ޖަރުމަން ބުންޑެސްލީގާގައި މިރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ބަޔާން މިއުނިކް ބަލިވުމުގެ ފައިދާނަގައި، ބޮރޫޝިއާ ޑޯޓްމަންޑުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ބަޔާނުން ލަނޑެއްޖަހާފައިވަނިކޮށް ފަހަތުންއަރައި މައިންޒް މޮޅުވީ 3-1 އިންނެވެ. ޑޯޓްމަންޑުން ވަނީ އަމިއްލަ ދަނޑުގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެއިންޓްރަކް ފްރޭންކްފާޓް ބަލިކޮށްފައެވެ.
މިރޭގެ މެޗުތަކަށްފަހު މިހާތަނަށް ކުޅުނު 29 މެޗުން ހޯދީ 60 ޕޮއިންޓާއެކު ޑޯޓްމަންޑް އޮތީ އެއްވަނައިގައެވެ. ބަޔާން އޮތީ އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. ޔޫނިއަން ބާލިން އަށް 28 މެޗުން ލިބުނު 52 ޕޮއިންޓާއެކު ތިނެއްގައި އޮތްއިރު، އާރްބީ ލީޕްޒިގު އޮތީ 28 މެޗުން ލިބުނު 51 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.
މައިންޒްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ބަޔާނަށް ލީޑްނަގައިދިނީ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމުގެ ޕޯޒުގީޒް ފުލްބެކް ޔާއޯ ކަންސޭލޯ ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މާނޭ ކާމިޔާބުކުރި ގޯލެކެވެ.
މައިންޒް އިން ނަތީޖާ އަނބުރާލީ ފަހު ހާފުގެ 14 މިނެޓުގެ ތެރޭގައި ތިން ލަނޑުޖަހައިގެންނެވެ. އެ ޓީމުން އެއްވަރުކުރި ލަނޑު، 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލުޑޮވިކް އަޖޯކް އެވެ. މިއީ އެ ޓީމުގެ ލީ ޖައެ-ސުން ބޮލުން ފޮނުވާލި ބޯޅައެއް ބަޔާންގެ ކީޕަރު ޔެން ސޮމާ އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެެ ބޯޅަ އަޖޯކް އަށް ލިބުމުން ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގައި މައިންޒް އިން ފުރަތަމަ ފަހަރަށް ލީޑްނެގީ 73 ވަނަ މިނެޓުގައެވެ. ކަރީމް އޮނިސީވޯ ދިން ޕާހަކުން މި ލަނޑުޖަހައިދިނީ ލެއަންޑްރޮ ބަރޭރޯ އެވެ. އަދި އޭގެ ހަ މިނެޓުފަހުން، އެ ޓީމަށް މޮޅު ކަށަވަރުކޮށްދިނީ އާރޮން ކަރިސޯލް އެވެ.
ލީގުގައި މިރޭ ޑޯޓްމަންޑް ކުޅުނު މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ނެދަލެންޑްސްގެ ފޯވާޑް ޑޮންޔެލް މާލެން އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ޖޫޑް ބެލިންހަމް އާއި މެޓްސް ހުމެލްސް އެވެ.
