މީގެ ދިހަ ވަރަކަށް އަހަރު ކުރީން އިންޓަ ސްކޫލް މުބާރާތެއްގައި ކުޅުންތެރިއެއްގެ ގޮތުގައި ކެރަމްގެ ދުނިޔެ އަށް ތަޢާރަފްވި ހުސެއިން ރައުޝާން އަކީ މިހާރު ރާއްޖޭގެ ކުޅިވަރު އާއިލާ އަށް އާ ނަމެއް ނޫނެވެ. އޭރު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް) ގައި ކިޔަވަމުން ރަސްމީކޮށް ކެރަމްގެ ތެރެއަށް ވަން ނަމަވެސް، މިހާރު އޭނާ އަކީ ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިންގުމުގެ ކުރީ ސަފުގައި އުޅޭ ހީވާގި ޒުވާނެކެވެ.

2013 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ރާއްޖޭގެ ކެރަމް އަށް ތަޢާރަފްވިއިރު، ދެން އޭނާ ފެނިގެންދިޔައީ 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ކެރަމް ވޯލްޑް ކަޕުންނެވެ. ސަން އައިލެންޑްގައި ބޭއްވި މި މުބާރާތުގައި މި ފަހަރު އޭނާ ފެނިގެންދިޔައީ ކުޅުންތެރިއެއްގެ ގޮތުގައެއް ނޫނެވެ. ކެރަމް މެޗުތައް އިންސާފުކުރުމަށް އެންމެ މުހިއްމު މަސްއޫލިއްޔަތުތައް އުފުލަންޖެހޭ، އެއް ފަރާތް ކަމަށްވާ އަމްޕަޔަރެއްގެ ގޮތުގައެވެ. މިއީ އަމްޕަޔަރެއްގެ ގޮތުގައި ރައުޝާން ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި އަލަށް ބޭއްވުނު މި ކެރަމް ވޯލްޑް ކަޕްގައި އަމްޕަޔަރެއްގެ ގޮތުގައި ރައުޝާން ދެއްކި ގާބިލްކަމުގެ ސަބަބުން އެ މުބާރާތުގެ ފައިނަލް މެޗުގައި އިންސާފުކުރުމުގެ ފުރުޞަތު ވެސް ލިބިގެންދިޔައެވެ. އެކަމަކު، އެއަށްފަހު ކެރަމްގެ ދުނިޔެއިން ވަނީ ބްރޭކެއް ނަގާފައެވެ. ހިތާ ދެކޮޅަށް ނަމަވެސް ކެރަމްއާ ކުޑަކޮށް ދުރަށް ޖެހިލީ، މަތީ ތައުލީމަށް ކިޔަވަންވެގެން އެކަށީގެންވާ ވަރަށް ވަގުތު ބޭނުންވެގެންނެވެ.

އިންޓަ ސްކޫލް މުބާރާތެއްގައި ރައުޝާން (މ) ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ސަން.އެމްވީ

ކެރަމްގެ ތެރެއަށް އެނބުރިއައީ 2019 ވަނަ އަހަރު މ. މުލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ޓެސްޓް ސީރީޒް އަށެވެ. މިފަހަރު ރައުޝާން ފެނިގެންދިޔައީ އެ މުބާރާތުގެ ޓެކްނިކަލް ޑައިރެކްޓަރުގެ ގޮތުގައެވެ. 

ދެންޖެހިގެެންއައި 2020 ވަނަ އަހަރަކީ ރައުޝާންގެ ކެރިއަރުގެ އެންމެ ހާއްސަ އަހަރެވެ. މުޅި ދުނިޔެ އަށް ކޮވިޑް-19 ގެ އާލަމީ ވަބާ ކުރިމަތިވީ އަހަރަކީ ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ ގޮތުގައި އޭނާ އައްޔަންކުރެވުނު އަހަރެވެ. މި ބޮޑު ޒިންމާއާ، ހަވާލުވެ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލިއިރު ރައުޝާންގެ އުމުރަކީ 25 އަހަރެވެ. އޭރު އޭނާ އަކީ ރާއްޖޭގައި ހުންނަ ނޭޝަނަލް ސްޕޯޓްސް އެސޯސިއޭޝަން (އެންއެސްއޭ) ތަކުގެ ތެރެއިން މިހާތަނަށް ޖެނެރަލް ސެކެޓްރީގެ މަގާމާއި ހަވާލުވި އެންމެ ޒުވާނާ ކަމަށް ވުން އެކަށީގެންވެއެވެ. 

2022 ވަނަ އަހަރު އިންޑިއާގެ މަހަރާޝްތުރާ ސްޓޭޓްގައި ބޭއްވުނު 49 ވަނަ ސީނިއާ ގައުމީ ކެރަމް ޗެމްޕިއަންޝިޕް އަކީ ރާއްޖޭގެ ކެރަމް އެސޯސިއޭޝަންގެ ޖެނެރަލް ސެކްޓްރީގެ ހައިސިއްޔަތުން ރައުޝާން ބައިވެރިވި ފުރަތަމަ ރަސްމީ އެއް އިވެންޓެވެ. މި މުބާރާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ރައުޝާން ބައިވެރިވީ އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން (އައިސީއެފް) ގެ ސެކެޓްރީ ޖެނެރަލްގެ ދައުވަތަކަށެވެ. އެއަށްފަހު، ހަމަ އެ އަހަރު ގްރީސްގައި އޮތް 62 ވަނަ އިންޓަނޭޝަނަލް ސެޝަން ފޯރ ޔަންގް އޮލިމްޕިކްސް އެމްބެސަޑާސްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުޞަތު ލިބުނީ ވެސް ރައުޝާން އަށެވެ.

ރައުޝާން އަމްޕަޔަރުކަން ކުރި މެޗެއްގެ ތެރެއިން. --

މެލޭޝިއާގެ ލަންކާވީގައި އެ އަހަރުގެ އޮކްޓޫބަރު މަހު ކުރިއަށްދިޔަ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕް އަކީ ރާއްޖޭގެ ގައުމީ ކެރަމް ޓީމާއެކު ޖެނެރަލް ސެކްޓްރީގެ ގޮތުގައި ރައުޝާން ނިކުތް ފުރަތަމަ ބައިނަލް އަގުވާމީ މުބާރާތެވެ. އެ މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރހެން ގައުމީ ކެރަމް ޓީމުން ހޯދީ ކާމިޔާބީގައި އޭރުގެ އެކްސްކޯ އާއެކު ރައުޝާން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އެ މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ކެރަމް ކުޅުންތެރިން ހޯދި ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ފަހުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ފައިސާގެ އިނާމާއި ސެޓްފިކެޓް ދެވިގެންދިޔައިރު، ކުޅުންތެރިން ވަނީ މި ކަމުގެ ކްރެޑިޓް ރައުޝާން އަށް ދީފައެވެ.

ތެދެކެވެ. ރާއްޖޭގެ ކެރަމް އަށް ރައުޝާންގެ ފަރާތުން ލިބެމުން އަންނަ އަގުހުރި ޚިދުމަތްތަކަށް ޝުކުރު ހައްޤެވެ. މުބާރާތްތައް ގިންތި ކުރުމުގައި ކުޑަ، ބޮޑު ތަފާތު ކުރުމެއް ނުގެންގުޅެއެވެ. އެކުގައި މަސައްކަތްކުރާ އެންމެންގެ ލަފާ އާއި އެހީތެރިކަމުގެ ފުރިހަމަ އަށް ބޭނުންހިފައެވެ. 

2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކެރަމް ވޯލްޑް ކަޕްގެ ތެރެއިން. --

މިހާރު ކުރިއަށްދާ 2023 ވަނަ އަހަރަކީ އަނެއްކާވެސް ރައުޝާންގެ ކެރިއަރުގައި މުހިއްމު އަހަރެކެވެ. އެންމެ ފަހުގެ އިންތިހާބަށް ފަހު ކެރަމްގެ އައު އެކްސްކޯއަށް މެންބަރުން ހޮވިިއިރު، ރައުޝާން ވަނީ ދެވަނަ ދައުރަކަށް ޖެނެރަލް ސެކެޓްރީގެ ގޮތުގައި އައްޔަންކޮށްފައެވެ. 

ރައުޝާންގެ އެންމެ ބޮޑު އުއްމީދަކީ ރާއްޖޭގެ އަންހެން އަދި ފިރހެން ކެރަމް ޓީމުން ބައިނަލް އަގުވާމީ މުބާރާތެއްގައި ގޯލްޑް ގެންނާނެ ދުވަހެއް ދުރުން ނޫން މުސްތަގުބަލެއްގައި ފެނިގެންދިއުމެވެ. މިހާރަށްވުރެ ބޮޑަށް ކެރަމްގެ މަގްބޫލްކަން އެންމެންގެ މެދުގައި އިތުރުކުރުމެވެ. އޭނާގެ އުއްމީދަކީ ކެރަމްގައި ކުރިއަށްދިޔުމުގެ ހުވަފެން ދެކެމުން އަންނަ ގިނަ ކުދިންތަކެއް މި ދާއިރާއަށް ނިކުތުމެވެ. ކެރަމްގެ ތެރޭގައި ވީހާވެސް ގިނަ ބަޔަކު ޝާމިލްވެ، އުޅުމެވެ.