓު-ހެޑް ރެކޯޑުން މާޒިޔާ އާއި ބުރަށް ކުރިލިބުމުންނެވެ. މި ތިން ޓީމަށް ވެސް ލިބުނީ ތިން ޕޮއިންޓެވެ.

މާޒިޔާ އިން މިރޭގެ މެޗަށް ނިކުތީ އެންމެ ފަހުން ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިން ކަމަށްވާ ސަމޫހު އަލީ (ސަމުއްޓެ) ހަސަން ޝިފާޒް (ޑުންގާ) އާއި ހަސަން ނަޒީމް (ޗޯޓު) އަދި ކީޕަރު މުހައްމަދު ފައިސަލްގެ ބަދަލުގައި މިރޭގެ މެޗުގައި ކުޅުނީ ލިތުއޭނިއާގެ ޑިފެންޑަރު އެޑްގަރާސް ޒާސްކިސް، ހުސައިން ސިފާއު (ކުރޯ) އާއި ނާއިޒް ހަސަން (ދާދު) އަދި ކީޕަރު ހުސައިން ޝަރީފް (ހުސެން) އެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލަކީ، 41 ވަނަ މިނެޓުގައި މާޒިޔާގެ ޑިފެންޑަރު އެޑްގަރާސް ޒާސްކިސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

ދެވަނަ ހާފުގައި ބުރުގެ ލީޑް ފުޅާކޮށްދިނީ ހުސެއިން ޝާވިން އެވެ. މިއީ މެޗުގެ 75 ވަނަ މިނެޓުގައި މާޒިޔާގެ ކީޕަރު ހުސެން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޝާވިން ކާމިޔާބުކުރި ގޯލެކެވެ. 

ބުރުން މިލަނޑުޖެހިތާ މާގިނައިރުތަކެއް ނުވަނީސް މާޒިޔާ އަށް ފަރަގު ކުޑަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އިބްރާހިމް އައިސަމް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ބުރުގެ މުހައްމަދު ސާއިފް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.